14 Aug 2012, 11:22
ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ކުރީގެ ސަރުކާރުން އެކުލަވާލި ޕްރޮވިންސް އޮފީސްތަކުން ގާނޫނާ ހިލާފަށް އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެތައް މިލިއަން ރުފިޔާގެ ހަރަދުތަކެއް ކޮށްފައިވާކަން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ސޮއި ކުރައްވައި އޮޑިޓް އޮފީހުގެ ވެބްސައިޓުގައި އިއްޔެ އާންމުކުރި ހޯމް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނަނީ މަތި އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި އެހެން ވެސް ބައެއް މުވައްޒަފުން އެ އޮފީހުގެ އެކޮމޮޑޭޝަން ބްލޮކް ބޭނުން ކުރަމުން ގޮސްފައި ވަނީ އެއްވެސް ލާރިއެއް ނުދީ ހިލޭ ކަމަށާއި ނަމަވެސް އެ މުވައްޒަފުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ވެސް ލިވިން އެލަވަންސް ދެމުން ގެންދިޔަ ކަމަށެވެ. އަދި އެބޭފުޅުން ބޭނުންކުރައްވަމުން ގެންދެވި އެކޮމޮޑޭޝަން ބްލޮކުގެ ކަރަންޓް ބިލަށް 2010 ވަނަ އަހަރު އަރާފައިވާ 105،812ރ. އާއި 2011 ވަނަ އަހަރުގެ ބިލަށް އެރި 126،022ރ. ދައްކާފައި ވަނީ ދައުލަތުގެ ބަޖެޓުން ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ. އެ ފައިސާ އެބޭފުޅުންގެ އަތުން ނަގައި ދައުލަތުގެ ރެވެނިއު ފަންޑަށް ޖަމާކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ ހޯމް މިނިސްޓްރީ އަށް އަންގަވައިފަ އެވެ.
މަތިއުތުރު ޕްރޮވިންސްގެ އޮފީހުގެ ބަޖެޓް ބޭނުންކޮށްގެން ހދ. ކުޅުދުއްފުށީގެ ބިންހިއްކުމަށް ބޮސްކާލީސް އިން ގެނައި އެކޮމޮޑޭޝަން ބާޖް ކުޅުދުއްފުށީ ސަރަހައްދީ ބަދަރުގައި އޮތް ދުވަސްތަކަށް ބަނދަރު ފީގެ ގޮތުގައި އެ ކުންފުނިން ދައްކަން ޖެހުނު 156،133ރ. ދައްކާފައި ވަނީ ވެސް އެ އޮފީހުގެ ބަޖެޓުންނެވެ. އަދި އެ ފައިސާ ދެއްކި ވައުޗަރުގައި ބައެއް އަމިއްލަ ކުންފުނިތަކުގެ އުޅަދުތަކުގެ ބަދަރުފީ ވެސް ދައްކާފައިވާކަން ފެންނަން ހުރި ކަމަށެވެ. އެ މައްސަލައިގައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން އިތުރަށް ތަހުގީގު ކުރުމަށް ވަނީ ލަފާދެއްވައިފަ އެވެ.
މަތިއުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކު އެކްސިޑެންޓެއްވީ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނަގާފައިވާ މައްސަލައެއް ވެސް ވަނީ އޮޑިޓް ރިޕޯޓުގައި ފެންމަތިކޮށްފަ އެވެ. އެގޮތުން ސްޓޭޓް މިނިސްޓަރުގެ އެކްސިޑެންޓަކީ ސީރިއަސް އެކްސިޑެންޓެއްގައި އެގޭނެ އެއްވެސް ލިޔެކިޔުމެއް ނެތް އިރު މިނިސްޓަރާއި އެ އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރަކު އެމެޖެންސީކޮށް ހަމަ އެރޭ މާލެ އައިސްފައިވާ ކަމަށާއި އެ ދަތުރުގެ ދެކޮޅު ހަރަދާއި މާލޭގައި ހުރުމާއި ކެއުމުގެ ހަރަދުތައް ވެސް ހަމަޖައްސާފައި ވަނީ ބަޖެޓުން ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި މިނިސްޓަރާއި އެ މުވައްޒަފު ވެސް 28 ދުވަހު މާލޭގައި ހުރިކަމަށް ބުނެ ދަތުރު ފައިސާ އާއި އެލަވަންސަށް 10430ރ. ނަގާފައިވާ ކަމަށާއި އަދި އޭގެ ފަހުން ވެސް 54 ދުވަހަކަށް ޖެހޭ 21570ރ. ދަތުރުގެ އެލަވަންސްގެ ގޮތުގައި ނަގާފައިވެ އެވެ. އެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކޮށް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާއަރުއްވައިފަ އެވެ.
ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުން ޕްރޮޖެކްޓް ކޮންސަލްޓެންޓުގެ މަގާމުކަމަށް ބުނެ މަހަކު 10،000ރ. ގެ މުސާރައެއްގެ މަގާމެއް އުފައްދާ އެ މަގާމަށް މީހުން ނެގުމަށް އިއުލާންކުރުމުން މަތީ ތައުލީމު ހާސިލްކޮށްފައިވާ ގިނަ ބަޔަކު އެ މަގާމަށް ކުރިމަތިލި ނަމަވެސް ހަމަ އެކަނި ވަނަވަރު ހުށަހަޅާފައިވާ ފަރާތްތަކަށް އެ ވަޒީފާ ދީފައިވާ ކަމަށާއި އަދި އެ ވަޒީފާ އަށް މީހަކު ހޮވުމުގައި ޕޮއިންޓް ދީފައި ނުވާކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ މުވައްޒަފުން އެ ޕްރޮވިންސްގެ "މިނިސްޓާ އޮފް ސްޓޭޓް"ގެ މަގާމަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައިވަނީ ފާހަގަކޮށްފަ އެވެ. އެ މައްސަލަ ވެސް އޭސީސީން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްވެސް ވަނީ ލަފާދެއްވައިފަ އެވެ. އެ އޮފީހުން އިތުރަށް ފާހަގަކުރެވުނު އެހެން ކަންތައްތަކުގެ ތެރޭގައި ބޭރަށް ކުރާ ދަތުރުތަކުގެ ރިޕޯޓް ފެންނަން ނެތުމާއި އަދި ހިސާބުތައް ދިމާނުވުމުގެ މައްސަލަ ވަނީ ފާހަގަކޮށްފަ އެވެ.
ދެކުނު ޕްރޮވިންސް އޮފީހުން ގާނޫނާ ހިލާފަށް ކޮށްފައިވާ ބޮޑަތި ހަރަދުތަކެއް ވެސް ރިޕޯޓުގައި ފާހަގަކޮށްފަ އެވެ. އެގޮތުން އެ އޮފީހުގެ ފަރާތުން ދެކުނު ޕްރޮވިންސްގެ އާންމު ހާލަތާއި ތަރައްގީ ވަޒަންކުރުމަށް ޕޭޕަރެއް އެކުލަވާލުމަށް އަމިއްލަ ފަރުދަކާއި ހަވާލުކުރި ކަމަށާއި އެ ފަރާތާ އެކު އެއްބަސްވެފައި ވަނީ 22،000ރ. އަށް އެ މަސައްކަތް ކުރުވުމަށް ކަމަށެވެ. ނަމަވެސް އެ ފަރާތުން ކޮށްފައިވާ އެއްވެސް މަސައްކަތެއް ފެންނަން ނެތް އިރު އެ މަސައްކަތަށް އެ ފަރާތަށް 154،000ރ. ދީފައިވާ ކަމަށް ރިސޕޯޓުން ދައްކަ އެވެ. އެ މައްސަލަ ވެސް އޭސީސީން ތަހުގީގު ކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވައިފަ އެވެ.
އެ އޮފީހުގެ ސްޓޭޓް މިނިސްޓާ ތިން ދުވަހުގެ ރަސްމީދަތުރުފުޅެއްގައި މާލެވަޑައިގަތް 48 ދުވަހު މާލޭގައި މަޑުކުރެއްވި ކަމަށާއި އެ މުއްދަތައް އޭނާ ދައުލަތުގެ ބަޖެޓުން 32،200ރ. ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ކެއުމުގެ ފައިސާ އާއި ދަތުރު ފައިސާވެސް ބަޖެޓުގެ ބޭރުން ނަގާފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. އެ ފައިސާ އެ މިނިސްޓަރުގެ އަތުން އަތުލުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވައިފަ އެވެ.
ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު އައްޑު އަތޮޅު ވިލިގިލީ ރިސޯޓްގައި 24 މީހަކަށް ރޭގަނޑުގެ ކެއުމެއް ހަމަޖައްސައިދީފައިވާ ކަމަށާއި އެ ހަރަދަށް 10788ރ. ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި އެ ހަރަދުކުރުމަށް ހުއްދަ ދޫކޮށްފައިވާ ފަރާތެއް ވެސް އަދި ޕޭމަންޓް އެޕްރޫވް ކުރި ފަރާތެއް ވެސް ޕޭމަންޓް ވޮއުޗަރުން ފެންނަން ނެތް ކަމަށް ވެސްވެ އެވެ. އެ މައްސަލައިގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވަނީ އަންގަވައިފަ އެވެ. އަދި ހަމަ އެ ރިސޯޓުގައި 1 ޖުލައި 2010 ވަނަ ދުވަހުން ފެށިގެން ތިން ދުވަހަށް އޭރުގެ ޑިފެންސް މިނިސްޓަރު މަޑުކުރެއްވި ކަމަށާއި އެބޭފުޅާ ރިސޯޓުގައި ހުރުމުގެ ހަރަދު ހަމަޖައްސާފައި ވަނީ އެ އޮފީހުގެ ބަޖެޓުން ކަން ހާމަވެ އެވެ. އެކަމަށް 5088ރ. ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށްވެސް ބަޖެޓުގައި ހިމަނާފައިވެ އެވެ. އަދި މާހެފުމެއް ބޭއްވުމަށް 6000ރ. ހަރަދުކޮށްފައިވާ މައްސަލައެއް ވެސް ރިޕޯޓުގައި ފެންމަތިކޮށްފައިވެ އެވެ.
އަދި އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ހަފްތާއެއް ފާހަގަކުރުމަށް ދެކުނު ޕްރޮވިންސް އޮފީހުގެ ބަޖެޓުން ހަރަދުކޮށްފައިވާ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލައިގައި އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވާ ގޮތުން އެ ހަފްލާގައި ބައިވެރވުމަށް އައި އިންޑިއާ ވަފުދުގެ ބޭފުޅުންގެ އެކޮމޮޑޭޝަންއަށް ވަނީ 18460ރ. ހަރަދުކޮށްފަ އެވެ. އަދި އެ ފެސްޓިވަލްއަށް ހޯދުނު އެކި އިކުއުޕްމަންޓްތަކަށް 9120ރ. ވަނީ ހަރަދުކޮށްފަ އެވެ. އެއީ ޖުމްލަ 27580ރ. އެވެ. އެ ފައިސާ ހަރަދުކޮށްފައި ވަނީ ފިނޭންސްގެ ހުއްދަ ނެތި އަދި ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓާ ގަވާއިދާއި ހިލާފަށް ފޯނު އެލަވަންސް ނަގާފައިވާ މައްސަލަ ވެސް ވަނީ ފެންމަތިކޮށްފަ އެވެ. އެގޮތުން އެ މިނިސްޓަރުގެ ފޯނު ބިލަށް 2010 ވަނަ އަހަރުގެ ތެރޭގައި 32489ރ. ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުން ދައްކަ އެވެ.
އެ އޮފީހުން ވެސް ދަތުރު ރިޕޯޓުތަކާއި ހިސާބުތައް ބަލަހައްޓާފައެއްނުވެ އެވެ.
ފެބުރުއަރީ ހަތެއްގައި ވެރިކަން ބަދަލުވުމަށް ފަހު ޕްރޮވިންސް އިދާރާތައް މިހާރު ވަނީ އުވާލައިފަ އެވެ.