އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓަމިލް ނާޑޫގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ކުޑަކުދިން ހިމެނޭ ގޮތަށް 36 މީހަކު މަރުވެފައިވާ ކަމަށް އެ ސްޓޭޓްގެ އޮފިޝަލުން ބުނެފިއެވެ.

ސިޔާސީ މައިދާނަށް ނުކުތް ދެކުނު އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ވިޖޭ އިއްޔެ ބޭއްވި އެ އެއްވުމަށް ދެކުނުގެ ކަރޫރު ސަރަހައްދަށް އެތައް ހާސް ބަޔަކު ވަނީ އެއްވެފައެވެ.

އެ ސްޓޭޓްގެ ސިއްޚަތާބެހޭ ވަޒީރު މާ ސުބްރަމަނިއަން ވިދާޅުވީ، މަރުވި މީހުންގެ ތެރޭގައި 16 އަންހެނުންނާއި ނުވަ ފިރިހެނުންނާއި ހަ ކުޑަކުދިން ހިމެނޭ ކަމަށެވެ.

ފިތިގެން މީހުން މަރުވި ހާދިސާ ހިނގި ސަރަހައްދުގައި އޮތް އެމްބިއުލާންސެއް. ފޮޓޯ/ބީބީސީ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން ވިދާޅުވީ، ހޭނެތިގެން ވެސް ބައެއް މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި، ކައިރީގައި ހުންނަ ސަރަހައްދުތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ފަރާތުން އިތުރު އެހީތެރިކަމަށް އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

'ހިންދުސްތާން ޓައިމްސް'އިން ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގީ ވިޖޭ ދެކެލަން ބޭނުންވާ މީހުން ބެރިކޭޑް ހުރަސްކޮށް ސްޓޭޖާ ކައިރިއަށް ދާން އުޅުމުގެ ސަބަބުންނެވެ.

އޮންލައިންކޮށް ނެރުނު ބަޔާނެއްގައި ވިޖޭ ބުނީ އެ ހާދިސާއަކީ ކެތްނުކުރެވޭ ވަރުގެ ވޭނާއި ހިތާމައެއް ކަމަށެވެ. އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ މިއީ ހިތާމަވެރި ހާދިސާއެއް ކަމަށް ވިދާޅުވެ، އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

ދީނީ އެއްވުންތަކާއި މީހުން ގިނަވާ އެކި އިވެންޓްތަކުގައި ފިތި ބާރުވުމުގެ ސަބަބުން މީގެ ކުރިން ވެސް އިންޑިއާގައި މި ފަދަ ހާދިސާތައް ހިނގާފައިވެއެވެ.

އެގޮތުން މި އަހަރުގެ ޖަނަވަރީ މަހު އިންޑިއާގެ ކުމްބް މޭލާގައި ވެސް ފިތި ބާރުވެގެން 30 މީހަކު މަރުވެ، އެތައް ބަޔަކު ޒަޚަމުވިއެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އުއްތަރަ ޕްރަދޭޝްގެ އުތުރުގައި ބޭއްވި ހިންދޫންގެ ދީނީ އެއްވުމެއްގައި ވެސް 121 މީހަކު ވަނީ މަރުވެފައެވެ.