މާތްވެގެންވާމައްކާ (އޮގަސްޓް 14): އެކްސިޑެންޓްތަކުންނާއި ތޮއްޖެހުމާއި ތާށިވުމުން މާތްވެގެންވާ މައްކާގެ ހަރަމްފުޅު ސަރަޙައްދާއި މައްކާގެ މަގުތަކާއި ވިޔަފާރި ސަރަޙައްދުތައް ސަލާމަތްކުރުމަށް ޓަކައި ވަރަށް އެޑްވާންސް އިންފޮމޭޝަން ޓެކްނޮލޮޖީގެ ސިސްޓަމްތަކެއް ބަހައްްޓައި އޭގެ ބޭނުން ހިފަމުންގެންދާކަން ސަޢޫދީ މަދަނީ ދިފާޢާ ބެހޭ އިދާރާ އިން ހާމަކޮށްފި އެވެ.

މިއިދާރާ އިން ބުނި ގޮތުގައި ޢުމުރާވެރިން ގިނަވުމުގެ ސަބަބުން މައްކާގެ ހަރަމްފުޅު ސަރަޙައްދާއި އެތާނގެ ވަށައިގެންވާ އެނޫން ސަރަޙައްދުތައް ވެސް ތޮއްޖެހިފައިވާ މިދުވަސްވަރު ކުރިމަތިވެދާނެ ޙާދިސާތަކާއި އެކްސިޑެންޓްތަކުން ސަލާމަތްވުމަށްޓަކައި އިމަޖެންސީ ޕްލޭނެއް ގެންދަނީ ތަންފީޒުކުރަމުންނެވެ. މި އިމަރޖެންސީ ޕްލޭންގެ ދަށުން ޢުމުރާވެރިންގެ ރައްކާތެރިކަމަށް ޓަކައި ސަތާރަހާސް ކެމެރާގެ އެހީގައި މައްކާގެ މުހިއްމު ހުރިހާ ސަރަޙައްދުތަކެއް ބަލަހައްޓަމުން ގެންދާކަމަށް ވެސް މިއިދާރާ އިން ބުނެ އެވެ. މިކެމެރާތައް މެދުވެރިކޮށް މުޅި މައްކާ ސައުވީސް ގަޑީއިރު ވަރަށް ފުރިހަމައަށް ބަލަހައްޓަމުން ގެންދާއިރު ބަރަކާތްތެރި ރަމަޟާން މަހުގެ ފަހުދިހާގައި ޢުމުރާވެރިންގެ ޢަދަދު އިތުރުވަމުންގޮސް މިހާރު ގާތްގަނޑަކަށް 2.5 މިލިޔަން މީހުން ޢުމުރާގެ އަޅުކަން އަދާކުރުމަށް މާތްވެގެންވާ މައްކާއަށް ޖަމާވެފައިވާ ކަމަށް ސަޢޫދީ ޢަރަބިޔާގެ ކަމާބެހޭ އެހެން އިދާރާތަކުން ހާމަކުރެ އެވެ.

މައްކާއަށް ޖަމާވެފައިވާ ޢުމުރާވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ޙަރަމްފުޅު ސަރަޙައްދާއި މައްކާގެ ޢިމާރާތްތަކާއި މަދަނީ އަދި ދީނީ އިންފްރާސްޓްރަކްޗާތައް ވަޔަރލެސް ސެންސަރު ވިއުގައަކުން ގުޅާލެވިފައިވާ ކަމަށް ވެސް ސަޢޫދީ ސަޢޫދީ މަދަނީ ދިފާޢާބެހޭ އިދާރާއިން ބުނެ އެވެ. (އަލްޖަޒީރާ)