ކޮލޮމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯގެ ވިސާ ބާތިލްކޮށްފައިވާ ކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް އިން ބުނެފިއެވެ.

އެ ޑިޕާޓްމަންޓުން އެކްސްގައި ކުރި ޕޯސްޓުގައި ޕެޓްރޯގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ވަކި ތަފުސީލެއް ދީފައި ނުވި ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވި ފޫޓޭޖުތަކުން ފެންނަ ގޮތުގައި ކޮލޮމްބިއާގެ ރައީސް ވަނީ ހުކުރު ދުވަހު ނިއުޔޯކުގެ މައި އޮފީހުގެ ބޭރުގައި ފަލަސްތީނަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ކުރި މުޒާހަރާއެއްގައި ބައިވެރިވެވަޑައިގެންފައެވެ.

"މިއަދުގެ ވަގުތެއްގައި ކޮލޮމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ނިއު ޔޯކު ސިޓީގެ މަގެއްގައި ހުންނަވައި އެމެރިކާ ސިފައިންގެ އަމުރުތަކަށް ނުކިޔަމަންތެރިވެ އަނިޔާވެރިކަމަށް ހިތްވަރުދެއްވި." އެކްސްގައި އެ ޑިޕާޓްމަންޓުން ކުރި ޕޯސްޓެއްގައިވެއެވެ.

މުޒާހަރާގައި ހުންނަވައި ޕެޓްރޯ ވަނީ ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ކުރުމަށްޓަކައި ބައިނަލްއަގްވާމީ ލަޝްކަރެއް އުފެއްދުމަށް ގޮވާލައްވާފައެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ވަނީ، ޕެޓްރޯއަސް ފިޔަވަޅު އެޅީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އދ.ގައި ފާޑު ވިދާޅުވުމުން ކަމަށް ވެސް ރިޕޯޓުކޮށްފައެވެ.

ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އދ ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ. ފޮޓޯ/ޓައިމްސްނައު

ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ވާހަކަ ދައްކަވަމުން ޕެޓްރޯ ވަނީ ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުން ހުއްޓުވަން ޖެހޭނީ ގަތުލު އާންމަށް އިތުރު ދުވަހެއްގެ ފުރުސަތެއް ނުދޭން ކަމަށާއި އެމެރިކާއާއި ޔޫރަޕްގައި ތިބި ނަތަންޔާހޫ އާއި އޭނާގެ އެކުވެރިންނަށް ޖަވާބުދާރީވުމުން ސަލާމަތް ނުވެވޭނެ ކަމަށެވެ.

ފަލަސްތީނުގައި ހިނގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް ބައިނަލްއަގްވާމީ ޓާސްކް ފޯހެއް އުފެއްދުމަށްވެސް ޕެޓްރޯ ހުށަހެޅުއްވިއެވެ.

އދ.ގެ އާންމު މަޖިލިސް ބާއްވަން ގާތްގަނޑަކަށް ހަފުތާއަކަށްވެފައި ވަނިކޮށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ހިމެނޭހެން އާންމު މަޖިލީހުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަލަސްތީނުގެ 80 ވަރަކަށް އޮފިޝަލުންނަށް އެމެރިކާއިން ވަނީ ވިސާ ނުދޭން ނިންމާފައެވެ.

އާންމު މަޖިލީހުގައި އައްބާސް ތަގުރީރުކުރެއްވީ ވީޑިއޯ މެދުވެރިކޮށެވެ.