މީގެ 30 އަހަރު ކުރިން އިންޑިއާގައި މަރާލި އަންހެއް ކުއްޖެއްގެ މަރުގެ ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "ދަ ނައިނާ މާޑަ ކޭސް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ބަތަލާ ކޮންކޮނާ ސެން ހައި ރޭންކް ފުލުސް އޮފިސަރެއްގެ ރޯލްއިން ފެންނާނެ މި ފިލްމަކީ 1995 ވަނަ އަހަރު މަރާލި 29 އަހަރުގެ ނައިނާ ސަހްނީ ކިޔާ އަންހެއް ކުއްޖެއްގެ މަރުގެ ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ނައިނާ ސަހްނީ މަރާލި ކަމުގެ ތުހުމަތު ކުރެވުނީ އޭނާގެ ފިރިމީހާ ސުޝިލް ޝަރުމާއަށެވެ. އޭރު ސުޝިލް ޝަރުމާ އަކީ އިންޑިއާގެ ނެޝަނަލް ކޮންގްރެސްގެ ޔޫތު ލީޑަރުގެ މަޤާމު ފުރަމުންދިޔަ މީހެކެވެ.

އެ ހާދިސާގެ ތަހުގީގުގައި އުޅުނު ފުލުސް އޮފިސަރުންގެ ޓީމަށް އޭރު ދިމާވި ގޮންޖެހުންތަކާ އެކު އެ އޮފިސަރުންގެ ދިރިއުޅުމުގައި ވެސް ފޮރުވިފައިވި އަނދިރި ސޮފްހާތައް އާއްމުވި ގޮތް މި ފިލްމުން ވަރަށް ރަނގަޅަށް ދައްކުވައިދޭނެއެވެ.

ފިލްމު "ދަ ނައިނާ މާޑަ ކޭސް"ގެ ޕޯސްޓަރު--ފޮޓޯ/ޕިންކްވިލާ

ރޯހަން ސިޕީ ޑައިރެކްޓްކުރާ މި ފިލްމުގެ ކާސްޓުންގެތެރޭ ކޮންކޮނާގެ އިތުރުން ޝިވް ޕަންޑިތު، ވަރުން ތާކުރު، ދްރުވް ސެގަލް، އަދި ޝްރައްދާ ދާސް ހިމެނެއެވެ.

މި ފިލްމުގައި ކުޅޭ ކެރެކްޓާއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ބަތަލާ ކޮންކޮނާ ބުނީ، ބަތަލާއިން ލީޑް ކެރެކްޓާގެ ގޮތުގައި ފެންނަ ފިލްމުތަކަކީ އަބަދުވެސް އޭނާ ވަރަށް ޝައުގުވެރިކަން ހުންނަ ފިލްމުތައް ކަމަށެވެ.

އެފަދަ ކެރެކްޓާ ތަކުގެ ސަބަބުން އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ އަންހެނުން ބާރުވެރި ކުރުވުމަށް އަމިއްލައަށް މަސައްކަތެއް ކޮށްދެވުނު ކަމުގެ އިހުސާސްކުރެވޭ ކަމަށް ކޮންކޮނާ ވަނީ ބުނެފައެވެ.

އެޕްލޯސް އެންޓަޓެއިންމަންޓް އަދި ހައިގޭޓް އެންޓަޓެއިންމަންޓް އާއި އެޕްލޯސް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ "ދަ ނައިނާ މާޑަ ކޭސް" ބެލުންތެރިންނަށް ގެނެސްދޭނީ މި ފެށޭ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ޖިއޯ ހޮޓްސްޓާ މެދުވެރިކޮށެވެ.