ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި އަދި ފަހުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ރިޔާސީ ކޮމިޝަންގެ ރައީސްކަން ވެސް ކުރެއްވި ސެއިހް ހުސެއިން ރަޝީދު އަހުމަދާއި އަދި ޕްރިސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި މުހަންމަދު އަޝްވާން ގަވާއިދާ ހިލާފަށް މުސާރަ ނަގާފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް އާންމު ކުރައްވާފައިވާ ހޯމް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވާ ދެ ބޭފުޅަކު މަސައްކަތް ކުރައްވަމުން ގެންދެވީ އެހެން އޮފީހެއްގައި ކަމަށް ވިޔަސް ހޯމް މިނިސްޓްރީގެ ބަޖެޓުން އެ ދެ ބޭފުޅުންނަށް 860،641.28ރ. ވަނީ ހަރަދުކޮށްފަ އެވެ. އަދި ހޯމް މިނިސްޓްރީން މުސާރަދެމުން ދަނިކޮށް އަޝްވާން ކަސްޓަމުން ވެސް ޖެނުއަރީ މަހުގެ މުސާރައިގެ ގޮތުގައި 35286ރ. ނަގާފައިވާ ކަމަށެވެ. އެ ފައިސާ އަނބުރާ ހޯދަން ޖެހޭނެ ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ. ހުސެން ރަޝީދަށް ހަރަދު ކުރި ފައިސާގެ ތަފްސީލްތަކެއް ހިމަނާފައެއް ނެތެވެ.

އޮޑީޓާ ޖެނެރަލް ނިޔާޒު އިބުރާހިމް ވިދާޅުވެފައި ވަނީ އެ ދެ މަގާމުގައި ތިއްބެވި ބޭފުޅުންގެ ހިދުމަތް ހޯމް މިނިސްޓްރީ އަށް ލިބިފައި ނުވާ އިރު އެ ދެ މަގާމަކީ އެ މިނިސްޓްރީ އަށް ބޭނުންވެގެން ރައީސް އުފެއްދެވި ދެ މަގާމު ކަމުގައި ބެލެވެން ނެތް ކަމަށާއި މުވައްޒިފުންނަށް މުސާރަ ދޭން ޖެހޭނީ އެ މުވައްޒަފަކު މަސައްކަތް ކުރާ އޮފީހެއްގެ ބަޖެޓުން ކަމަށެވެ.

"މިގޮތަށް ހަރަދުކުރުމަކީ ދައުލަތުގެ ބަޖެޓަރީ އުސޫލާ ހިލާފަށް ކުރެވިފައިވާ ކަމެއް ކަމަށާއި މާލީ ބަޔާންތަކުގެ ސައްހަކަން ގެއްލިގެންދާނެ ކަމެއް ކަމުގައި ފާހަގަކުރެވެ އެވެ،" ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައި މި ނޫނަސް ބައެއް ސިވިލްސާވެންޓުންނަށް ވެސް މަސައްކަތް ކުރާ ސެކްޝަނެއްގެ ބަޖެޓުން ނޫންގޮތަށް ސީދާ މިނިސްޓްރީގެ ބަޖެޓުން މޫސާރަ ދީފައިވާކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި މީގެ އިތުރުން ހަރުމުދަލުގެ އިންވެންޓްރީ އާއި ހިސާބުތައް ދިމާނުވާ މައްސަލަ ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި ބައެއް ކޮންޓްރެކްޓްތައް ހަވާލުކޮށްފައިވާ ގޮތާއި ފައިސާ ހަރަދުކޮށްފައިވާ ގޮތުގައި ހުރި ބައެއް މައްސަލަތައް ވެސް ވަނީ ފާހަގަކޮށްފަ އެވެ.