29 Sep 2025, 09:00
މި އަހަރުގެ ނޮވެމްބަރު މަހު ސިނަމާތަކަށް ގެންނަން ތައްޔާރަށް އޮތް ފިލްމު "120 ބަހާދުރު"ގެ ދެވަނަ ޓީޒާ ބެލުންތެރިންނަށް ދައްކައިލިއިރު ފިލްމުގެ ޕްރޮޑިއުސަރުން ރަސްމީ ޓީޒާ ޚާއްސަކޮށްލީ އިންޑިއާގެ ކުރީގެ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުއަށެވެ.
ލަތާގެ އަޑުން ކިޔާފައިވާ މަޝްހޫރު ލަވަ 'އޭ މެރޭ ވަޠަން ކޭ ލޮގޯން'ގެ ޓިއުން ހިމެނޭހެން ދައްކައިލި ޓީޒާ ރިލީޒްކޮށްފައި މިވަނީ ލަތާގެ އުފަންދުވަހާ ގުޅުވައިގެންނެވެ.
ޑައިރެކްޓަރު އަދި އެކްޓަރު ފަރުހާން އަހުތަރުގެ ލީޑް ރޯލް ކުޅޭ "120 ބަހާދުރު" އަކީ ފަރުހާންގެ އަމިއްލަ ފިލްމު ކުންފުނި އެކްސެލް މޫވީސް އާއި ޓްރިގަ ހެޕީ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
ޑައިރެކްޓަރު ރަޒްނީޝް ގާއީގެ މި ފިލްމަކީ 1962ވަނަ އަހަރު އިންޑިއާ އާއި ޗައިނާއާ ދެމެދު ކުރި ހަނގުރާމައިގެ ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ފިލްމު "120 ބަހާދުރު"ގެ މަންޒަރެއްގައި އެކްޓަރު ފަރުހާން އަހްތަރު--ފޮޓޯ/ބޮލީވުޑްހަންގާމާ
ފަރުހާންގެ އިތުރުން ފިލްމުގެ ކާސްޓުގައި ހިމެނޭ މުހިއްމު ތަރިންގެތެރޭ ސައުތު ބަތަލާ ރާޝީ ކަންނާ އާއި ވިވިއަން ބަޓޭނާ އަދި އަންކިތު ސިވަޗް ހިމެނެއެވެ.
މި ފިލްމުގެ ޓީޒާގައި ހިމަނާފައިވާ ލަތާ މަންގޭޝްކަރުގެ ލަވަ އަކީ 1962 ވަނަ އަހަރު ހަނގުރާމައިގައި ޝާހިދުވި އިންޑިއާގެ އަސްކަރީ އޮފިސަރުންގެ ހަނދާނުގައި ތައްޔާރުކޮށްފައިވާ ލަވައެކެވެ. އެހެންކަމުން ފިލްމުގެ ވަރަށް ގިނަ މަންޒަރުތަކުގައި ލަތާގެ އަޑުން މީގެ އެތައް އަހަރުތަކެއް ކުރިން ކިޔާފައިވާ މި ލަވަ ބެލުންތެރިންނަށް އިވޭނެއެވެ.
މި އަހަރު ރިލީޒްކުރާ އެންމެ އުއްމީދީ ފިލްމުތަކުގެތެރޭ ހިމެނޭ "120 ބަހާދުރު" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 21ގައެވެ.