28 Sep 2025, 10:58
މަރު ކޮމިޝަނުން ކުރި ތަހުގީގުގައި ހައްޔަރުކުރި އަހްމަދު މުއާޒު (ގަޓު މުއާ)، ބަދަލު ހޯދަން ހުށަހެޅި މައްސަލައިގައި ދައުލަތުން ހުށަހެޅި އިޖުރާއީ ނުކުތާތައް ބަލައިނުގަންނަން ހައިކޯޓުން ނިންމައިފިއެވެ.
މިއީ، ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން މަރު ކޮމިޝަނުން ކުރި ތަހުގީގުގައި ހައްޔަރުކުރި އަހްމަދު މުއާޒު (ގަޓު މުއާ)، ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފު މަރުހަލާގައި ދައުލަތުން ހުށަހެޅި އިޖުރާއީ އިއުތިރާޒާ ގުޅޭ މައްސަލައެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާން ރަހީނުކޮށް ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތުހުމަތުކޮށް ޝަރީއަށް ނިމެންދެން ބަންދުކުރި މުއާޒްގެ ފަރާތުން މަރު ކޮމިޝަނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެކަމަށް ސިވިލް ކޯޓުން ނިންމި މައްސަލަ، މުއާޒްގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ދައުލަތުންވަނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިޖުރާއީ އިއުތިރާޒެއް ނަގައިފައެވެ.
މަދަނީ މައްސަލައެއް ހުށަހަޅާއިރު ދައުވާ ލިބޭ ފަރާތަކީ ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވާ ފަރާތެއްކަން ކަށަވަރުކުރަންޖެހޭކަމާއި އެއީ މައްސަލަ ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ އަސާސީ ކަމެއްކަން މަދަނީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ ދައުލަތުގެ ހުށަހެޅުމުގައިވެއެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރުތުތަކެއް ފުރިހަމަވާންޖޭހަކަން ބަޔާންކޮށް ދައުލަތުގެ ހުށަހެޅުމުގައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު، މަރު ކޮމިޝަން އުވާލާފައިވާ ކަމަށެވެ. އެހެންކަމުން، މި މައްސަލައިގައި ބަންޑާރަނައިބުގެ ފަރާތުން ޖަވާބުދާރީވާންޖެހޭނީ ކޮން އިދާރާއެއްގެ ފަރާތުން ކަން، ސާފުނުވާ ކަމަށް ދައުލަތުގެ ހުށަހެޅުމުގައި ބުނެފައިވެއެވެ.
އެހެންނަމަވެސް، ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ އިޢުތިރާޟާމެދު މި މަރުހަލާގައި ގޮތެއް ކަނޑައެޅިދާނެ ކަމަށް ނުދެކޭ ކަމަށް ބުރާސްފަތި ދުވަހު ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.
މި މައްސަލައިގައި މުއާޒް ހިމެނޭހެން ތިން މީހަކަށް ދައުވާ އުފުލީ މަރު ކޮމިޝަނުން ތަހުގީގުކޮށް ހުށަހެޅި މައްސަލަތަކާ ގުޅިގެންނެވެ. އޭނާގެ އިތުރުން ދައުވާކުރީ އިސްމާއިލް އަބްދުއްރަހީމް (އިސޫ)އާއި އަހުމަދު އިސްމާއިލް (އަހަނދު)އަށެވެ.
މުއާޒްގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އެހެންނަމަވެސް، މި މައްސަލައިގައި އުފުލި ދައުވާތައް މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އެހެންވެ، މި މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ އެ މީހުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާތައް ކުރިއަށް ގެންދެވޭ މިންވަރަށް ހެކި ނެތްކަމަށް ބުނެއެވެ. އެ ދައުވާތަކާ ގުޅިގެން މުއާޒު ހުރީ ގިނަ ދުވަސްތަކެއްވަންދެން ހައްޔަރުކޮށް ބަންދުކޮށްފައެވެ.
އެހެންވެ، އޭނާގެ ފަރާތުން ބަދަލު ހޯދުން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީއެވެ. އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މަރު ކޮމިޝަނުން ރަނގަޅު ނިޔަތެއް ނެތި ހިންގާފައިވާ ތަހުގީގަކަށް ފަހު ކަމަށާއި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެއްވެސް އަސާސެއް ނެތި މަރު ކޮމިޝަނުން އެދިގެން ކަމަށެވެ.
އޭނާ ވަނީ އެ މުއްދަތުގައި ޖަލުގައި އެކަހެރިކޮށް ބަހައްޓާފައިވުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 4،451،195.25 ރުފިޔާ އަދި ޤާނޫނާ ޚިލާފަށް ބަންދު ކުރުމުން 500،000 ރުފިޔާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި، ކޮމިޝަން އަދި ފަރުދީ ގޮތުން ކޮމިޝަނުގެ މެންބަރުން ކަމުގައިވާ ފަރީޝާ އަބްދުﷲއާއި މިސްބާޙް އައްބާސާއި އަހުމަދު ނާޝިދުގެ ކިބައިން ހޯދުމަށް އެދި މައްސަލަ ހުށަހަޅާފައެވެ.