28 Sep 2025, 09:04
މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭ ދަރުމާ ޕްރޮޑަކްޝަންސްއިން އިއުލާނުކުރި ފިލްމު "ޗާންދު މޭރާ ދިލް"ގެ ޝޫޓިން ތެރޭ ނަގާފައިވާ ބައެއް މަންޒަރުތައް ބަޔަކު މީހުން ސޯޝަލް މީޑިއާގައި ލީކުކޮށްލައިފިއެވެ.
މި ފިލްމު މި އަހަރު ތެރޭ ރިލީޒްކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް މިހާތަނަށް ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް އާންމުކޮށްފައިނުވާތީ މި އަހަރު ފިލްމު ބެލުންތެރިންނަށް ގެނެސްދެވޭނެ ކަމާމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
ފިލްމީ ތަރިން ކަމަށްވާ އަނަނިޔާ ޕާންޑޭއާއި ލަކްޝްޔަ ލީޑް ރޯލުން ފެންނާނެ މި ފިލްމުގެ ލީކުކޮށްފައިވާ މަންޒަރުތަކުން ފެންނަނީ އަނަނިޔާއާއި ލަކްޝް އިންޑިއާގެ ސަޤާފީ ހެދުމެއްގައި ސައިކަލެއްގައި އުޅޭ މަންޒަރެވެ.

އަނަނިޔާ އާއި ލަކްޝް ފިލްމެއްގެ މަންޒަރުތަކެއް ޝޫޓްކުރަނީ--ފޮޓޯ/ބޮލީވޑްހަންގާމާ
މި ފޮޓޯތަކަކީ އެހެން ޕްރޮޖެކްޓަކަށް ބޭނުންކުރުމަށް ނަގާފައިވާ މަންޒަރުތަކެއްކަމެއް ނުވަތަ ނޫން ކަމެއް ވެސް މިހާތަނަށް ކަށަވަރުވެފައިނުވާއިރު އެނގޭ ކަމަކީ މިހާތަނަށް ދެ ތަރިން އެކީގައި ސޮއިކުރި ކަމަށް ރަސްމީކޮށް އިއުލާނުކޮށްފައިވަނީ ހަމައެކަނި "ޗާންދު މޭރާ ދިލް"ކަމެވެ.
ދަރުމާ ޕްރޮޑަކްޝަންސްއިން "ޗާންދު މޭރާ ދިލް" އިއުލާނުކުރިއިރު ދައްކާލި ފޮޓޯތަކުން އެ ފިލްމަކީ ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއްކަން ދޭހަވެއެވެ.
އެހެންވެ، ފިލްމު ސިނަމާތަކަށް ގެންނާނެ ދުވަހަކަށް ބެލުންތެރިން އަންނަނީ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންނެވެ. ފިލްމު "ޗާންދު މޭރާ ދިލް" އަކީ ފިލްމު "ކިލް"އަށް ފަހު ލަކްޝް މަސައްކަތް ފެށި ދެވަނަ ފިލްމެވެ.
ލަކްޝް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި މަހުގެ 18ގައި ރިލީޒްކުރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާންގެ ވެބް ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް"އިންނެވެ.