ތިން އަހަރު ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ ޕްރޮޖެކްޓު މުވައްޒަފުންގެ ކެއުމުގެ ޚަރަދަށް ބިލު ކުރަން ޖެހޭ ވަރަށް ވުރެ އިތުރަށް 14.2 މިލިއަން ރުފިޔާ ކޮންޓްރެކްޓަރުންނަށް ދީފައިވާކަންއޮޑިޓު ރިޕޯޓުންހާމަވެއްޖެއެވެ.

އޮޑިޓާ ޖެރެނަލްގެ އޮފީހުން އާންމުކުރި ފެނަކައިގެ ޚާއްސަ އޮޑިޓުގައި ވަނީ، 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެ ކުންފުނި މެދުވެރިކޮށް ހިންގި ކަމަށް ތުހުމަތުކުރެވޭ އެތައް މައްސަލައެއް ފާހަގަކޮށްފައެވެ.

މިގޮތުން، ފެނަކައިން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓުތަކުގެ މަސައްކަތަށް ހާޒިރުވި މުވައްޒަފުންގެ ކެއުމުގެ ޚަރަދަށް ބިލު ކުރަން ޖެހޭ ވަރަށް ވުރެ އިތުރަށް 14.2 މިލިއަން ރުފިޔާ ކޮންޓްރެކްޓަރުންނަށް ދީފައިވާކަން އޮޑިޓުގައި ފާހަގަކުރިއެވެ.

އޮޑިޓުގައި ވަނީ، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް އެކި ރަށްރަށުގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރި ވަގުތީ މުވައްޒަފުންނަށް ކޭޓަރިންގެ ޚިދުމަތް ދިނީ އެކި ކުންފުނިތަކާ ފެނަކައިން ހަވާލުކޮށްގެން ކަމަށެވެ.

ކޮންޓްރެކްޓަރުންނާ އެއްކޮށް ފެނަކައިން ހެދި އެއްބަސްވުމުގެ ދަށުން، ހެނދުނުގެ ސަޔާއި، ނުވަގަޑި ސަޔާއި، މެންދުރުގެ ކެއުމާއި، ހަވީރުގެ ސަޔާއި، ރޭގަނޑުގެ ކެއުމާއި ދަންވަރުގެ ކެއުން ވެސް ފޯރުކޮށްދޭން ހަމަޖައްސާފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން، ކޮންޓްރެކްޓަރުން ފެނަކައިގެ މުވައްޒަފުންނަށް ކެއުން ފޯރުކޮށްދޭން ޖެހޭނީ އެ ކޯޕަރޭޝަނުން އަންގާ އަދަދަކަށެވެ. އަދި، ކެއުމުގެ ޚަރަދަށް ބިލު ކުރަން ޖެހެނީ ކެއުން ތައްޔާރުކުރުމަށް ފެނަކައިން އަންގާ ވަރަކަށް ކަން އޮޑިޓުގައި ފާހަގަކުރިއެވެ.

މި ޕްރޮޖެކްޓުތަކާ ގުޅޭ ލިޔުުންތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާތީ ކެއުން ފޯރުކޮށްދޭން ޖެހޭ މުވައްޒަފުންގެ އަދަދު އެންގުމަށް ފެނަކައިން ކޮންޓްރެކްޓަރުންނަށް ފޮނުވި ގިނަ އަދަދެއްގެ ލިޔުންތައް އޮޑިޓަރުންނަށް ލިބިފައިނުވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

އޮޑިޓުގައި ބުނީ، މަހުން މަހަށް ތައްޔާރުކޮށްފައިވާ އެކި ޕްރޮޖެކްޓުތަކުގެ ހާޒިރީ ޝީޓުތައް ބަލައިގެން ކެއުން ފޯރުކޮށްދޭން ޖެހޭ މުވައްޒަފުންގެ އަދަދު އޮޑިޓު ސާމްޕްލިން އުސޫލުން ޗެކްކުރި ކަމަށެވެ. އެގޮތުން، މުވައްޒަފުންނަށް ކެއުން ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވާ ބައެއް ކޮންޓްރެކްޓަރުންނަށް ކެއުމުގެ ޚަރަދަށް ދީފައި ވަނީ އެކި މަސްމަހު މަސައްކަތަށް ހާޒިރުވި މުވައްޒަފުންގެ އަދަދަށް ވުރެ އިތުރަށް ޗާޖުކޮށްފައިވާ ޚަރަދު ހިމަނައިގެން ކަން ފާހަގަކުރެވިފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

ސާދަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ކެއުމަށް އިތުރަށް ބިލުކޮށްފައިވާއިރު، އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ ގދ. ގައްދޫ އިންޖީނުގެ އިމާރާތުގެ މަޝްރޫއުގައެވެ. އެ މަޝްރޫއުގައި ކެއުމަށް ޚަރަދުކުރަން ޖެހެނީ 4.14 މިލިއަން ރުފިޔާ ނަމަވެސް، ކޮންޓްރެކްޓަރަށް 9.98 މިލިއަން ރުފިޔާ ދީފައިވެއެވެ. އެއީ 5.83 މިލިއަން ރުފިޔާ އިތުރަށް ހިމަނައިގެންނެވެ.

މީގެ އިތުރުން ގދ. ވިލިނގިލީގައި ކުރިއަށްގެންދިޔަ މަޝްރޫއުގައި ކެއުމަށް ޚަރަދުކުރަން ޖެހެނީ 3.50 މިލިއަން ރުފިޔާ ނަމަވެސް، ކޮންޓްރެކްޓަރަށް 5.45 މިލިއަން ދީފައިވެއެވެ. އެއީ 1.95 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އެމްޑީޕީ ވެރިކަމުގައި ފެނަކަ މެދުވެރިކޮށް ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރެވުނު ނަމަވެސް އެކަން އޮތީ ނުބަލައެެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ވެސް އެތައް މައްސަލައެއް ހުށަހެޅިއެވެ. ނަމަވެސް، އެ މައްސަލަތައް ނުހުއްޓުވާތާ ނުވެސް ބަލައެވެ.

އެ މައްސަލަތަކާ ގުޅުވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރު ފެށުމާއެކު އެސެޓް ރިކަވަރީ ބިލު ސަރުކާރުން ހުށަަހަޅައި، އެ ބިލު ގާނޫނަކަށް ވުމާއެކު ވައްކަންކޮށްފައި ތިބި އެންމެންގެ ފަހަތުން ސަރުކާރުގެ އިދާރާތައް ބާރަށް ދާނެކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެސެޓް ރިކަވަރީ ބިލެއް ހުށަހެޅުއްވުމުގެ މަގުޞަދަކީ، މިދިޔަ ދުވަސްތަކުގައި ގައުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމެވެ. އަދި އެ ކަން ނިމޭއިރު، އެ ވައްކަންތަކުގައި ޝާމިލުވާ މީހުންގެ އަތުން ބަދަލު ނެގޭނެ ގޮތެއް ނެތުމުން، އެކަން ބަދަލުކުރެއްވުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.