29 Sep 2025, 00:00
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގައި އިސް ދައުރެއް އަދާކުރަމުންދާ އޯޕަންއޭއައި ކުންފުނިން، އެ ކުންފުނީގެ މަޝްހޫރު ޗެޓްޖީޕީޓީ ޕްލެޓްފޯމަށް 'ޕަލްސް' ކިޔާ އާ ފީޗާއެއް ތަޢާރަފުކޮށްފިއެވެ.
މި ފީޗާގެ ސަބަބުން، ޗެޓްޖީޕީޓީ ބޭނުންކުރާ ފަރާތްތަކަށް ކޮންމެ ދުވަހެއްގެ ހެނދުނު ޚާއްސަ ރިޕޯޓްތަކެއް ލިބޭނެއެވެ.
މިއީ އޭއައިގެ ޒަރީޢާއިން މަޢުލޫމާތު ލިބިގަންނަ ގޮތަށް އައި މުހިންމު ބަދަލެކެވެ.
ޕަލްސްއަކީ ޗެޓްޖީޕީޓީއިން ތަފާތު މައުލޫމާތުތައް ހޯދައި، ޔޫޒަރުންނަށް އެ މީހެއްގެ ޝައުގުވެރިކަން ހުރި ކަންތައްތަކާއި، އެ މީހެއްގެ ކަލަންޑަރުގައި ހިމެނޭ ހަރަކާތްތަކާއި، ކުރިން ޗެޓްޖީޕީޓީ އާ ކުރެވިފައިވާ މުއާމަލާތްތަކަށް ބަލައިގެން ތައްޔާރުކުރާ ޚާއްޞަ ރިޕޯޓްތަކެކެވެ. ކޮންމެ ދުވަހެއްގެ ހެނދުނު ފަހަކުން 10 އާ ދެމެދު، މި ރިޕޯޓްތައް ޔޫޒަރުންނަށް ލިބޭނެއެވެ.

ކުރިއަށް ރޭވިފައިހުރި ދަތުރުތަކާއި، އިވެންޓްތަކުގެ މައުލޫމާތުވެސް ދޭނެ ---
މި ރިޕޯޓްތަކުގެ ތެރޭގައި، ބޭނުންކުރާ މީހާ ޝައުގުވެރިވާ ކުޅިވަރު ޓީމްތަކުގެ އެންމެ ފަހުގެ ޚަބަރުތަކާއި، ޓެކްނޮލޮޖީ ދާއިރާގެ އާ ކަންތައްތަކުގެ އިތުރުން، އެހެނިހެން ވެސް ޝައުގުވެރި ޚަބަރުތައް އެއްކޮށް ރިޕޯޓްކޮށްދެއެވެ.
މީގެ އިތުރުން، ބޭނުންކުރާ މީހާގެ ދުވަހުގެ ހަރަކާތްތަކާއި، ކަލަންޑަރުގައި ހިމެނޭ ކަންތައްތަކަށް ބަލައި، ޗެޓްޖީޕީޓީ އިން ޚާއްސަ ހުށަހެޅުންތަކާއި ރެކޮމެންޑޭޝަންތައް ވެސް ދެއެވެ.
ޕަލްސް އަކީ ހަމައެކަނި ޚަބަރާއި ރެކޮމެންޑޭޝަން ދޭ ފީޗާއެއް ނޫނެވެ. ޗެޓްޖީޕީޓީ ކަނެކްޓާސް އާ ގުޅިގެން، އެ މީހެއްގެ އީމެއިލްތައް ބަލައި، ކަލަންޑަރުތައް ސްކޭންކޮށް، ހެނދުނުގެ އެޖެންޑާތައް އޮޓޮމެޓިކުން ތައްޔާރުކޮށްދިނުމުގެ ގާބިލްކަން ވެސް މި ފީޗާގައި ހުރެއެވެ.
މިހާރު ޕަލްސް ލިބެން ހުންނާނީ މަހަކު 200 ޑޮލަރު ދައްކާ 'ޕްރޯ' ޕްލޭންގެ ސަބްސްކްރައިބަރުންނަށެވެ. ނަމަވެސް، އޯޕަންއޭއައިގެ މަގްސަދަކީ މި ފީޗާ ހުރިހާ ޔޫޒަރުންނަށް ލިބޭނެ ގޮތް ހެދުމެވެ.
އެ ކުންފުނީގެ ސީއީއޯ ސޭމް އޯލްޓްމަން ވިދާޅުވެފައިވާ ގޮތުގައި، މިހާރުގެ ސާވާގެ ދަތިކަން ހުރުމުން، ފުރަތަމަ މި ފީޗާ ލިބެން ހުންނާނީ ޕްރީމިއަމް ސަބްސްކްރައިބަރުންނަށެވެ.
މިފަދަ ބޮޑެތި ޑޭޓާ ޕްރޮސެސްކުރުމަށް ބޭނުންވާ އާ އޭއައި ޑޭޓާ ސެންޓަރުތަކަށް އިންވެސްޓްކުރުމަށްޓަކައި، އޯޕަންއޭއައިއިން ވަނީ އޮރެކަލް އަދި ސޮފްޓްބޭންކް ފަދަ ބޮޑެތި ކުންފުނިތަކާ ގުޅިގެން މަސައްކަތް ފަށާފައެވެ.
މި ފީޗާ އަކީ އޭއައި ޓެކްނޮލޮޖީގެ ކުރިއެރުން ދައްކުވައިދޭނެ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށް އެހީތެރިވެދޭނެ ވަރަށް ބޭނުންތެރި ފީޗާއަކަށް ވާނެ ކަމަށް ބެލެވެއެވެ.