14 Aug 2012, 00:52
މާޒިޔާ 5-1 އިން ބަލިކޮށް އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ވެލެންސިއާ ނަލަހިޔާ ވެޓަރަންސް ކަޕުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ސެމީގެ ފުރަތަމަ މެޗުގައި އިއްޔެ ވެލެންސިއާގެ ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ވެލެންސިއާގެ ކުރީގެ ކެޕްޓަން ތޮއްޑޫ މުހައްމަދު ނިޒާމެވެ. އަނެއް ދެ ލަނޑު ޖެހީ އަހުމަދު ނާޝިދު (ނާދު) އާއި އަހުމަދު ނަސީމް (އައްމަޑޭ) އެވެ. މާޒިޔާގެ ހަމައެކަނި ލަނޑު ޖެހީ ވެލެންސިއާ ފަސް ލަނޑު ޖެހިފަހުން މެޗުން ނިމެން ދެ މިނިޓަށް ވެފައިހުއްޓާ މުހައްމަދު ސުވޭދު (ސުވަޓޯ) އެވެ.
ތިރީސް ފަސް އަހަރުން މަތީގެ ކުރީގެ ކުޅުންތެރިންގެ މުބާރާތުގެ ފައިނަލަށް ދިއުމަށް މާޒިޔާ އަށް އަދި އެއްފުރުސަތުލިބޭނެ އެވެ. ސެމީގެ ފަހު މެޗުގައި މާޒިޔާއާ ވާދަ ކުރާނީ މާދަމާ ވިކްޓަރީ އާއި ސިފައިން ކުޅެގެން މޮޅުވާ ޓީމެކެވެ.
މި މެޗުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް މާޒިޔާގެ ގަރޭ އަށް ރަތްކާޑު ދައްކައި ދަނޑުންފޮނުވާލި އެވެ. އެއީ ވެލެންސިއާގެ ހަސަަން އާމިރު ފަހަތުން އޭނާ ވައްޓާލިފަހުން މުހައްމަދު ވިލްދާނު އޭނާގެ ގައިގައި ފައިން ޖެހުމުން ގަރޭ ރުޅިއައިސްގެން އާމިރަށް ހަމަލާދިނުމުންނެވެ. އަދި ދަނޑުން ފައިބަމުން އޭނާ ވަނީ ބަދަލު ރެފްރީއާ ދިމާލަށް ބޯޅަ ޖަހައި މެޗު ކޮމިޝަނަރުގެ މޭޒުވެސް ހޫރާލައިފަ އެވެ.