މިހާރު ވެސް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ސޮއިކޮށްފައިވާ އެކްޓަރު ޝާހްރުކް ޚާންގެ އާ ފިލްމު "ކިންގް"ގެ ރޯލަކަށް އެކްޓަރު ކަރަންވީރު މަލްހޯތުރާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދާދިފަހުން އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދިން ސުޕަނެޗުރަލް ހޮރޯ ތުރިލަ ފިލްމު ސީރީސް "އަނދޭރާ"ގެ މުހިއްމު ރޯލް ކުޅުނު އެކްޓަރު ވަނީ ޕޮލެންޑްގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ޝާހުގެ ފިލްމު "ކިންގް"ގެ ވެސް ބޮޑު ބައެއް ޕޮލެންޑްގައި ޝޫޓްކުރަމުންދާތީ ކަރަންވީރު ސޯޝަލް މީޑިއާގައި ޕޯސްޓުކުރި އެ ފޮޓޯތަކާ އެކު ކަރަންވީރު ވެސް އެއީ "ކިންގް"ގެ ކާސްޓުންގެތެރޭ ހިމެނޭ އެކްޓަރެއްކަން ކަށަވަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާން ދަރިފުޅު ސުހާނާ ޚާންއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑް ރިޕޯޓުތައް ބުނާގޮތުން ކަރަންވީރު ފިލްމުގައި ކުޅޭ ކެރެކްޓާގެ ގިނަ މަންޒަރުތަކަކީ ދީޕިކާ ޕަދުކޯން، ރާނީ މުކަރުޖީ، ޖެކީ ޝްރޮފް، އަބިޝޭކް ބައްޗަން އަދި އަނިލް ކަޕޫރު ވެސް ފެންނާނެ މަންޒަރުތަކެކެވެ.

އެހެންކަމުން ބޮލީވުޑްގެ އެންމެ ތަޖުރިބާކާރު ފިލްމީ ތަރިންނާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު މި ފިލްމުން ކަރަންއަށް ފަހިވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ ދެ އަހަރުކުރިން އިއުލާނުކުރި ފިލްމު "ކިންގް"އަކީ ޝާހުގެ އާއިލީ ކުންފުނި ރެޑް ޗިލީސް އާއި ޑައިރެކްޓަރު ސިދާތު އާނަންދުގެ މާފްލިކްސް ޕިކްޗާސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ވަރަށް ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމަށް ދާދިފަހުން ގުޅުނު ތަރިންގެތެރޭ ފިލްމު "ކިލް"ގެ ވިލެންގެ ރޯލް ކުޅެ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ރާގަވް ޖުޔަލް ވެސް ހިމެނެއެވެ.
ފިލްމު "ކިންގް"އަކީ ޝާހުގެ އަންހެން ދަރިފުޅު ސުހާނާ ޚާން ބޮޑު ސްކްރީންއިން ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފިލްމެވެ.