ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި, މަސްތުވާތަކެއްޗާއި ވޭޕު ހިމެނޭ ގޮތަށް، ރާއްޖެ އެތެރެކުރުން މަނާ ތަކެތި ވިއްކާ ސޯޝަލް މީޑިއާ އެކައުންޓުތަކެއް މިއަދު ހުއްޓުވައިފިއެވެ.

ފުލުހުން އެކްސްގައި ބުނީ، އޮޕަރޭޝަނުގެ ތެރެއިން ތިން ތަނެއް ބަލައި ފާސްކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި ރާއްޖެ އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެތި ހޯދާފައިވާ ކަމަށެވެ.

އެ ތަކެތި ވިއްކުމަށް ސޯޝަލްމީޑިއާގައި ބޭނުންކުރާ ޗެނަލްތަކެއް އެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ. އަދި، މި ކަމާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ބުނި ނަމަވެސް އެ މީހުންގެ ވަނަވަރު ހާމައެއް ނުކުރެއެވެ.

'ސަން'އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ތަކެތީގެ ތެރޭގައި މަސްތުވާތަކެއްޗާއި ވޭޕު ވެސް ހިމެނޭ ކަމަށެވެ. އަދި، އޮޕަރޭޝަން ނިމުމުން އިތުރު ތަފުސީލު ހިއްސާކުރައްވާނެ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން ދުންފަތު އިސްތިއުމާލު ކުރުމާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ވޭޕް އެތެރެކުރުން މަނާކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 15ގައެވެ. އަދި ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، އިލެކްޓްރޯނިކް ސިނގިރޭޓާއި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ.

އެފަދަ އެއްޗެއް އެތެރެކޮށްފި ނަމަ 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާކުރެވޭނެއެވެ.

މިދިޔަ އޮގަސްޓު މަހު ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މިދިޔަ ޑިސެމްބަރު މަހުގެ 15އިން ފެށިގެން މިދިޔަ ޖުލައިގެ ނިޔަލަށް ޖުމްލަ 974،500 ރުފިޔާ، ވޭޕާ ގުޅުންހުރި 206 މައްސަލައެއްގައި ޖޫރިމަނާގެ ގޮތުގައި ހޯދާފައިވެއެވެ.