ވިލިމާލޭ ފެރީ ޓާމިނަލުގެ ކުރިމަތިން އޮންނަ ޕާކިން ޒޯނުން އެމްޓީސީސީ އަށް ސަރުކާރުން ދޫކޮށްފައިވާ ބިމުގެ ކުލީގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް އެކުންފުނިން ދައްކަން ޖެހޭ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ 2،649،839.70 މިލިއަން ރުފިޔާއަކީ ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީ އިން މިއަދު ބުނީ ވިލިނގިލީ ފެރީ ޓާމިނަލްކައިރީގައި އޮންނަ 405 ނަމްބަރު ބޮލޮކް އެ ކުންފުންޏާ ހަވާލުކޮށް، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ އެއްވެސް މާއްދާއަކުން އެބިމަށް މިހާރު ކުއްޔެއްް ދައްކަން ޖެހޭ ކަމަށް ބުނެފައިނުވާ ކަމަށެވެ. އަދި ބުނީ އެ އެއްބަސްވުމުގެ ދަށުން ކުލީގެ ވާހަކަ ބަޔާންކުރާ ހަމައެކަނި މާއްދާގައި ބުނަނީ "އެބިން ދޫކުރަން ވާނީ ސަރުކާރުގެ ކުންފުނިތަކަށް ބިންދޫކުރަން ކަނޑައަޅަފައި އޮންނަ މަހު ކުއްޔަށް" ކަމަށާއި "ނަމަވެސް އިމާރާތް ހެދުމަށް މުއްދަތެއް ކަނޑައެޅި އެމުއްދަތު ހަމަވަންދެން ކުލި ނުނަގާގޮތަށް ހަމަޖެއްސިދާނެ" ކަމަށެވެ.

އެ ބިމުގައި އެމްޓީސީސީގެ ފަރާތުން އަދި އެއްވެސް އިމާރާތެއް ނަހަދަ އެވެ. އަދި ސަރުކާރާއި އެމްޓީސީސީ އާ ދެމެދު ކޮށްފައިވާ މުއާމަލާތެއްގައި އެ ބްލޮކް ވަކިތާރީހަކަށް ތަރައްގީކޮށް ނިންމަން ޖެހޭނެ ކަމަށް ބުނެފައި ނެތް ކަމަށާއި އެހެންކަމުން މިހާތަނަށް އެބިމުން ކުލި ނުނަގައި އޮތުމަކީ އެ މާއްދާގައިވާ ގޮތުގެ މަތިން އިމާރާތްކުރުމަށް ކުލި ނުހިނގާ ގޮތަށް ދޫކުރައްވާފައި އޮތް އޮތުމެއް ކަމަށް ގަބޫލްކުރާ ކަމަށް އެކުންފުނިން ބުންނެވެ.

އަދި އެމްޓީސީސީ އިން ބުނީ އެ ބްލޮކްގައި އިމާރާތެއެއް ހެދުމަށް ދެ ފަރާތުން މަޝްވަރާކޮށް އެ ކުންފުނިން ހުށަހަޅާފައިވާ ކުރެހުންތަކަށް މާލޭ ސިޓީ ކައުންސިލުން އެއްވެސް އިޖާބައެއް ނުދީ އޮތުމަށް ފަހު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެ ބްލޮކުގައި މާލޭ ސިޓީ ކައުންސިލުން ޕާކިންޒޯނެއް ހެދި ކަމަށާއި އެކަމާ ބެހޭ ގޮތުން މާލޭ ސިޓީ ކައުންސިލާ ސުވާލުކުރުމުން "ތަންހުސްކޮށް އޮތީމަ ބޭނުން ކުރެވޭގޮތް ހަދާލީ" ކަމުގައި ބުނެފައިވާ ކަމަށެވެ.

އެހެން ކަމުން އެކުންފުންޏާ ހަވާލުކޮށްފައިވާ ބިމެއް އެ ކުންފުނީގެ ހުއްދައެއް ނެތި އެ ބިން މާލޭ ސިޓީ ކައުންސިލުން ބޭނުން ކުރަމުންންދާތީ އެކުންފުނިން އެކަން ކުށްވެރި ކުރާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

"ބިން ތަރައްގީކުރުމަށް އިއުލާން ކުރުމުން އެކަމަށް ވަރަށް ގާބިލް ގިނަ ފަރާތްތަކުގެ ތަރުހީބު ލިބުނު ނަމަވެސް މިކަމުގެ އެންމެ ފަހުގެ މަރުހަލާ ކަމުގައިވާ ޕްރޮޕޯސަލް ހުށައަޅަން ޖެހޭ ތާރީހު އިއުލާންކުރި ދުވަހުން ފެށިގެން މާލޭ ސިޓީ ކައުންސިލުގެ ބައެއް މެންބަރުން މާލޭ ސިޓީ ކައުންސިލްގެ ނަމުގައި މީޑިއާތަކުގައި ދައްކަވަމުންގެންދެވި ހަގީގަތާއި ހިލާފް ވާހަކަތަކުގެ ސަބަބުންނާއި މިޕުރޮޖެކްޓަށް ކުރިމަތިލެއްވި ބައެއް ފަރާތްތަކަށް ގުޅުއްވައިގެން ދައްކަވާފައިވާ ވާހަކަތަކުގެ ސަބަބުން 213.6 މިލިއަން ރުފިޔާގެ މިޕްރޮޖެކްޓް ވަނީ ހުއްޓިފަ އެވެ. މިކަމުގެ ސަބަބުން މިކުންފުނީގެ 23000 ހިއްސާދާރުންނަށް ލިބުނު ބޮޑު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމަށް މިކުންފުނިން މިދަނީ ތައްޔާރު ވަމުން." އެމްޓީސީސީ އިން ބުންޏެވެ.

ސަރުކަރާއި ރައްޔިތުން ހިއްސާވާ ކުންފުނިން ބުނީ ފެރީގެ ހިދުމަތްތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިހާރު ފެރީގެ ހިދުމަތް ދިނުމަށް ޒަމާނީ އުޅަނދު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި ބުނީ ފެރީގެ ހިދުމަތުން އަގުނުނަގާގޮތަށް އެކުންފުއްޏާއި ސަރުކާާއި ދެމެދު އެއްބަސްވެފައި ވަނީ ސަބްސިޑައިޒް ކުރުމަށް ކަނޑައެޅިފައިވާ ވަކި ބިންތަކެއް ސަރުކާރުން ދެއްވުމުން ކަމަށާއި އެގޮތުން އެ ބިންތައް އެކުންފުނިން ތަރައްގީކޮށް އާމްމުދަނީ ހޯދައިގެން ފެރީގެ ހިދުމަތް ތަރައްގީކޮށް އެއްއަގެއްގައި އެހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ދީފައިވާ އެބިންތައް ތަރައްގީކުރުމަށް އެ ކުންފުނިން ކުރި މަސައްކަތްތަކަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

"މާލޭ ސިޓި ކައުންސިލްގެ އެއްބާރުލުން ލިބިފައި ނުވުމުން ސަބްސިޑައިޒް ކުރުމަށް ސަރުކާރުން ދެއްވާފައިވާ ބިންތައް އެންމެ ހެޔޮގޮތުގައި ބޭނުން ހިފެން ނެތުމުން ދެމެހެއްޓެނިވި ގޮތެއްގައި މިހިދުމަތް ކުރިޔަށް ގެންދެވޭނީ ހިދުމަތަށް އެކަށީގެންވާ އަގެއް ނެނިގެން ކަމަށް ބަލައިގެން ފެރީ ޓިކެޓް އަގުބޮޑުކުރަން ނިންމުމުން އޭރު މާލޭ ސިޓި ކައުންސިލުން ވިދާޅުވެފައި ވަނީ ބިންތައް ތަރައްގީކުރުމަށް މިކުންފުންޏަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި ފެރީ ޓިކެޓް އަގަށް ބަދަލެއް ނުގެނެސް ކުރިން ވެސް ހުރިއަގުގައި ބަހައްޓައިދިނުމަށް،" އެމްޓީސީސީން ބުންޏެވެ.

އެކުންފުނިން ބުނީ އެކުންފުންޏާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދެމުންދާ ހިދުމަތްތައް އެކުންފުނީގެ ފަރާތާރުން ނިގުޅައިގަތުމުގެ ބާރު މާލޭ ސިޓީ ކައުންސިލަށް ލިބިފައިނުވާ ކަމަށެވެ. އަދި މިހާރެކޭ ވެސް އެއްގޮތަށް ފެރީގެ ހިދުމަތް ދިނުމަށް އެކުންފުނިން ދެމި ތިބޭނެ ކަމަށެވެ.

އެމްޓީސީސީން އެހެން ބުނެފައިވާ އިރު މާލޭ ސިޓީ ކައުންސިލުން ވަނީ މިހާރު އެކުންފުނިން ފެރީގެ ހިދުމަތް ދެމުންގެންދަނީ "ކަންނެލި ދޯނި ހިޔާކޮށްގެން" ކަމަށް ބުނެ ފެރީތަކުގެ ފެންވަރު ރަނގަޅު ނުކުރާ ހިނދެއްގައި އެމްޓިސީސީން ވިލިގިލީ ފެރީޓަމިނަލްގައި އަޅަން ހަމަޖައްސާފައިވާ "އެންޓަޓައިމެންޓް ސެންޓާ" އެޅުމަށް އެއްވެސް އެއްބާރުލުމެއް ނުދޭނެ ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު ސޮއިކުރައްވައި އެމްޓީސީގެ ސީއީއޯ ޑރ. އަހުމަދު އަދުހަމް އަބްދުﷲ އަށް މިމަހުގެ ތެރޭގައި ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ ވިލިމާލޭ ފެރީ ޓާމިނަލުގެ ކުރިމަތިން އޮންނަ ޕާކިން ޒޯނުން އެމްޓީސީސީ އަށް ދީފައިވާ ބިމުގެ ކުލީގެ ގޮތުގައި ޖުލައި މަހުގެ ނިޔަކަށް އެކުންފުނިން ދައްކަން ޖެހޭ 2،649،839.70 މިލިޔަން ރުފިޔާ ހަތް ދުވަހުގެ ތެރޭ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ސިޓީ ކައުންސިލުން ވަނީ ފެރީގެ ހިދުމަތްދޭނެ އެހެން ފަރާތެއް ހޯދުމަށް އިއުލާން ވެސް ކޮށްފަ އެވެ.