ބޮލީވުޑްގެ މަގުބޫލު އެކްޓަރު އަދި ސައުތު ސިނަމާގެ ބަތަލާ ރަޝްމިކާ މަންދަންނާ އެކީގައި ކުޅޭ ފިލްމު "ތާމާ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑްޑޮކް ފިލްމްސްގެ ހޮރޯ-ކޮމެޑީ ޔުނިވާސްއިން އުފައްދާ މި ފިލްމަކީ ވެމްޕަޔަރުންގެ ދުނިޔޭގެ މައްޗަށް ބިނާކޮށް ޚިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ މެޑްޑޮކް ފިލްމްސްގެ ހޮރޯ-ކޮމެޑީ ޔުނިވާސްއިން ގެނެސްދިން ކާމިޔާބު ފިލްމު "މުންޖްޔާ"ގެ ޑައިރެކްޓަރު އަދިތިޔާ ސަރްފޯތުދަރްއެވެ.

އަޔުޝްމާން އާއި ރަޝްމިކާގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނާނެ ތަރިންގެތެރޭ ނަވާޒުއްދީން ސިއްދީގީ، ޕަރޭޝް ރާވަލް، ސަތިޔަރާޖް، ފައިސަލް މާލިކް އަދި ޚާއްސަ ފެނިލުންތަކުން ވަރުން ދަވަން ހިމެނެއެވެ.

ފިލްމު "ތާމާ"ގެ މަންޒަރެއްގައި ނަވާޒުއްދީން އަދި އަޔުޝްމާން އާއި ރަޝްމިކާ--ފޮޓޯ/ހިންދުންސްތާންޓައިމްސް

މީގެއިތުރުން މި ފިލްމުގެ ވަރަށް ޚާއްސަ ލަވައަކުން މަލައިކާ އަރޯރާގެ އިތުރުން ކުޅަދާނަ ނެށުންތެރިޔާ އަދި ބަތަލާ ނޯރާ ފަތޭހީ ފެންނާނެއެވެ.

މި އަހަރު ރިލީޒްކުރާނެ އެންމެ އުއްމީދީ ފިލްމުތަކުގެތެރޭ ހިމެނޭ "ތާމާ"އަކީ އަޔުޝްމާން އާއި ރަޝްމިކާ އެކީގައި ކުޅޭ ފުރަތަމަ ފިލްމެވެ. ފިލްމުގައި އަޔުޝްމާން ކުޅޭ ކެރެކްޓާ ފަހުން ވެމްޕަޔައަކަށް ބަދަލުވުމުން ދިރިއުޅުމަށް އަންނަ ބޮޑު ބަދަލާ އެކު، ލޯބިވެރިޔާއާ ދެމެދު ހިނގާ ހަމަނުޖެހުންތައް ފިލްމުން ފެންނާނެއެވެ.

މި ފިލްމުގެ ޓްރެއިލާ ރިލީޒްކުރުމާ އެކު ގިނަ ބަޔަކު ބުނެފައި ވަނީ މިއީ މި އަހަރުގެ ދިވާލީ ފެސްޓިވަލްގައި ލިބޭ ބަންދުގައި ބަލާލަން އެންމެ ރަނގަޅު ފިލްމު ކަމަށެވެ. ހަމައެއާއެކު މި ފިލްމުގެ ލަވަޔަކުން ނޯރާގެ އެނބުރިއައުން ފެނުމާ އެކު އެކަމާ ވެސް ގިނަ ބަޔަކު ވަނީ އުފާފާޅުކޮށްފައެވެ.

މެޑްޑޮކް ފިލްމްސްގެ ހޮރޯ-ކޮމެޑީ ޔުނިވާސްއިން ގެނެސްދޭ ފަސް ވަނަ ފްރެންޗައިސް ފިލްމު "ތާމާ" ސިނަމާތަކަށް ގެންނާނީ އަންނަ އޮކްޓޯބަރު މަހުގެ 21ގައެވެ.