29 Sep 2025, 12:19
ކޮމްޕިއުޓަރު ބޭނުންކުރާ މީހުންގެ އަތުގެ ކުޑަހުޅަށް ލިބޭ އަނިޔާތަކާއި، ތަކުރާރުކޮށް ކުރާ މަސައްކަތުގެ ސަބަބުން ދިމާވާ ތަދުތައް ކުޑަކުރުމަށް ޓަކައި، ސައިންސްވެރިން ކޮމްޕިއުޓަރު މައުސްގެ އާ ޑިޒައިންތަކެއް ތަޢާރަފްކޮށްފިއެވެ.
ސްވިޑެންގެ ކޭޓީއެޗް ރޯޔަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި އޮސްޓްރޭލިއާގެ މެލްބަން ސްކޫލް އޮފް ޑިޒައިންއާ ގުޅިގެން ތަރައްގީ ކުރި މި ޑިޒައިންތަކަކީ މިހާރު ބޭނުންކުރާ މައުސްތަކާ ވަރަށް ތަފާތު ޑިޒައިންތަކެކެވެ. މިހާރުގެ މައުސްތަކުގެ ހަރުކަށި ޑިޒައިންގެ ސަބަބުން، މައުސް ބޭނުންކުރާ މީހުންނަށް އަތުގެ ކުޑަހުޅަށް އަނިޔާވުމާއި، ތަދުވުން ފަދަ މައްސަލަތައް ދިމާވެއެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، މިހާރުގެ މައުސްތަކަކީ ބޭނުންކުރާ މީހާގެ އަތަށް ފަސޭހަ ގޮތަކަށް ބަދަލުނުވާ ތަކެއްޗަށް ވާތީ، މައުސް ތަކުރާރުކޮށް އުފުލައި، ޖައްސަން ޖެހެއެވެ. މިއީ ގަޑިއަކު ސަތޭކަ ފަހަރަށް ވުރެ ގިނައިން ކުރަންޖެހޭ ކަމެކެވެ.
މި މައްސަލަތައް ހައްލުކުރުމަށް ޓަކައި، އާ ދެ މައުސް ޕްރޮޓޯޓައިޕެއް ވަނީ ތަރައްޤީކޮށްފައެވެ. އެއީ ފްލެކްސިމައުސް އާއި އޭ-ފްރޭމްއެވެ.
ފްލެކްސިމައުސްއަކީ މަޑު، ފަސޭހައިން ބަދަލުކުރެވޭ ވައްތަރެއްގެ މައުސްއެކެވެ. މިއީ މައުސް ހިފާ ގޮތަށް ބަލައިގެން ކާސަރު ހަރަކާތްތެރިކުރާ މައުސްއެކެވެ. މާނައަކީ، މައުސް މޭޒުމަތީގައި ހަރަކާތްތެރިކުރުމުގެ ބަދަލުގައި، އަތުން ހިފާ ގޮތަށް ބަލައިގެން ކާސަރު ހަރަކާތްތެރިވާނެއެވެ.
އޭ-ފްރޭމް މައުސްއަކީ އަތް ސީދާކޮށް ބަހައްޓައިގެން ބޭނުންކުރެވޭ ގޮތަށް ޑިޒައިންކޮށްފައިވާ މައުސްއެކެވެ. މީގެ ސަބަބުން އަތުގެ ކުޑަހުޅަށް ލިބޭ ޕްރެޝާ ކުޑަވެ، ތަދުވުން ކުޑަކޮށްދެއެވެ. މެލްބަން ސްކޫލް އޮފް ޑިޒައިންއާ ގުޅިގެން ތަރައްޤީކޮށްފައިވާ މި މައުސްއިން އަތުގެ ކުޑަހުޅުގެ ކަށިތައް ރަނގަޅަށް ހުންނަ ގޮތަށް ބަހައްޓައިދެއެވެ.
އޭސީއެމް އިންޓަރެކްޝަންސް (ސެޕްޓެމްބަރު-އޮކްޓޯބަރު 2025) ޖާނަލްގައި ޝާއިޢުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި، މިހާރުގެ އާގޮނޮމިކް މައުސްތަކުން ވެސް އަތުގެ ކުޑަހުޅަށް ދިމާވާ މައްސަލަތައް ފުރިހަމައަށް ހައްލުކޮށްދީފައެއް ނުވެއެވެ. އެ ޖާނަލްގައި ބުނެފައިވާގޮތުން 3ޑީ ޕްރިންޓިން އަދި ސޮފްޓް ރޮބޮޓިކްސްގެ ކުރިއެރުންތަކާއެކު، އިންސާނާގެ އަތަށް ފަސޭހަވާނެ ގޮތަށް މައުސް ޑިޒައިންކުރުމުގެ ފުރުސަތު މިހާރު ވަނީ ލިބިފައެވެ.
ކޭޓީއެޗް ރޯޔަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި ކުރެވުނު މި ދިރާސާގެ މަޤްސަދަކީ، ކޮމްޕިއުޓަރު ބޭނުންކުރާ ގިނަ ވަގުތުތަކުގައި އަތުގެ ކުޑަހުޅަށް ލިބޭ އުނދަގޫތައް ކުޑަކުރުމެވެ. ސައިންސްވެރިން އުންމީދުކުރަނީ، މި ޑިޒައިންތައް އިތުރަށް ތަރައްޤީކޮށް، ކޮންމެ މީހެއްގެ އަތަށްވެސް ފިޓްވާގޮތަށް ބޭނުންކުރެވޭ ގޮތް ހެދުމަށެވެ.