29 Sep 2025, 09:25
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުގައި މޯދީގެ ރޯލް ކުޅެން ހަމަޖެހިފައިވާ އިންޑިއާގެ ދެކުނުގެ އެކްޓަރު އުއްނީ މުކަންޑާއަށް ބޮލީވުޑްގެ އިތުރު ދެ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ބުނާގޮތުން މަޅަޔާލަމް އެކްޓަރު އުންނީ ސޮއިކޮށްފައި ވަނީ ރިލަޔަންސް އެންޓަޓެއިންމަންޓްއިން އުފައްދާ ހިންދީ ދެ ފިލްމަކަށެވެ. އެކަން ރިލަޔަންސް އެންޓަޓެއިންމަންޓްގެ ރަސްމީ އެކްސް އެކައުންޓުގައި ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އުންނީ އެ ކުންފުނީގެ ދެ ފިލްމަކަށް ސޮއިކުރިކަން އިއުލާނުކޮށްފައި ވަނީ އެކްޓަރުގެ އުފަންދުވަހާ ގުޅުވައިގެންނެވެ. ފިލްމު "މާކޯ" އަދި ގަރުދާން" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި އެކްޓަރު ސޮއިކޮށްފައި ވަނީ ކޮންކަހަލަ ޖޯންރާގެ ފިލްމުތަކަކަށް ކަމެއް އަދި އެ ފިލްމުތަކާ ބެހޭ ތަފުސީލެއް ވެސް ރިލަޔަންސްއިން ހާމަކޮށްފައެއް ނުވެއެވެ.

އުއްނީގެ ކެރިއަރުގެ އެންމެ މުހިއްމު އެއް ފިލްމު "މާ ވަންދޭ"ގެ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއަ
"މާ ވަންދޭ"ގެ ނަމުގައި އުފައްދާ މޯދީގެ ބައޮޕިކް ފިލްމަކީ ސިލްވާ ކާސްޓް ކްރިއޭޝަން ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމެކެވެ. އެ ބައޮޕިކްއަށް ސޮއިކުރިކަން އުންނީ އިއުލާނުކޮށްފައި ވަނީ މި މަހުގެ ކުރީކޮޅުއެވެ.
ބޮޑުވަޒީރު މޯދީގެ ތުއްޕުޅު ދުވަސްވަރުން ފެށިގެން ދިރިއުޅުމުގައި ހިނގާފައިވާ މުހިއްމު ކަންކަމުގެ އިތުރުން އިންޑިއާގެ އެންމެ ނުފޫޒުގަދަ ސިޔާސީ ލީޑަރަށް ވުމަށް ކުރެއްވި ދަތުރުފުޅުގެ ވާހަކަ މި ފިލްމުން ވަރަށް ރަނގަޅަށް ދައްކުވައިދެނޭ ކަމަށް އުންނީ ވަނީ ބުނެފައެވެ. އަދި އެފަދަ ޝަހްސިއްޔަތެއްގެ ކެރެކްޓާ ކުޅެން ލިބުނު ފުރުސަތަކީ ފިލްމީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.