ބިދޭސީން ލައްވައި މަސްވެރިކަމުގެ މަސައްކަތް ކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީ އިން އިއްޔެ އާއްމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި އާއްމުކޮށް ދިވެހިން މަސްވެރިކަންކުރާ ހިސާބުގައި ފަޅުވެރިންގެ ގޮތުގައި ނުވަތަ އެހެން ގޮތެއްގައި ނަމަވެސް ބިދޭސީންނާ ގުޅިގެން ނުވަތަ ބިދޭސީން ހިމެނޭ ގޮތަށް ނުވަތަ ބިދޭސީން ބައިވެރިކޮށްގެން އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުމަކީ މަނާ ކަމެއް ކަމަށާއި ފަހަކަށް އައިސް ބިދޭސީން ބައިވެރިކޮށްގެން މަސްވެރިކަމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.

"... ފަހަކަށް އައިސް މަސްވެރިކަމުގެ ގަވާއިދާ ހިލާފަށް ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި އާއްމުކޮށް ދިވެހިން މަސްވެރިކަން ކުރާ ހިސާބުގައި ބިދޭސީން ހިމެނޭ ގޮތަށް ނުވަތަ ބިދޭސީން ބައިވެރިކޮށްގެން މަސްވެރިކަން ކުރަމުންދާކަމުގެ ޝަކުވާ މިނިސްޓްރީ އަށް ދަނީ ލިބެމެންނެވެ،" ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އަދި ބުނެފައި ވަނީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި އާއްމުކޮށް ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުގައި ބިދޭސީން ބައިވެރިކޮށްގެން އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމުގައި ހަދުމަކޮށްދީ އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ 14 ވަނަ މާއްދާގައި ދިވެހިން އާއްމުކޮށް މަސްވެރިކަން ކުރާ ސަރަހައްދަކީ ބުނެފައި ވަނީ ރާއްޖޭގެ އަތޮޅުތަކުގެ ބޭރުދުނީގެ ފުއްޓަރުން 75 މޭލު ފާހަގަކޮށް އެސަރަހައްދުގައިވާ ކަނޑާއި ކަނޑުއަޑިގެ ބިންހިމެނޭ ސަރަހައްދެވެ.

މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ މަސްވެރިކަމާ ބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގައި ބުނަނީ ފަޅުވެރިންގެ ގޮތުގައި ނުވަތަ އެހެން ގޮތަކަށް ނަމަވެސް ބިދޭސީންނާއި ގުޅިގެން، ބިދޭސީން ހިމެނޭ ގޮތަށް ނުވަތަ ބިދޭސީން ބައިވެރިކޮށްގެން އެއްވެސް ބާވާތެއްގެ މަސްވެރިކަމެއް ކުރުމަކީ މަނާކަމެއް ކަމަށެވެ.