ދެ ބޭފުޅަކަށް ހައްޖު ދަތުރެއް ލިބޭ ގޮތަށް އެސްޓީއޯ "ހިޓާޗީ ރަމަޟާން ރޯދި"ގެ ނަމުގައި ފެށި ޕްރޮމޯޝަންގެ މުއްދަތު މިއަންނަ މަހުގެ 30ގެ ނިޔަލަށް އިތުރުކޮށްފި އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހުން މިމަހުގެ 20 ވަނަ ދުވަހަށް ކުރިން ގެންދިއުމަށް ހަމައްސާފައިވާ އެ ޕުރޮމޯޝަނުގެ މުއްދަތު އިތުރުކުރީ ހުޅުމާލޭގައި އެސްޓިއޯ އިން ހުޅުވި "ހިޓާޗީ ފުޓްސެލް އެރީނާ"އާ ގުޅުވައިގެން ކަމަށް އެސްޓިއޯ އިން ބުންޏެވެ. އަދި ބުނީ މުއްދަތު އިތުރުކުރުމާ އެކު މިހާރު ކުރިއަށް ވުރެ އަގުހެޔޮކޮށް ހިޓާޗީ ފުރިޖް އާއި އޭސީ އާއި ދޮންނަ މެޝިނުގެ އިތުރުން ޕަމްޕް ފަދަ އެއްޗެތި ލިބެން ހުންނާނެ ކަމަށާއި އެގޮތުން ބައެއް އައިޓަމްތަކުން 32 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

އެ ޕުރޯމޯޝަން ކުރިއަށްދަނީ އެސްޓީއޯ ހޯމް އިންޕުރޫވްމަންޓުންނާއި އެސްޓީއޯ ސުޕަމާކެޓުގެ އިތުރުން ރީޖަނަލް ފިހާރަތަކުން ނެވެ. އެގޮތުން އެ ޕުރޮމޯޝަނުން ގަންނަ ކޮންމެ ހިޓާޗީ ޕްރޮޑެއްޓެއްގެ ތެރެއިން 300ރ. ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް ވެސް އެސްޓިއޯ އިން ބުންޏެވެ.

އެ ޕްރޮމޯޝަން ނިމުމުން ގުރުއަތުން ނެގޭ އެއް ވަނަ ފަރާތަކަށް ދިނުމަށް ހަމަޖެހިފައި ވަނީ ދެ ބޭފުޅަކަށް ހައްޖު ދަތުރެކެވެ. އަދި ދެ ވަނަ އިނާމަކަށް ދޭ ގޮތަށް ހަމަޖައްސާފައި ވަނީ ދެ ބޭފުޅަކަށް އުމްރާ ދަތުރެކެވެ.