ޖިއްދާ (އޮގަސްޓް 14): އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރުކަމުން ސޫރިޔާ ސަސްޕެންޑް ކުރުމަށް މައްކާގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ އިސްލާމީ ޤައުމުގެ އިސްވެރިންގެ ސަމިޓަށް ހުށަހެޅުމަށް އިސްލާމީ ޤައުމުތަކުގެ ޚާރިޖީވަޒީރުންގެ ބައްދަލުވުމުން ރެކޮމެންޑް ކޮށްފި އެވެ.

މިކަން ހާމަކުރައްވަމުން އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް އަކްމަލުއްދީން އިޙްސާން އޮގްލޯ ވިދާޅުވީ 57 ޤައުމު ހިމެނޭ މިޖަމާއަތުގެ ޚާރިޖީވަޒީރުން މިކަމަށް ރެކޮމެންޑް ކުރެއްވީ މައްކާގެ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ޖިއްދާގައި އިއްޔެ ބޭއްވި ޚާރިޖީވަޒީރުންގެ ބައްދަލުވުމުގެ އަޣްލަބިއްޔަތުން ކަމުގަ އެވެ. ޖިއްދާގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީރާނާއި އަލްޖަޒާއިރުގެ ޚާރިޖީ ވަޒީރުން ވަނީ އޯއައިސީގެ މެންބަރުކަމުން ސޫރިޔާ ސަސްޕެންޑް ކުރުމަށް ގޮވާލެވޭ ގޮވާލުންތަކަކީ ސޫރިޔާގެ މައްސަލަ ހައްލުކުރަން އިތުރަށް އުނދަނގޫ ވެގެންދާނެ ކަމެއްކަމަށް ސިފަކުރައްވާފަ އެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް އަކްމަލުއްދީން އިޙްސާން އޮގްލޯ ވަނީ ސޫރިޔާގެ ރައްޔިތުންގެ ލޭއޮހޮރުވުންތައް ހުއްޓުވުމަށް ޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިސްލާމީ ޤައުމުތަކަށް ގޮވާލައްވާފަ އެވެ. ސޫރިޔާގެ ލޭއޮހޮރުވުންތައް ހުއްޓުވުމުގެ އިތުރުން ސޫރިޔާ ބައިބައިވިޔަ ނުދިނުމަށާއި އެޤައުމުގެ އެއްބައިވަންތަކަމާއި ވަހްދަތު ހިފެހެއްޓުމަށް މަސައްކަތް ކުރުމަށް ވެސް އޮގްލޯ އިސްލާމީ ޤައުމުތަކަށް ގޮވާލެއްވި އެވެ. (އަލްޖަޒީރާ)