ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަން ނިމުނުއިރު ފެނަކައިގެ ދަރަނި 379 ޕަސެންޓް އިތުރުވެފައިވާއިރު, އެ ކުންފުނިން ބައެއް ތަކެތި ގަތުމަށް ހަވާލުކުރުމުގެ ކުރިން އެ ކުންފުނީގެ ނަމުގައި ބައެއް އަމިއްލަ ކުންފުނިތަކުން ރާއްޖޭން ބޭރުން މުދާ ގަނެފައި ހުރި މައްސަލަތަކެއް ވެސް, އޮޑިޓްރިޕޯޓުންހާމަވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް ރޭ އާއްމުކުރި ފެނަކައިގެ ޚާއްސަ އޮޑިޓް ރިޕޯޓްގައި 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެމްޑީޕީގެ ވެރިކަމުގައި, އެ ކުންފުނި މެދުވެރިކޮށް ހިންގި ކަމަށް ތުހުމަތުކުރެވޭ ޚިޔާނާތާއި ވަކި ބަޔަކަށް މާލީ މަންފާ ހޯދައި ދިނުން ކަމަށް ތުހުމަތުކުރެވޭ އެތައް މައްސަލައެއް ވަނީ ފާހަގަކޮށްފައެވެ. އެމްޑީޕީ ވެރިކަމުގައި ފެނަކައިގެ ވެރިއަކަށް ހުންނެވީ އެ ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ އަޙްމަދު ސައީދު މުޙައްމަދެވެ.

އެ ދުވަސްވަރު، އެމްޑީޕީގެ އިސް މަގާމުތަކުގައި ތިބި މީހުންގެ ކުންފުނިތަކަށް ބޮޑެތި މަސައްކަތްތަކެއް ބިޑު ކުރުމަކާ ނުލައި ހަވާލު ކޮށްފައިވާކަން އޮޑިޓު ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުން އެނގެއެވެ.

އެގޮތުން، އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ފެނަކައިން ބިޑު އެވޯޑްކުރުމުގެ ކުރިން އެ ކުންފުނީގެ ނަމުގައި ރާއްޖޭން ބޭރުން މުދާ ގެނައުމުގެ މަސައްކަތް ބައެއް ކުންފުނިތަކުން ފަށާފައިވާ ކަމަށެވެ. އެހެންކަމުން މިއީ ބިޑު އިވެލުއޭޓް ކުރުމާއި ބިޑު އެވޯޑް ކުރުމުގެ ކުރިން އެ ކުންފުނިތަކަށް މަސައްކަތް ހަވާލުކުރަން ހަމަޖައްސާފައިވާކަން އެނގޭ ކަމެއް ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

މިކަމުގެ ތަފުސީލު ދެމުން އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ފެނަކައަށް ޖަނަރޭޓަރު ސެޓާއި ކަރަންޓް ކޭބަލްގެ އިތުރުން ޓްރާންސްފޯމަރުތައް ސަޕްލައިކޮށްފައިވާ ތިން ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމުގެ ކުރިން, ރާއްޖޭން ބޭރުން ތަކެތި ގަނެ, ފެނަކަ ކޯޕަރޭޝަންގެ ނަމުގައި އެ ތަކެތި ރާއްޖެއަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން، މަސައްކަތް ހަވާލުކުރުމުގެ ކުރިން, 2000 މީޓަރު ކޭބަލް ސަޕްލައި ކުރުމަށް, ފެނަކަ ނަމުގައި ޓޫއޭ ކޮމްޕެނީ ޕވޓ ލމޑ ކިޔާ ކުންފުންޏަކުން ރާއްޖޭން ބޭރުން އެތަކެތި ގަނެފައިވާކަން އޮޑިޓްގައި ވަނީ ފާހަގަކޮށްފައެވެ. ދެ އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެ ތަކެތީގެ އަގު 3.9 މިލިއަން ރުފިޔާއަށް އަރައެވެ.

ހަމައެހެންމެ 800 ކިލޯ ވޯޓުގެ ޖަނަރޭޓަރު ސެޓެއް ސަޕްލައި ކުރަން, 3.7 މިލިއަން ރުފިޔާއަށް, އިލެކްޓްރިކަލް މެނުފެކްޗަރޑް ސޮލިއުޝަން ވރޓ ލމޓ ކިޔާ ކުންފުންޏަކާ ހަވާލުކުރުމުގެ ކުރިން ފެނަކަ ނަމުގައި ރާއްޖޭން ބޭރުން އެ ގަނެ, ޝިޕް ކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. ހަމަ އެ ކުންފުންޏާ އިތުރު 800 ކިލޯ ވޯޓުގެ ޖަނަރޭޓަރު ސެޓެއް ގަތުމަށް 3.8 މިލިއަނަށް ހަވާލުކުރުމުގެ ކުރިން ފެނަކަ ނަމުގައި ގަނެ 2022 , 11, އޭޕްރީލްގައި ޝިޕްކޮށްފައިވާ ކަމަށް އޮޑިޓުން އެނގެއެވެ. އަދި، 250 ކިލޯ ވޯޓުގެ ޖަނަރޭޓަރު ސެޓެއް ގަތުމަށް, އިޒާކޯ ޕރވ ލމޓ ކިޔާ ކުންފުންޏަކާ 899,300 ރުފިޔާއަށް ހަވާލު ކުރުމުގެ ކުރިން އެ ކުންފުނިން ވެސް ފެނަކަ ނަމުގައި އެ ގަނެފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުން އެނގޭގޮތުގައި އެ ކުންފުނިތަކާ އެގޮތަށް ހަވާލުކުރި ކަންކަމުގެ އަގު 12.3 މިލިއަން ރުފިޔާއަށް އަރައެވެ. އެ ހުރިހާ އެއްޗެއް ފެނަކައަށް ގަނެފައިވަނީ ވާދަވެރި ބިޑެއް ކުރުމެއް ނެތި ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މަސައްކަތް ހަވާލުކުރުމުގެ ކުރިން ފެނަކަ ނަމުގައި އެ ކުންފުނިތަކުން އެ ތަކެތި ރާއްޖޭން ބޭރުން ގަނެ, ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައި އެވަނީ އެ ކުންފުނިތަކުން ބުނާ އަގަކަށް ފެނަކައިން އެ ތަކެތި ގަންނާނެކަމުގެ ޔަގީންކަން ލިބިފައިވާތީ ކަމަށް ބެލެވޭ ކަމަށެވެ.

މި ކަމަކީ ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ މުދަލާއި ތަކެތި ގަތުމުގެ ކުރިން ވަކި ފަރާތަކަށް ނާޖާއިޒު މާލީ މަންފާ ހޯދައިދިނުމަށް ދުރާލާ ރޭވިގެން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލު ހިމެނޭ މުއާމަލާތެއް ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ ފެނަކައަށް ބޭނުންވާ އެފަދަ ސާމާނު ތިން ވަނަ ފަރާތެއް މެދުވެރި ނުކޮށް އެ ކުންފުނިން ގަތްނަމަ އެ ކުންފުނިން އެ ކަމަށް ކުރަން ޖެހޭ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަ ވާނެ ކަމަށެވެ. ފެނަކައިން އެ ތަކެތި ގަތީ އަމިއްލަ ކުންފުނިތަކާ ވާދަވެރި ބިޑަކާ ނުލައި ހަވާލުކޮށްގެން ކަމަށްވާއިރު ފެނަކައަށް އެ ތަކެތި ލިބިފައިވަނީ ދެ ގުނަ އަގު ބޮޑުކޮށް ކަމަށް ވެސް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.