14:30


އަރަބިއްޔާ ސްކޫލްގެ ކިޔެވުން ކުރީގެ އެމްއީއެސް ހުރި އިމާރާތަށް ބަދަލުކޮށް އާދިއްތަ ދުވަހު ކިޔަވައިދޭން ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.


އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ތަންތަންގަނޑު ވެއްޓި، ދަރިވަރުންނަށް ނުރައްކާވާ ހިސާބަށް ގޮސް، ސްކޫލްގެ ކިޔެވުން މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލުމަށްފަހު، އަރަބިއްޔާ ސްކޫލްގެ ކިޔެވުން، ކުރިން އެމްއީއެސް ހުރި އިމާރާތުގައި ކުރިއަށް ގެންދިއުމަށް އެ ސްކޫލްގެ ބެލެނިވެރިން އިއްޔެ ނިންމުމާ ގުޅިގެން އެސްކޫލްގައި ކިޔަވަން ފެށުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަރަބިއްޔާއިން ބުނެ އެވެ.


އަރަބިއްޔާގެ މުދީރު އައްޝައިހް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ އެމްއީއެސް ސްކޫލަށް އަރަބިއްޔާ ބަދަލުކުރުމުގެ ކުރިން ކުރަންޖެހޭ ބައެއް ކަހަލަ މަރާމާތުތައް އެބަހުރި ކަމަށާއި އަދި އެސްކޫލަކީ ކުރިން ކުދިން ކިޔަވާފައި ހުރި ސްކޫލަކަށް ވާތީ ފާރުތަކުގައި ކުރަހާފައި ހުރި އެއްޗެހި ފިލުވައި، ކުލަލުމުގެ މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.


ގްރޭޑް އެކަކުން ބާރައާ ހަމައަށް ކިޔަވައިދެމުން އަންނަ އަރަބިއްޔާ ސްކޫލްގެ މުދީރު އިތުރަށް ވިދާޅުވީ އެމްއީއެސްގެ 12 ކްލާސް ރޫމްގައި ދެ ސެޝަނަށް ކުދިންގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކްލާސްރޫމްތައް މަދުވުމުގެ މައްސަލަ ކުރިމަތިވި ނަމަވެސް އެމްއީއެސްގެ ކްލާސް ރޫމްތައް ބޮޑެތިވުމުން ކުދިން މަދު އެއް ގްރޭޑެއްގެ ދެ ކްލާސް އެއްކޮށްލައިގެން ދެ  ޓީޗަރުން ބޭނުންކޮށްގެން ކިޔެވުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް އެއްކޮށްލަން ޖެހެނީ ދެތިން ކްލާހެއް ކަމަށް ވެސް މުދީރު ވިދާޅުވި އެވެ.


ޖުމްލަ 630 ކުދިން ކިޔަވަމުންދާ އަރަބިއްޔާގެ އިމާރާތް ބާވެ، އެ ސްކޫލްގެ ކިޔެވުން ހުއްޓާލަން ޖެހުމާ ގުޅިގެން އެ ސްކޫލްގެ ދަރިވަރުން ވަގުތީ ގޮތުން ކިޔެވުން ފެށުމަށް އެމްއީއެސް އާއި އަމީރު އަހުމަދު ސްކޫލުން ކުރެ ސްކޫލެއް އިހްތިޔާރުކުރުމަށް އެޑިއުކޭޝަނުން އަރަބިއްޔާ އަށް ފުރުސަތު ދިނުމާ ގުޅިގެން އެ ސްކޫލްގެ ބޯޑުން ނިންމާފައި ވަނީ އެ ސްކޫލްގެ ބެލެނިވެރިން ހިޔާލެއް ހޯދުމަށެވެ. އެގޮތުން އިއްޔެ ނެގި ވޯޓުގައި ގާތްގަނޑަކަށް 400 އެއްހާ ބެލެނިވެރިން ބައިވެރިވެ ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން ފާސްވެފައި ވަނީ ކުރިން އެމްއީއެސް ހުރި އިމާރާތުގައި އަރަބިއްޔާގެ ކިޔެވުން ކުރިއަށް ގެންދިއުމަށެވެ.