ބޮލީވުޑްގެ ފިލްމީ ތަރިންގެ މެދުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނަ އަދި އެންމެ ޝަރަފުވެރި ފިލްމު އެވޯޑު ކަމަށްވާ ފިލްމުފެއާ އެވޯޑުގެ މި އަހަރުގެ ނޮމިނޭޝަންތައް އިއުލާނުކޮށްފިއެވެ.

މި އަހަރުގެ ފިލްމުފެއާ އެވޯޑުގެ އެންމެ ގިނަ ކެޓަގަރީތަކުގެ ކުރީގައި އުޅެނީ އާމިރު ޚާން ޕްރޮޑިއުސްކޮށް ކިރަން ރާއޯ ޑައިރެކްޓްކުރި ފިލްމު "ލާޕަތާ ލޭޑީސް"އެވެ.

އޭގެތެރޭގައި އެންމެ މޮޅު ފިލްމު ކެޓަގަރީ، އެންމެ މޮޑު ޑައިރެކްޓަރުގެ ކެޓަގަރީ، ކްރިޓިކުން ހޮވާ އެންމެ މޮޅު ފިލްމުގެ ކެޓަގަރީ، އެންމެ މޮޅު ލީޑް އެކްޓަރުގެ ކެޓަގަރީ، ސަޕޯޓިންގް ރޯލް، ބެސްޓް ޑެބިއު ކެޓަގަރީ، އެންމެ މޮޅު މިއުޒިކު، ލިރިކްސް އަދި ޓެކްނިކަލް ކެޓަގަރީތައް ހިމެނެއެވެ.

ފިލްމު "ލާޕަތާ ލޭޑީސް"އާ އެންމެ ގާތުން އެ ކެޓެގަރީތަކަށް ދެން ވާދަކޮށްފައި ވަނީ ފިލްމު "އިސްތިރީ 2" އަދި އަޖޭ ދޭވްގަން ލީޑް ރޯލް ކުޅުނު ފިލްމު "މައިދާން"އެވެ. މީގެއިތުރުން ފިލްމު "އާޓިކަލް 370" ވެސް ވަނީ އެންމެ މޮޅު ފިލްމު، އެންމެ މޮޅު ޑައިރެކްޓަރު، ސްކްރީންޕްލޭ އަދި އެންމެ މޮޅު އެކްޓަރުންގެ ކެޓަގަރީއަށް ނޮމިނޭޓްވެފައެވެ.

މިދިޔަ އަހަރުގެ ފިލްމުފެއާ އެވޯޑްސްގައި ވިދާލި ތަރިންތައް--ފޮޓޯ/ފިލްމުފެއަ

ފިލްމު ކްރިޓިކުން މި އަހަރުގެ އެންމެ މޮޅު ބަތަލާއިންގެ ކެޓަގަރީއަށް ބަތަލާ އާލިއާ ބަޓް އަދި ކަރީނާ ކަޕޫރު ޚާންގެ ނަން ނޮމިނޭޓްކޮށްފައިވާއިރު މި ދެ ބަތަލާއިންނާ އެކު ފިލްމު "ލާޕަތާ ލޭޑީސް"އިން އަލަށް އިންޑަސްޓްރީއަށް ތައާރަފްވި ދެ ޒުވާން ބަތަލާއިން ކަމަށްވާ ނިތާންޝީ ގޮއެލް އަދި ޕްރަތިބާ ރާންތާގެ ނަން ވެސް ވަނީ ނޮމިނޭޓްކޮށްފައެވެ. އެހެންކަމުން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަނީ މި ތަރިންގެ ތެރެއިން އެވޯޑު އުފުލާލާނެ ބަތަލާއެއް ބެލުމަށެވެ.

ކްރިޓިކުން އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީއަށް ނޮމިނޭޓްކުރި ތަރިންގެތެރޭ ފިލްމު "އައި ވޯންޓު ޓޯކް"އިން އަބިޝޭކް ބައްޗަން، "މެޑްގައުން އެކްސްޕްރެސް"އިން ޕްރަތިކް ގާންދީ، "ސްރީކާންތު"އިން ރާޖްކުމާރު ރާއޯ، "ސްވަތަންތުރަޔާ ވީރު ސަވަރުކާރު"އިން ރަންދީޕް ހޫޑާ، އަދި "ލާޕަތާ ލޭޑީސް"އިން ސްޕާޝް ޝްރިވާސްތަވް ހިމެނެއެވެ.

ފިލްމުފެއާ އެވޯޑު ދެމުން އަންނަތާ މި އަހަރު 70 އަހަރު ފުރޭއިރު މިއީ ބޮލީވުޑްގެ އެންމެ ގިނަ ފަންނާނުން އެއް އެވޯޑު ޝޯއަކުން ފެންނަ އެންމެ ވަރުގަދަ އެވޯޑު ހަފްލާއެވެ. މި އަހަރުގެ ފިލްމުފެއާ އެވޯޑު ޝޯ އޮންނާނީ މި ފެށޭ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އިންޑިއާގެ ގުޖްރާތުގެ ސިޓީއެއް ކަމަށްވާ އަހްމަދުއާބާދުގައެވެ.