އިންޑިއާގެ މަގުބޫލު ފިލްމު ކުންފުނި ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް)އަށް މޯހިތު ސޫރީ ޑައިރެކްޓްކޮށް ދިން ފުރަތަމަ ފިލްމަށް ލިބުނު ކާމިޔާބީއަށް ފަހު އެ ކުންފުނީގެ އިތުރު ފިލްމެއް މޯހިތަށް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަންނަ އަހަރުގެ މެދުތެރޭ މަސައްކަތް ފަށާނެ ކަމަށް ބެލެވޭ މި ފިލްމަކީ ވައިއާރްއެފްގެ ސީއީއޯ އަކްޝަޔޭ ވިދާނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ވައިއާރްއެފްގެ ޕްރޮޑަކްޝަން ޓީމުގެ މެމްބަރަކާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ފިލްމު "ސައްޔާރާ"އަށް ފަހު ޑައިރެކްޓަރު މޯހިތަށް ވަރަށް ގިނަ ފިލްމުތަކުން ފުރުސަތު ލިބެމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް ބޮޑެތި އަގުތަކާ އެކު ހުށަހެޅުންތައް ލިބެމުން ދިޔަ ނަމަވެސް މޯހިތު ނިންމީ އަނެއްކާވެސް ވައިއާރްއެފްއާ އެކު އިތުރު ލޯބީގެ ފިލްމެއްގެ މަސައްކަތް ފެށުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕްރޮޑިއުސަރު އަދިތިޔަ ޗޯޕްރާ، ފިލްމު "ސައްޔާރާގެ ލީޑް ތަރިން އަދި ފިލްމުގެ ޑައިރެކްޓަރު މޯހިތު ސޫރީ--ފޮޓޯ/ފިލްމުފެއަ

މޯހިތު ދެން އުފައްދާ ފިލްމަކީ ވެސް ފިލްމު "ސައްޔާރާ" ކަހަލަ ލޯބީގެ ފިލްމެއް ކަމަށާއި ނަމަވެސް ފިލްމުގެ ޕްލޮޓް މުޅިން ތަފާތުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޒުވާން އެކްޓަރު އަހާން ޕާންޑޭ ފިލްމީ ދާއިރާއަށް ތައާރަފްވި ފިލްމު "ސައްޔާރާ"އަކީ މިހާތަނަށް އިންޑިއާގެ ސިނަމާގައި ގެނެސްދިން އެންމެ ކާމިޔާބު ލޯބީގެ ފިލްމެވެ.

ފިލްމަށް ރެކޯޑު އަދަދަކަށް އާމްދަނީ ލިބުނުއިރު މިއީ މޯހިތުގެ ފިލްމަކަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަނިކޮށް ގެނެސްދިން ފިލްމެކެވެ. މޯހިތުގެ ކެރިއަރުގެ ކާމިޔާބު ފިލްމުތަކުގެތެރޭ "އާޝިޤީ 2"، "ޒެހެރު"، "އޭކްވިލެން" އަދި "އާވާރާޕަން" ހިމެނެއެވެ.