މިދިޔަ އެމްޑީޕީ ވެރިކަމުގައި 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދޭތެރޭ, ފެނަކަ ކޯޕަރޭޝަނުން ކުރިން ބޭނުންކޮށްފައި ހުރި ޖަނަރޭޓަރުތަކެއް, އައު ޖަނަރޭޓަރުގެ ގޮތުގައި 504 ޕަސެންޓް އަގު ބޮޑުކޮށް ގަނެފައިވާކަން އޮޑިޓްރިޕޯޓުންހާމަވެއްޖެއެވެ.

އެ ތިން އަހަރު ފެނަކަ ހިންގާފައިވާ ގޮތުގެ ޚާއްސަ އޮޑިޓް ރިޕޯޓް ރޭ އޮޑިޓް އޮފީހުން ނެރެފައިވާއިރު ޚިޔާނާތް ކަމަށް ބެލެވޭ އެތައް އަމަލެއް އެމްޑީޕީގެ އެ ވެރިކަމުގައި އެ ކުންފުނިން ހިންގާފައިވާ ކަމަށް ބެލެވޭ އެތައް ކަމެއް ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ބިޑަށް ލުމެއް ނެތި ބިލިއަނުން ކޮށްފައިވާ ޚަރަދުތައް ވެސް ހިމެނެއެވެ.

އޭގެ ތެރޭގައި ފާހަގަކޮށްލެވޭ އެއް ކަމަކީ، ކުރިން ބޭނުންކޮށްފައިވާ 10 ޖަނަރޭޓަރު ސެޓް، މުޅިން އައު ޖަނަރޭޓަރުގެ ގޮތުގައި ގަތުމަށް ހިންގާފައިވާ މުއާމަލާތަކެވެ. ރިޕޯޓްގައި ބުނެފައިވަނީ މުޅިން އައު ޖަނަރޭޓަރުތަކެއް ގެނައުމަށް 2021 ވަނަ އަހަރާއި 2022 ވަނަ އަހަރާ ދޭތެރޭ އެކްސްކޯ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއި އެމްބަރ ހޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފެނަކައިން އެ ދެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ މުޅިން އައު 10 ޖަނަރޭޓަރު ސެޓް ގެންނަން ނަމަވެސް، އެ ކުންފުނިން ގެނެސް ފެނަކައަށް ވިއްކާފައިވަނީ ކުރިން ބޭނުން ކޮށްފައިހުރި, "ރިފާބިޝް" ޖަނަރޭޓަރުތަކެއްކަން އެ ދެ ކުންފުނިން ކަސްޓަމްސްއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. ނަމަވެސް، އެ ޖަނަރޭޓަރުތަކާ ހަވާލުވުމަށް ފަހު، ފެނަކައިން ހެދި ރިޕޯޓްގައި އެ ކުންފުނިން ހަވާލުވީ އައު ޖަނަރޭޓަރުތަކަކާ ކަމަށް ލިޔެފައިވާ ކަމަށް އޮޑިޓުން ބުނެއެވެ.

އެއީ، 400 ކިލޯ ވޯޓުގެ ނުވަ ޖަނަރޭޓަރާއި 600 ކިލޯ ވޯޓުގެ އެއް ޖަނަރޭޓަރެވެ. އެތަކެތީގެ ޖުމުލަ އަގު އިމްޕޯޓް ޑިއުޓީއާއެކު އަރަނީ 2.9 މިލިއަން ރުފިޔާއަށް ނަމަވެސް، ފެނަކައިން އެ ޖަނަރޭޓަރުތައް ގަނެފައިވަނީ 17.4 މިލިއަން ރުފިޔާއަށް, 504 ޕަސެންޓް ބޮޑު އަގުގައި ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.


އޮޑިޓް އޮފީހުން ބުނީ، މުޅިން އައު ޖަނަރޭޓަރުތަކެއް ހޯދަން ހަދާ އެއްބަސްވުމެއްގެ ދަށުން ބޭނުންކޮށްފައި ހުރި ޖަނަރޭޓަރުތަކެއް އެ ދެ ކުންފުނިން ވިއްކުމަކީ މަކަރާއި ހީލަތުގެ އަމަލެއް ކަމަށެވެ. އެ ތަކެތި އައު ޖަނަރޭޓަރުގެ ގޮތުގައި ގޮތުގައި ބަލައިގަނެ, އައު ޖަނަރޭޓަރަށްވާ ފައިސާ ދޫކޮށްފައިވުމަކީ ނާޖާއިޒު މަންފާ ހޯދައި ދިނުން ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

މި ބޮޑު އަގު ލިބޭ މަސައްކަތް އެ ދެ ކުންފުންޏާ ހަވާލުކޮށްފައިވަނީ އާއްމު ބީލަމުގެ އުސޫލުން ބޭރުން ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. އަނެއް ކަމަކީ އެ ޖަނަރޭޓަރުތައް ގަތުމުގެ މަސައްކަތް ފެނަކައިން އެ ކުންފުނިތަކާ ހަވާލުކުރީ، އެއް ދުވަހާއި ހަތް ދުވަހާ ދޭތެރޭ އެތަކެތި ސަޕްލައިކޮށްދޭ ގޮތަށެވެ. ނަމަވެސް، އެ މަސައްކަތް ފެނަކައިން ހަވާލުކުރުމުގެ ކުރިން، އެ ތަކެތި ހުރީ ރާއްޖެ ގެނެސްފައި ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މި ވިޔަފާރީގެ ބޮޑު މުއާމަލާތަކީ ވަކި ފަރާތަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް އޮޑިޓް ރިޕޯޓްގައި ތުހުމަތުކޮށްފައިވެއެވެ.

އެމްޑީޕީ ވެރިކަމުގައި ފެނަކަ މެދުވެރިކޮށް ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރެވުނު ނަމަވެސް އެކަން އޮތީ ނުބަލައެެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ވެސް އެތައް މައްސަލައެއް ހުށަހެޅިއެވެ. ނަމަވެސް، އެ މައްސަލަތައް ނުހުއްޓުވާތާ ނުވެސް ބަލައެވެ.