ދެކުނު އިރުމަތީ އޭޝިއާގައި މީހުން މަރުވާ އެންމެ ބޮޑު އެއް ސަބަބުގެ ގޮތުގައި ހިތުގެ ބަލި ހިމެނޭ ކަމަށާއި، ހިތުގެ ބައްޔެއްގައި ކޮންމެ މިނެޓަކު އަށް މީހުންގެ ފުރާނަ ގެއްލޭ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ހާމަކޮށްފިއެވެ.

ދުނިޔޭގެ ހިތުގެ ދުވަސް ކޮންމެ އަހަރަކު ވެސް ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހު ފާހަގަކުރަނީ ހިތުގެ ބަލިތަކަށް މީހުން ހޭލުންތެރިކުރުމަށާއި ފުރާނަ ސަލާމަތްކޮށް، ބަލި ރަނގަޅުކުރުމަށްޓަކައި ބަލި އަވަހަށް ދެނެގަތުމުގެ މުހިންމުކަން އަންގައިދިނުމަށެވެ.

ދުނިޔޭގެ ހިތުގެ ބަލީގެ ދުވަހުގެ މި އަހަރުގެ ތީމަކީ 'ޑޯންޓް މިސް އަ ބީޓް' ނުވަތަ 'ވިންދެއް ގެއްލުވާނުލާށޭ'އެވެ.

"ޑަބްލިޔުއެޗްއޯ ސައުތު-އީސްޓް އޭޝިއާ ރީޖަންގައި ކޮންމެ މިނެޓަކު ކާޑިއޯ ވެސްކިއުލާ ޑިޒީޒް (ސީވީޑީ)ގެ ސަބަބުން އަށް މީހަކު މަރުވާއިރު، ސީވީޑީއަކީ މި ސަރަހައްދުގައި މީހުން މަރުވާން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބު. އޭގެ ތެރެއިން ދެބައިކުޅައެއްބައި މީހުންނަކީ 70 އަހަރުން ދަށުގެ މީހުން،" ޑަބްލިއުއެޗްއޯ ސައުތު-އީސްޓް އޭޝިއާގެ އޮފިސަރު އިން ޗާޖް ޑރ ކެތަރީނާ ބޮއެހްމޭ ވިދާޅުވިއެވެ.

ސީވީޑީއަށް ނުރައްކާވާ ބޮޑެތި ކަންތައްތަކުގެ ތެރޭގައި ހައިޕާޓެންޝަން، ހަކުރުބަލި، ދުންފަތުގެ އިސްތިއުމާލުކުރުން، ބަނގުރާ ބުއިމާއި، އަދި ސަރުބީ ލޮނު ގިނައިން އެކުލެވޭ ކާނާ ބޭނުންކުރުމާއި ހަރަކާތްކޮށް ކަސްރަތުކުރުން މަދުވުން ހިމެނޭ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

"މި ސަރަހައްދުގައި ހައިޕާޓެންޝަންއާއި ހަކުރުބަލީގައި ދިރިއުޅޭ މީހުންގެ ތެރެއިން 85 ޕަސެންޓް މީހުންގެ ހާލަތު ކޮންޓްރޯލް ނުކުރެވޭ،" ބޮއެހްމޭ ވިދާޅުވިއެވެ.

"ސަރަހައްދުތަކުގައި މީހުން ދިރިއުޅޭ މިންވަރު އިތުރުވުމާ ގުޅިގެން ސީވީޑީއަށް ނާޒުކުކަން އިތުރުވެ، މިހާރު ވެސް ވަސީލަތްތައް މަދު ސިއްޚީ ނިޒާމުތަކަށް ޕްރެޝަރު ކުރޭ،"

މީގެ އިތުރުން، ގައުމުތަކުން އަޅާފައިވާ މާލީ އަދި ރެގިއުލޭޓަރީ ފިޔަވަޅުތައް އެކަށީގެން ނުވުމާއި، ސިޔާސަތުތައް ތަންފީޒުކުރުން ބަލިކަށިވުމާއި، ސިއްޙަތަށް ގެއްލުންދޭ ތަކެތި އިޝްތިހާރުކުރުން މަނާކުރުން ހިމެނޭހެން ތަކެތި މާކެޓް ކުރާގޮތް ރަނގަޅަށް މޮނިޓާ ނުކުރެވުމަކީ ވެސް ބައްޔަށް ހުށަހެޅޭ ކަންތައްތައްތަކުގެ ގޮތުގައި ފާހަގަކުރެވޭ ކަމަށް ބޮއެހްމޭ ވިދާޅުވިއެވެ.

ނަމަވެސް، މާހިރުން ވިދާޅުވާ ގޮތުގައި މިދިޔަ ދެ އަހަރު ތެރޭގައި ގައުމުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.

އެގޮތުން، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާންމު ސިއްޙި ޚިދުމަތްދޭ ތަންތަނުން ދަނީ ހައިޕާޓެންޝަން އަދި ހަކުރުބަލީގެ 90 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ބޮއެހްމޭ ވިދާޅުވިއެވެ. އަދި، ހިތުގެ ބައްޔާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ބޭނުންތެރިކަމަށް އަލިއަޅުއްވާލައްވައި، ސީވީޑީއަށް ހައްލެއް ހޯދުމަށް މުޅި މުޖުތަމައުގެ ތަފާތު ގްރޫޕްތަކަށް އަމާޒުކޮށް ޕްރޮގްރާމްތައް ގެންދިއުމަށް ބޮއެހްމޭ ގޮވާލެއްވިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމާއި، ލޮނު ބޭނުންކުރާ މިންވަރު މަދުކުރުމާއި، ކޮންމެ ދުވަހަކު ކަސްރަތުކުރުމާއި ސްޓްރެސް މެނޭޖްކުރުމަކީ ދުޅަހެޔޮ ހިތަކަށް މުހިންމު ފިޔަވަޅުތަކެއް ކަމަށާއި، ސަރުކާރުތަކަށާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ލޮނު ބޭނުންކުރާ މިންވަރު މަދުކުރުމަށް ފިޔަވަޅުތަކެއް އެކަށައަޅައި ތަންފީޒުކުރުމާއި، ކާބޯތަކެތީގެ ސަޕްލައިތަކުން ސިނާއީ ގޮތުން އުފައްދާ ޓްރާންސް ފެޓްސް ނައްތާލުމާއި، ދުންފަތް ކޮންޓްރޯލްކުރުމުގެ ފުރިހަމަ ގާނޫނުތައް ތަންފީޒުކުރުމަކީ ސަރުކާރުތަކުން އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންކަމަށް ހަދަން ޖެހޭ ކަމަށް ވެސް ބޮއެހްމޭ ވިދާޅުވިއެވެ.

ހިތުގެ ސިއްޙަތަށް ދުވަހެއް ޚާއްސަކުރުމުގެ ޚިޔާލު އެންމެ ފުރަތަމަ ހުށަހެޅުއްވީ 1999 ވަނަ އަހަރު ވޯލްޑް ހާޓް ފެޑެރޭޝަންގެ އޭރުގެ ރައީސް ޕްރޮފެސަރު އެންޓޯނީ ބަޔެސް ޑި ލޫނާ، ޑަބްލިޔުއެޗްއޯއާ ގުޅިގެންނެވެ.

ދުނިޔޭގެ ހިތުގެ ބަލީގެ ދުވަހުގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައެޅީ 2000 ވަނަ އަހަރުގެ ސެޕްޓެންބަރު 24 ވަނަ ދުވަހެވެ. އެގޮތުން، 2011 ވަނަ އަހަރާ ހަމައަށް މި ދުވަސް ފާހަގަކުރަމުން އައީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެންބަރު މަހުގެ އެންމެ ފަހު އާދީއްތަ ދުވަހުގައެވެ. ނަމަވެސް، 2012 ވަނަ އަހަރު ދުނިޔޭގެ ލީޑަރުން ވަނީ މި އަހަރުގެ ނިޔަލަށް ބަލިތައް ޖެހިގެން އުމުރުގެ ކުރީކޮޅު މަރުވާ މީހުން 25 ޕަސަންޓަށް މަދުކުރުމަށް އަމާޒު ކަނޑައަޅާފައެވެ. މި މިޝަން ހަރުދަނާ ކުރުމަށްޓަކައި 29 ސެޕްޓެންބަރު ރަސްމީކޮށް ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ކަނޑައެޅީއެވެ.