ބޮލީވުޑް އެކްޓަރު އަޔުޝްމާން ކުރާނާ ވެމްޕަޔަރެއްގެ ކެރެކްޓާ ކުޅެފައިވާ ފިލްމު "ތާމާ"އަކީ ފިލްމީ ކެރިއަރުގައި ލިބުނު ވަރަށް ޚާއްސަ ފުރުސަތެއް ކަމަށް އެކްޓަރު ބުނެފިއެވެ.

މި ފަހަކަށް އައިސް ހޮރޯ ކޮމެޑީ ޖޯންރާގެ ގިނަ ފިލްމުތަކެއް އުފައްދަމުން އަންނަ މެޑްޑޮކް ފިލްމްސްގެ ހޮރޯ ޔުނިވާސްއަށް އެކްޓަރު ކުޅޭ ފުރަތަމަ ފިލްމު "ތާމާ"އަކީ އަޔުޝްމާން އަބަދު ވެސް އިންތިޒާރުކުރި ކަހަލަ ފުރުސަތެއް ކަމަށް ވަނީ ބުނެފައެވެ.

މެޑްޑޮކް ފިލްމްސް ފަދަ އުފެއްދުންތެރި އޯޑިއަންސްގެ ރަހަތައް އެނގިގެން ފިލްމު އުފައްދާ ކުންފުންޏަކާ އެކު މަސައްކަތްކުރުމަކީ ކޮންމެ ފިލްމީ ތަރިއެއްގެ ވެސް އުންމީދު ކަމަށް އަޔުޝްމާން ވަނީ ބުނެފައެވެ.

ފިލްމު "ތާމާ"ގެ މަންޒަރެއްގައި އަޔުޝްމާން އާއި ރަޝްމިކާ--ފޮޓޯ/ހިންދުންސްތާންޓައިމްސް

ހަމައެއާއެކު މިހާތަނަށް މެޑްޑޮކްގެ ހޮރޯ ޔުނިވާސްއިން ގެނެސްދީފައިވާ ގިނަ ފިލްމުތަކަކީ އަޔުޝްމާންއަށް ވަރަށް ކަމުދިޔަ ފިލްމުތައް ކަމަށާއި އެހެންވެ އެ ޔުނިވާސްގެ ފިލްމަކަށް އިންތިޒާރުކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށް ނެޝަނަލް އެވޯޑު ވެސް ކާމިޔާބުކޮށްފައިވާ އެކްޓަރު ވަނީ ބުނެފައެވެ.

މި ފިލްމުން ލިބުނު ފުރުސަތާ އެކު ކެރިއަރުގައި ކުރިއަށްދިޔުމަށް އިތުރު ހިތްވަރެއް ލިބި އެފަދަ ޖޯންރާތަކުން ކުރިމަގުގައި އަޔުޝްމާންއަށް ފުރުސަތުތަކެއް ފަހިވާނެކަމުގެ އުއްމީދު އެބައޮތް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ސައުތު ސިނަމާގެ އިތުރުން މިހާރު ބޮލީވުޑަށް ވެސް ތައާރަފުވެފައިވާ ބަތަލާ ރަޝްމިކާ މަންދަންނާ، އެކްޓަރު ނަވާޒުއްދީން އަދި ޕަރޭޝް ރަވާލް މުހިއްމު ރޯލަކުން ފެންނާނެ "ތާމާ"އަކީ މަގުބޫލު ފިލްމު "މުންޖްޔާ"ގެ ޑައިރެކްޓަރު ސަރްޕޯތުދަރުގެ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވަނީ ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ 21ވަނަ ދުވަހެވެ.