16:30


ރާއްޖެއަށް ބަޔަކު ހަމަލާދޭން އުޅޭ ކަމަށް ބުނާ މައްސަލައާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅަމުންދާ ކަމަށާއި އެ މައުލޫމާތަކީ ހަގީގަތަކަށް ނުވިކަމުގައި ވިޔަސް އެ ހަބަރު ފެތުރިގެން އައި ގޮތް، ސާރުކާރުން ސީރިއަސްކޮށް ނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފި އެވެ.


ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ބޭރުގެ އިންޓެލިޖެންސީ ނެޓްވޯކް ތެރެއިން ލިބިފައިވާ މައުލޫމާތެއް ކަމަށް ބުނެ އިދިކޮޅު ޑީއާރްޕީން ސަރުކާރާ ހިއްސާކޮށްފައިވާ ހަމަލާއާ ގުޅިގެން ކުރަންޖެހޭ ކަންތައްތަކާއި ބަލަންޖެހޭ ކަންތައްތައް އަދިވެސް ބަލަމުން އަންނަ ކަމަށާއި އެކަމާ ބެހޭ ތަފުސީލު މައުލޫމާތުތަކެއް ހުރި ނަމަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އާންމު ކުރައްވާނެ ކަމަށެވެ.


ޒުހައިރު ވިދާޅުވި ގޮތުގައި ބޮޑު އިދިކޮޅު ޕާޓީން ހިއްސާކޮށްފައިވާ ގައުމީ ސަލާމަތާ ބެހޭ އެ މައްސަލަ އަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގެން ކުރިޔަށްދާއިރު އެއީ ދޮގު ހަބަރަކަށް ވެއްޖެ ނަމަ ވެސް ސަރުކާރު އެކަން ސީރިއަސްކޮށް ނަގައި އެފަދަ ދޮގު ހަބަރެއް ފެތުރިގެން އައި ގޮތުގެ ހަގީގަތް ހޯއްދުމަށް މަސައްކަތް ކުރާނެ އެވެ.  


"މިކަން ދޮގަކަށް ވިޔަސް އެ ފެތުރުނު ހަބަރުގެ ސަބަބުން ކަންތައްތަކެއް ވެގެން އެބަދޭ، އެހެންވީމާ އެކަން ވެސް ސީރިއަސްކޮށް ބަލާނަން،" ޒުހައިރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޑީއާރްޕީން މައުލޫމާތު ހިއްސާ ކުރި ފަހުން އިތުރު އެއްވެސް މައުލޫމާތެއް ޑީއާރްޕީން ވެސް ސަރުކާރަށް ލިބިފައި ނުވާ ކަމަށެވެ. ­­­


ރާއްޖެ އަށް ހަމަލާދީ ރައީސް ނަޝީދާއި ކުރީގެ ރައީސް މައުމޫނާއި ސިޔާސީ އިސް ލީޑަރުންނާއި ބައެއް ބޭރުގެ ޑިޕްލޮމޭޓުން އަވަހަރާކޮށްލަން ރާއްޖޭން ބޭރު ގައުމެއްގައި ރާވަމުންދާ ކަމުގެ ސީރިއަސް މައުލޫމާތެއް ލިބެމުންދާތީ އެ މައުލޫމާތު ދިވެހި ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށް ޑީއާރްޕީން މި މަހުގެ 22 ވަނަ ދުވަހު އެވެ. ­­­­