ދާދިފަހުން އިމްރާނާ އެކު ބަތަލާގެ ރޯލުން ދިޝާ ފެންނާނެކަން އިއުލާނުކުރި ފިލްމު "އާވާރާޕަން 2"ގެ ޝޫޓިން ބެންގްކޮކްގައި ފަށައިފިއެވެ.

ފިލްމު "އާވާރާޕަން 2"އަކީ އިމްރާންގެ ކެރިއަރުގެ އެންމެ މަގުބޫލު އެއް ފިލްމެވެ. އެހެންވެ، ދެވަނަ ފިލްމުގެ ޝޫޓިން ފަށާނެ ދުވަހަކަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވުނު ކަމަށް އިމްރާން ވަނީ ބުނެފައެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން މި ފިލްމުގެ 50 އިންސައްތަ ޝޫޓިން ނެގުމަށް ހަމަޖެހިފައިވަނީ ބެންކޮކްގައެވެ. އެހެންކަމުން އިމްރާނާއި ދިޝާ ދިގު މުއްދަތަކަށް ބެންކޮކްގައި މަޑުކުރަން ނިންމާފައިވާ ކަމަށް ޕިންކްވިލާގައިވަނީ ބުނެފައެވެ.

ފިލްމު "އޯޖީ"ގެ މަންޒަރެއްގައި އެކްޓަރު އިމްރާން ހާޝްމީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "އާވާރާޕަން"އަކީ އެ ފިލްމު ބިނާކުރި ވާހަކައިގެ އިތުރުން މިއުޒިކަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. އެހެންވެ، "އާވާރާޕަން 2"ގެ ޝޫޓިން ކުރިއަށްގެންދަނީ މިއުޒިކް އަލްބަމާ އެކު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ބެންކޮކްގެ ޝެޑިއުލް ނިންމާލުމަށް ފަހު ފިލްމުގެ ފަހު މަންޒަރުތައް ނަގަން ހަމަޖެހިފައިވަނީ މުމްބާއީގައެވެ.

މި ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ޓީމުގެ އަމާޒަކީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ފިލްމުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް ވެސް ޕިންކްވިލާއިން ވަނީ ބުނެފައެވެ. ފިލްމު ސިނަމާތަކަށް ގެނެސްދޭން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ތިންވަނަ ދުވަހެވެ.

އިމްރާންގެ ފެނިލުމެއް ދާދި ފަހުން ރިލީޒްކުރި ވެބް ސީރީޒް "ބޭޑްސް އޮފް ބޮލީވުޑް"ގައި ވަނީ ދައްކާލާފައެވެ. މި އަހަރުގެ އޭޕްރިލް މަހު ރިލީޒްކުރި "ގްރައުންޑު ޒީރޯ"ގެ އެކްޓަރުގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ ތެލުގޫ ފިލްމު "ދެއި ކޯލް ހިމް އޯޖީ"އެވެ.