ދިވެހި އަންހެނަކަށް، އޭނާގެ ކުރީގެ ފިރިމީހާ އެކި ގޮތްގޮތުން އުނދަގޫ ކުރާ މައްސަލަ ބޮޑުވެގެން އެންމެ ފަހުން ކޯޓުން އެކަން ހުއްޓުވަން އަމުރެއް ނެރެފިއެވެ.

މިއީ، ރާއްޖޭގެ އެންމެ އުތުރުގެ ރަށެއްގައި ހިނގި ހާދިސާއެކެވެ. މީގެ ދެ އަހަރެއްހާ ދުވަސްކުރިން، މި ދެމަފިރިންގެ ކައިވެނި ރޫޅިފައިވީ ނަމަވެސް އެ ފިރިހެން މީހާ އަންނަނީ މެދު ނުކެނޑި އެކިގޮތްގޮތުން އަންހެން މީހާއަށް ގޯނާ ކުރަމުންނެވެ.

އަންހެން މީހާއަށް އޭނާގެ ކުރީގެ ފިރިމީހާ، ވައިބާ މެދުވެރިކޮށް އެކިފާޑުގެ މެސެޖު ކުރުމާއި އެކިއެކި ވަގު އައިޑީތައް ހަދައިގެން ގުޅައި އުނދަގޫ ކުރުމާއި ބިރު ދެއްކުން ފަދަ މައްސަލަތައް މެދު ނުކެނޑި ކުރަމުން އަންނަ ކަމަށް އަންހެން މީހާ ބުނެއެވެ. އެހެންވެ، އެ މީހާ އެންމެ ފަހުން އެކަމުން ސަލާމަތްވާން އެ މައްސަލަ ހުށަހެޅީ ކޯޓަށެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ މައްސަލައެއްގެ ގޮތުގައި ހުށަހެޅި މި މައްސަލައިގެ ތެރެއިން އެނގުނު ގޮތުގައި ފިރިހެން މީހާ އަންނަނީ އަންހެން މީހާއަށް ފާރަލައި، ބިރު ދައްކައި ނަފުސާނީ ގޮތުންވެސް އެކިއެކި އުނދަގޫތައް ކުރަމުންނެވެ.

މި ފިރިހެން މީހާގެ އުނދަގޫ ބޮޑުވެގެން، އަންހެން މީހާ ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުންވަނީ އެ ފިރިހެން މީހާ ކުރާ އުނދަގޫތައް ހުއްޓުވައިދިނުމަށް ފުލުހުންނާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް އަންގައިފައެވެ. އަދި އެއްވެސް ކަހަލަ އުނދަގުލެއް ނުކުރުމަށް އަންގައިވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ އަންހެން މީހާއާއި ފިރިހެން މީހާގެ ދަރިއެއް ނުހުރެއެވެ. އެކަމަކު އަންހެން މީހާގެ ފަސް އަހަރަށްދާ ކުއްޖާއަށްވެސް ފިރިހެން މީހާ އެކި ގޮތްގޮތުން އުނދަގޫ ކުރާކަން މައްސަލައިގެ ތެރެއިންވަނީ އެނގިފައެވެ.

މި މައްސަލައިގައި، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރެއް އެއް އަހަރު ދުވަހަށް ނެރެފައިވަނީ މި މަހުގެ ތެރޭގައެވެ.