ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުރި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު)ގެ ބަންދުގެ މުއްދަތަށް 10 ދުވަސް އަނެއްކާ ވެސް އިތުރު ކޮށްފި އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ތިލަފުށީ ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓާގެ މަގާމުގައި ހުންނެވި އޯކޭ ޒާހިރު ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ފުލުހުން ބަލަމުންދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނުބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކްރިމިނަލް ކޯޓުން އިއްޔެ އޯކޭ ޒާހިރުގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ. އަދި މުއްދަތު އިތުރު ކޮށްދިނުމަށް އެދުނީ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާތީ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ސަން އަށް އެގިފައިވާ ގޮތުގައި އޯކޭ ޒާހިރު ފުލުހުން ހައްޔަރުކޮށްފައި ވަނީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދުގެ ދަރިފުޅާ އޯކޭ ޒާހިރު ދިމާކުރާ މައްސަލައެއް ޕޮލިހަށާއި ހިއުމަންރައިޓްސް ކޮމިޝަނަށް ޝަހީމް ހުށައަޅުއްވާފައި ވުމުން އެ މައްސަލަ ތަހުގީގު ކުރުމަށެވެ.

މިނިސްޓަރު ޝަހީމުގެ ދަރިކަލުން އަބްދުﷲ މާހިލް މުހައްމަދު ޝަހީމް،9، ސްކޫލް ނިމިގެން ކާރުގައި ގެ ކައިރިއަށް ފޭބި ވަގުތު ދަރިފުޅުގެ ކަރާމަތަށް އުނިކަން އަންނަ ފަދަ ބަސްތައް ބޭނުން ކޮށްގެން ޒާހިރު މުހާތަބުކުރި ކަމަށް ވިދާޅުވެ، ޝަހީމް ވަނީ އެ މައްސަލަ ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަޅުއްވާފަ އެވެ.