ސަރުކާރުން އެހީ ނުދިނުމުން އަމިއްލަ ޚަރަދުންނާއި ސްޕޮންސަރުންގެ އެހީއާއެކު، ސްރީ ލަންކާގައި ކުރިއަށްދިޔަ އޭޝިއާ ޕެސިފިކް މޮޓޯސްޕޯޓްސް ޗެމްޕިއަންޝިޕްގައި ބައިވެރިވެ ދިވެހި މޮޓޯސްޕޯޓްސް ޓީމު ތާރީޚުން ޖާގަ ހޯދައިފިއެވެ.

މި ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ހަ އެތުލީޓުން ވަނީ ހަތަރު ކެޓަގަރީއެއްގައި ވާދަކޮށްފައެވެ. މެޑަލްއެއް ނުލިބުނު ނަމަވެސް ރޭސިންގް އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް (ރޭމް) އިން މި އިވެންޓު ސިފަކޮށްފައިވަނީ ކާމިޔާބީއެއްގެ ގޮތުގައެވެ.

ރޭމްގެ ސްޕޯޓްސް ސެކްރެޓަރީ މުހައްމަދު ހަމްދާން އައްބާސް ބުނީ، އެ މުބާރާތަށް ދިޔުމަށް އެއްވެސް ވަރަކަށް ފަރިތަ ނުކުރެވޭ ކަމަށާއި ފަރިތަ ކުރުމަށް ސަރުކާރުން ފަހިކޮށްނުދޭ ކަމަށެވެ. އެގޮތުން މުބާރާތުގެ ބައިވެރީންނަށް ޓްރެއިނިން ކޭމްޕެއް ކުރިއަށްގެންދިޔުމަށް މާލީ އެހީއަށް އެދުނު ނަމަވެސް، އެފަދަ އެހީ ސަރުކާރުން ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"އެހެންކަމުން މި ކުރެވުނު މަސައްކަތް ރަނގަޅު. 13 ގައުމެއް ވާދަކުރި ކާޓިންގް ދެ ގަޑި އިރު އެންޑިއުރަންސް އިވެންޓް ނިންމާލެވުނީ ހަތް ވަނައިގައި، މިއީ ފަރިތަކުރުންތަކެއް ލިބުނު ނަމަ ވަރަށް ބޮޑު ތަނުން ރަނގަޅު ކުރެވޭނެ އިވެންޓެއް ކަމަށް ގަބޫލު ކުރެވޭ. އީސުޕޯޓްސް ވެސް ސެމީ ފައިނަލަށް ދެވުން އެއީ ކުރިއެރުމެއް ކަމުގައި ގަބޫލުކުރަނީ،" ހަމްދާން ބުންޏެވެ.

ދެން ރާއްޖެ ބައިވެރިވި ކެޓަގަރީތައް ކަމަށްވާ ޖިމްކާނާ އަދި ކާޓިން ސްލޭލަމް އިން އެދެވޭ ކާމިޔާބީއެއް ނުލިބުނު ނަމަވެސް، ރާއްޖޭގެ ބައިވެރީންނަށާއި އެސޯސިއޭޝަނަށް ވެސް އަގުހުރި ތަޖުރިބާއެއް ކުރެވުނު ކަމަށް ރޭސިން އެސޯސިއޭޝަނުން ބުންޏެވެ.

އެސޯސިއޭޝަނުން ފާހަގަކުރި ގޮތުގައި މި އިވެންޓައް ދާން ހަތަރު މަސްކުރިން މިނިސްޓްރީގައި ބަޖެޓް ސަޕޯޓަކަށް އެދިފައިވާނެއެވެ. އަދި ބައެއް ކެޓަގަރީތަކަކީ ރާއްޖޭގައި ފަރިތަކުރެވޭނެ ކެޓަގަރީތަކަކަށް ވުމުން އެކަމަށް ފަރިތަކުރާނެ ޖާގައެއް ހަމަޖައްސައި ދިނުމަށް އެދުނު ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

"ވަޒީރު އަބްދުﷲ ރާފިޢު އެކަން ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެ މިނިސްޓްރީން ސިޓީ ދީފައިވީ ނަމަވެސް އަދި އެ ނުލިބޭ، އެހެން ކަމުން އިވެންޓަށް ދެވޭނެ ކަމުގެ އުންމީދުވެސް އޮތީ ގެއްލިފައި، ނަމަވެސް ލޯނު އަދި ސުޕޮންސަރުންގެ ދީލަތި އެހީން މުބާރާތުގައި ވާދަކުރީ މިއީވެސް ރާއްޖެއަށް ކުރެވިދާނެ ކަމެއްކަން ދެއްކުމުގެ ނިޔަތުގައި، އަދި ރަނގަޅު ސަޕޯޓެއް ލިބިއްޖެނަމަ މިއަށްވުރެ ފުރިހަމަވާނެކަން ދައްކަން،" އެ އެސޯސިއޭޝަނުން ބުނެއެވެ.

ރޭމްގެ ނައިބު ރައީސް ޝަރުވާން ޝަރީފް ބުނީ، އެ އެސޯސިއޭޝަނުން ވެސް ބޭނުންވަނީ ރާއްޖެއަށް ރީތި ނަން ހޯދައި ދިނުމަށް ކަމަށެވެ.

"ނަމަވެސް ސަރުކާރުން މޮޓޯސުޕޯޓްސް މި އޮންނަނީ ގޭންގް ކުޅިވަރަކަށް ހަދާ ހުއްޓުވާފައި. ދެރަ މައްސަލައެއް. އަޅުގަނޑުމެންގެ ޒުވާން އެތުލީޓުންގެ ކެރިއާ ހަލާކުވެގެން މިދަނީ ސަރުކާރުގެ ވިސްނުން ކޮށިވީމާ. އަޅުގަނޑުމެން އެސޯސިއޭޝަނުން މިކުރާ މަސައްކަތް ބޭކާރުވިޔަ ނުދިނުމަށް އަދިވެސް ސަރުކާރަށް ގޮވާލަން،" އޭނާ ބުންޏެވެ.

ޝަރުއާން ވަނީ، އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރުމުގެ ފުރުސަތަކަށް އެދިފައިވާނެ ކަމަށާއި އެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައެވެ.