14 Aug 2012, 14:06
އައްޑޫ ސިޓީގެ ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގައި ހުޅުޖެހި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ އިތުރު މީހެއްގެ ޝަރީއަތް މިއަދު ފައްޓައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ސ. ހުޅުދޫ، ސީވޭވް، އިބްރާހިމް ސަމާހުގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އަކީ ޓެރަރިޒަމްގެ ދައުވާ ކަމަށެވެ.
ވަކީލު ވިދާޅުވީ އެ ދައުވާ އޭނާގެ މައްޗަށް ކޮށްފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ 7 ޖަހާ އެހާކަންހާއިރު އިތުރު ބަޔަކާ އެކު ހުޅުދޫ މެޖިސްޓްރޭޓް ކޯޓުދޮށަށް އެއްވެ ކޯޓުގެ އިމާރާތަށް އޭނާ ގެއްލުންދީފައި ވާތީ ކަމަށެވެ.
އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގެ ދަށުން ނެވެ.
އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ އެ މައްސަލައިގައި މިހާތަނަށް ޝަރީއަތް ފަށާފައިވާ 12 މީހުންގެ މައްޗަށް ދައުވާ ސާބިތުކުރަން ހުށަހަޅާ ހެކީންގެ ތެރެއިން ފާޅުގައި ހެކިބަސްދޭ މީހުންގެ ނަންތައް ޝަރީއަތަށް އިއްވާފަ އެވެ.
މީގެ އިތުރުން އެ 12 މީހުން ދިފާއުގައި ވެސް މިއަދު ހެކި ހުށަހަޅާފައިވެ އެވެ.
ގާޒީ ވިދާޅުވީ އަންނަ މަހުގެ 11 ވަނަ ދުވަހު ހެކީންގެ ހެކިބަސް ނެގުން އޮންނާނެ ކަމަށާއި ދިފާއުގައި ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނަގަން ފެންނަ ނަމަ އެމީހުން ޝަރީއަތަށް ހާޒިރުކޮށް ހެކިބަސް ނަގާނެ ކަމަށެވެ.
ކޯޓަށް ހާޒިރުކުރެވިފައި ނުވާތީ އެ މައްސަލައިގައި ދައުވާ ލިބޭ 13 މީހުންގެ ތެެރެއިން ހުޅުދޫ، މަދަރުސާ ދޮށުގޭ، ވިޝާހު އަލީ ގެ ޝަރީއަތް އަދި ނުފަށަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ އޭނާ ކޯޓަށް ހާޒިރުކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް ކޯޓުން ކުރާނެ ކަމަށެވެ.