ގުދުރަތީގޮތުން އެއްކޮށް އޮންނަ ވަކި ދެ ރަށުގައި އުފައްދާނީ އެންމެ ރަށު ކައުންސިލެއް ކަމަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައިވާ މާއްދާ އުވާލުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 136 ވަނަ މާއްދާގެ (ށ) އުވާލުމަށް އެ ގާނޫނަށް އިސްލާހް ގެނައުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ މި އިސްލާހް މަޖިލީހުން ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން 41 މެންބަރުން ވޯޓު ދެއްވައިގެނެވެ.


ހަސަން ލަތީފް ވިދާޅުވީ، މި އިސްލާހު ހުށަހެޅުއްވީ، ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގައި، މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގުމަށްޓަކައި ކޮންމެ ރަށެއްގައި ރަށު ކައުންސިލެއް އުފައްދަންވާނެ ކަމަށް ބަޔާންކޮށްފައިވުމާއި 21 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މި ޤާނޫނުގެ ދަށުން ސިޓީ ކައުންސިލެއް ޤާއިމު ކުރެވިފައިނުވާ ކޮންމެ ރަށެއް ހިންގާނީ އެކަމަށްޓަކައި މިޤާނޫނުގެ ދަށުން އިންތިހާބުކުރާ ރަށު ކައުންސިލަކުން ކަން ބަޔާންކޮށްފައި ވާއިރު މިދެ މާއްދާ، 136 ވަނަ މާއްދާ އާއި ތަޢާރަޒުވާކަމަށް ފެންނާތީ ކަމަށެވެ. މީގެ އިތުރުން، ދެނަމެއް ކިޔައިގެން ދެރަށުގައި ގޮތުގައި ކުރިން ބެލެވެމުންއައި ރަށްރަށުގެ މެދުގައި އެއްކައުންސިލެއް އޮންނަން ވެއްޖެ ނަމަ ފިތުނަ ފަސާދަ ބޮޑުވެ، ހަމަނުޖެހުން އިތުރު ވެގެންދާނެތީ މި އިސްލާހު ހުށަހެޅުއްވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން އިންތިހާބު އިއްލާން ކުރުމަށް އިލެކްޝަނަށް ފަސޭހަވެގެން ދާނެ ކަމަށާއި، ސަރުކާރަށް ވެސް މިކަމުން ފަސޭހަ ވެގެންދާނެ ކަމަށް ވެސް އޭނާވިދާޅުވި އެވެ.


މި އިސްލާހާ ބެހޭ ގޮތުން ކުރި ބަހުސްގައި ގިނަ މެންބަރުންތަކެއް އިސްލާހަށް ތާއީދު ކުރެވި ނަމަވެސް ވެރިކަން ހިންގާ ޕާޓީގެ ބައެއް މެންބަރުން އިސްލާހަށް ދެކޮޅު ހެއްދެވި އެވެ.


އެމްޑީޕީގެ މެންބަރު މަޑަވެލީ ދާއިރާގެ އަހްމަދު ނާޒިމް ވިދާޅުވީ، މިއީ ހިތާމަކުރަން ޖެހޭ އިސްލާހެއްކަމަށެވެ. އަދި މި އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މި އިސްލާހުގެ ސަބަބުން ސަރުކާރުގެ ރިކަރަންޓް ހަރަދު އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބައެއް މެންބަރުން ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވަމުން، އެމްޑީޕީއަށް ސޮއި ކުރެއްވުމަށް ފަހު އެކަން ރޭ އަނބުރާ ގެންދަވާފައިވާ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބުދުﷲ އަބުދުއްރަހީމް ވިދާޅުވީ، ޒަމާނީ ޑިމޮކްރަސީ އަކީ އަގުބޮޑު އެއްޗެއް ކަމަށާއި ނަމަވެސް މައްސަލައަކީ ސަރުކާރުގެ ފޯމިއުލާ ކަމުނުދިއުންކަމަށެވެ. އަދި ސަރުކާރުން ކައުންސިލަރުން އައްޔަންކޮށް ކުންފުނިތައް ހަދައި އެކަމަށް ބޮޑެތި ހަރަރުތައް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީގެ އެކްޓިވިސްޓުނަނަށް ވަޒީފާ ހޯދައިދިނުން ފިޔަވައި އެއްވެސް ފައިދާއެއް ނުނެރޭ ޔުޓިލިޓީސް ކުންފުނިތައް އުފައްދައި، ރައްޔިތުން އިންތިހާބު ކުރާ ބޭންކް އޮފް މޯލްޑިވްސްގެ ބޯޑަށްވުރެ އެ ކުންފުނިތަކުގެ ބޯޑު މެންބަރުންނަށް ބޮޑު މުސާރަދެމުންދާ ކަމަށް ވިދާޅުވެ، އަބުދުއްރަހީމް ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.