27 Sep 2025, 09:50
މިދިޔަ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ފިލްމު "ދަޅަކް 2" ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށައިފިއެވެ.
ޝާޒިއާ އިގްބާލް ޑައިރެކްޓްކޮށް ޕްރޮޑިއުސަރުންގެ ޓީމުގައި ކަރަން ޖޯހަރު ހިމެނޭ "ދަޅަކް 2" އަކީ ދަރުމާ ޕްރޮޑަކްޝަންސް އާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދިން ފިލްމެކެވެ.
ފިލްމީ ތަރިން ކަމަށްވާ ސިދާތު ޗަތުރުވެދީ އާއި ތުރިޕްތީ ދިމްރީ ލީޑް ތަރިންގެ ގޮތުގައި ފެނުނު މި ފިލްމަކީ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
ފިލްމު އޮގަސްޓް މަހު ރިލީޒްކުރުމަށްފަހު ޑިޖިޓަލް ޕްލެޓްފޯމަކުން ވަރަށް އަވަހަށް ފެންނާނެކަން ނެޓްފްލިކްސްއިން ވަނީ ވަރަށް ކުރިން އިއުލާނުކޮށްފައެވެ.

ފިލްމު "ދަޅަކް 2"ގެ މަންޒަރެއް--ފޮޓޯ/ޖީކިއުއިންޑިއާ
ނަމަވެސް އެއީ ކޮން ތާރީޚެއްކަން އޭރު ހާމައެއް ނުކުރެއެވެ. އިއްޔެއިން ފެށިގެން ފިލްމު "ދަޅަކް 2" ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށާފައިވާއިރު ސިނަމާތަކަށް ގޮސް ފިލްމު ބެލުމުގެ ފުރުސަތު ނުލިބުނު ގިނަ ބަޔަކަށް މިހާރު ގޭގައި ތިބެގެންވެސް ފިލްމު ބަލާލުމުގެ ފުރުސަތު އެބައޮތް ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.
ޖުމްލަ 29 ކްރޯރް ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމު "ދަޅަކް 2" ތިއޭޓަރުތަކުން ނެގިއިރު ފިލްމަށް ލިބިފައި ވަނީ 31.5 ކްރޯރް ރުޕީސްއެވެ. ނަމަވެސް ފިލްމުގެ ރައިޓްސް އޮންލައިން ޕްލެޓްފޯމަކަށް ވިއްކާލުމުން ފިލްމަށް ކުރެވުނު ޚަރަދު ފޫބެއްދޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމު "ދަޅަކް 2" އަކީ 2018 ވަނަ އަހަރު ދަރުމާއިން ގެނެސްދިން ރިމޭކް ފިލްމު "ދަޅަކް"ގެ ދެވަނަ ބައެވެ. ނަމަވެސް ފުރަތަމަ ފިލްމުގެ ވާހަކަ އާއި ދެވަނަ ފިލްމުގައި ގެނެސްދިން ވާހަކައާ އެއްވެސް ގުޅުމެއް ނެތް ކަމަށް ދަރުމާއިން ވަނީ ބުނެފައެވެ.