28 Sep 2025, 09:10
އިންޑިއާގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ލިޔެ ޑައިރެކްޓްކޮށް މި މަހު ގެނެސްދިން ވެބް ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ދެވަނަ ސީޒަންއެއް އުފައްދަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފެއްދި "ބޭޑްސް އޮފް ބޮލީވުޑް"އަކީ އަރިއަންގެ އާއިލީ ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދިން ސީރީޒެކެވެ.
ބޮލީވުޑްގެ ވަރަށް ގިނަ ތަރިންގެ ޚާއްސަ ފެނިލުންތަކެއް ދައްކުވައިލި "ދަ ބޭޑްސް އޮފް ބޮލީވުޑް" ގެނެސްދިނީ ޖުމްލަ ހަތް އެޕިސޯޑުގެ މައްޗަށެވެ. މި ސީރީޒްގެ މައިގަނޑު ލީޑު ތަރިންގެ ތެރޭ ލަކްޝް ލަލްވާނީ، ބޮބީ ޑިއޯލް، ޝަހެރް ބާމްބާ، ރާގަވް ޖުޔަލް، މޯނާ ސިންގް އަދި އަނިއާ ސިންގް ހިމެނެއެވެ.

ވެބް ސީރީސް "ބޭޑްސް އޮފް ބޮލީވުޑް"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއާޓީވީ
އިންޑިއާގެ މީޑިއާތަކުންނާއި ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ ފަރާތުން އަރިއަންގެ ވެބް ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް"އަށް ތައުރީފުގެ ބަސްތައް އޮހެމުން އަންނައިރު މި ސީރީޒްގެ ސީކުއަލްއަކަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަރިއަން ވަނީ ދެވަނަ ސީޒަންގެ އަމަލީ މަސައްކަތް މިހާރު ފަށާފައެވެ.
އަރިއަން ފިލްމު ޑައިރެކްޝަނަށް ތައާރަފުވުމުގެ ގޮތުން އުފެއްދި "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ މަންޒަރުތައް ފުރިހަމަކަމުން ފިލްމު ކްރިޓިކުން ވެސް ވަނީ އަރިއަށްއަށް ވަރަށް ބޮޑަށް ތައާރަފުކޮށްފައެވެ.
ބައެއް ކްރިޓިކުން ދެކޭގޮތުގައި އަރިއަންއަކީ އެކްޓިންގް ދާއިރާގައި ވެސް މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވާ ޒުވާނެކެވެ.