ބޮޑު ކާމިޔާބީއަކާ މަގުބޫލުކަމެއް ލިބުނު ފިލްމު "ސައްޔާރާ"އިން ބޮލީވުޑަށް ތައާރަފްވި ޒުވާން އެކްޓަރު އަހާން ޕާންޑޭއަށް ބޮލީވުޑްގެ ނުފޫޒުގަދަ ފިލްމު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދާދިފަހުން އިންޑިއާގެ މީޑިއާތަކުން ވަނީ އަހާން ސަންޖޭ ލީލާ ބަންސާލީގެ އޮފީހަށް ޒިޔާރަތްކުރި މަންޒަރު ފެނިފައެވެ. އެހެންކަމުން މިއީ ސަންޖޭގެ ފިލްމަކުން އަހާންއަށް ފުރުސަތު ލިބުނު ކަމުގެ އިޝާރާތެއް ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

އަހާންއަށް ސަންޖޭ ބަންސާލީގެ ފިލްމަކުން ފުރުސަތު ކަށަވަރުވެއްޖެނަމަ 27 އަހަރުގެ އެކްޓަރު ވެގެންދާނީ އެކްޓަރު ރަންބީރަށް ފަހު ސަންޖޭގެ ފިލްމަކުން ފުރުސަތު ހޯދި ދެވަނަ ޒުވާން ފިލްމީ ތަރި ކަމަށެވެ.

ފިލްމު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ--ފޮޓޯ/ބޮލީވުޑްހަންގާމާ

އާއްމުކޮށް ސަންޖޭ އުފައްދާ ފިލްމުތަކުން ޒުވާން އެކްޓަރުން ފެންނަނީ ވަރަށް މަދުންނެވެ. އެހެންކަމުން އަހާންއާ އެކު ސަންޖޭ އުފައްދާ ފިލްމު ވެގެންދާނީ ވެސް މި ޒަމާނުގެ ޖީލަށް ފެތޭ ކަހަލަ ފިލްމަކަށްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ސައްޔާރާ"އިން ހޯދި މަޝްހޫރު ކަމާއެކު އަހާން ޕާންޑޭ ވެފައި ވަނީ މި ފަހުން ބޮލީވުޑަށް ތައާރަފްވި ޒުވާނުންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވާ އެއް އެކްޓަރަށެވެ.

ބައެއް މީޑިއާތަކުން ބުނާގޮތުގައި އަހާން އާއި ފިލްމު "ސައްޔާރާ"ގެ ބަތަލާ އަނީތުއަށް ޔަޝް ރާޖް ފިލްމްސްގެ އިތުރު ތިން ފިލްމަކުން ވަނީ ފުރުސަތު ލިބިފައެވެ. ނަމަވެސް މިހާތަނަށް މިއިން އެއްވެސް ޚަބަރެއް ދެ ތަރިންގެ ފަރާތުން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.