14 Aug 2012, 01:31
ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދަވާފައިވާ އިންކްއަރީ ކޮމިޝަނުގެ ރިޕޯޓުން ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު މީހުން ގާނޫނާއި ހިލާފު އަމަލުތަކެއް ހިންގާފައިވާކަން އެނގިގެންދާނެކަން ޔަގީން ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އޯގަސްޓް 13،12 ފާހަގަ ކުރުމަށް "ކަޅުހުކުރު 2012" އިގެ ނަމުގައި މިރޭ އެމްޑީޕީން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކޮމިޝަނުން ނެރޭ ރިޕޯޓަށް ފަހު ފުލުހުންނާއި ސިފައިން ގާނޫނާއި ހިލާފު އަމަލުތަކެއް ކޮށްފައިވާކަން އެންމެނަށް ވެސް ހާމަވެގެންދާނެ ކަމަށެވެ.
"ކޮންމެ ގޮތަކަށް އެ ކޮމިޝަނުން ނިމުނު ކަމުގައިވީ ނަމަވެސް ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު މީހުން ގާނޫނާއި ހިލާފު ކަންތައް ތަކެއް ކުރިކަން އެނގިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ކޮމިޝަނުން ނެރޭ ރިޕޯޓަށްފަހު ގާނޫނާއި ހިލާފަށް އަމަލުކުރި ސިފައިންނާއި ފުލުހުން އިންސާފްގެ ކުރިމައްޗަށް ހާޒިރުކޮށްފައި ނޫނީ އެމްޑީޕީން ގެއަށް ނުވަންނާނެ ކަމަށެވެ.
"އަޅުގަނޑުމެން އެދުވަހު ގެއަކަށް ނުވަންނާން އެ ސިފައިންނާއި ފުލުހުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށްފައި ނޫނީ،" ނަޝީދު ވިދާޅުވި އެވެ.
ހަމަ އެހެންމެ އިންކްއަރީ ކޮމިޝަނުން ކޮންމެ ގޮތަށް ރިޕޯޓް ނެރުނު ނަމަވެސް 7 ފެބްރުއަރީގައި މާލެގައި ހިނގައިދިޔަ ކަންތައް ފެނުނު އެންމެނަށްވެސް ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަން ކަށަވަރުވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ޖުމްލަ ގޮތެއްގައި ސިފައިންނާއި ފުލުހުންނަކީ "ނުލަފާ" ބައެއް ނޫން ކަމަށާއި ރާއްޖޭގައި ގިނައީ ގައުމީ ރޫހުގައި ތިބި ފުލުހުންނާއި ސިފައިން ކަމަށާއި އެފަރާތްތަކާއެކު ގައުމައިގެން ކުރިއަށް ދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި އެމްޑީޕީގެ ވެރިކަމެއްގައި ފުލުންނާއި ސިފައިން ކަންބޮޑުވާނެކަމެއް ނެތް ކަމަށާ އެމްޑީޕީން ވެރިކަމެއްގައި ސިފައިންނާއި ފުލުހުންގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނެކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ވަރަށް ގިނަ ބަޔަކު ބައިވެރިވި މިރޭގެ ޖަލްސާއަށް ގިނަ ބަޔަކު ދިޔައީ ކަޅު ހެދުމުގަ އެވެ. އެ ޖަލްސާގައި 2004 ވަނަ އަހަރު އޯގަސްޓް މަހު 12،13 ގައި ހައްޔަރުކުރި މީހުނަށް ލިބުނު އަނިޔާތަކާއި ކުރެވުނު ތަޖްރިބާތައް ވެސް ހުށަހަޅާދިނެވެ. މީގެ އިތުރުން ތަފާތު ޕްރެޒެންޓޭޝަންތައް އެ ޖަލްސާގައި ހުށަހަޅާފައިވާއިރު ޖުމްހޫރީ މައިދާނުގައިވާ ދިވެހި ދިދައިގެ ބުޑު ސިފަކޮށްދޭ ސެޓޭޖެއް އެ ސަރައްދުގައި ހުއްޓެވެ.