މި މަހުގެ 18 ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާކުރި "ބޭޑްސް އޮފް ބޮލީވުޑް"ގައި އިންޑިއާގައި މަނާކޮށްފައިވާ ދުންފަތުގެ ބާވަތެއް ބޭނުންކުރާ މަންޒަރު ދެއްކި މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

އިންޑިއާގެ ނެޝަނަލް ހިއުމަން ރައިޓްސް ކޮމިޝަން (އެންއެޗްއާރްސީ)އިން މުމްބާއީގެ ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ 2019 ވަނަ އަހަރުން ފެށިގެން އިންޑިއާގެ 'ޕްރޮހިބިޝަން އޮފް އިލެކްޓްރޯނިކް ސިނގަރޭޓްސް' ޤާނޫނުގެ ދަށުން މަނާކޮށްފައިވާ, ވޭޕް ކުރާ މަންޒަރު "ބޭޑްސް އޮފް ބޮލީވުޑް"ގައި ދައްކާފައިވާ ކަމަށެވެ.

މީގެ އިތުރުން, އެފަދަ ކޮންޓެންޓްތައް ލިމިޓް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެދި އެންއެޗްއާރުސީއިން އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް ސެކްރެޓަރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ވެބް ސީރީސް "ބޭޑްސް އޮފް ބޮލީވުޑް"ގެ ޑައިރެކްޓަރު އަރިއަން ޚާން--ފޮޓޯ/ޕިންކްވިލާ

އެފަދަ މަންޒަރުތައް ރެގިއުލޭޓްކޮށް ފިޔަވަޅު ނޭޅިއްޖެނަމަ ފިލްމުތަކުގައި ދައްކާ އެފަދަ މަންޒަރުތަކުގެ ސަބަބުން ޒުވާން އޯޑިއަންސަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ވެސް އެ ކޮމިޝަނުގެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

އެ ކޮމިޝަނުން މުމްބާއީގެ ފުލުހުންގެ ކޮމިޝަނަރަށް ފޮނުވި ސިޓީގައި އެދިފައިވަނީ "ބޭޑްސް އޮފް ބޮލީވުޑް"ގެ ޕްރޮޑިއުސަރުންނާއި އެ ސީރީޒް ގެނެސްދިން ޕްރޮޑަކްޝަން ކުންފުންޏާއި ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސްއާ ދެކޮޅަށް މައްސަލަ ރަޖިސްޓްރީކޮށްދިނުމަށެވެ.

އެ ސީރީޒް އުފެއްދި ޕްރޮޑަކްޝަން ކުންފުނިން ވަނީ އިންޑިއާގައި އީ-ސިނގިރޭޓް އިޝްތިހާރުކުރުމާއި ބޭނުންކުރުން މަނާކުރާ ޤާނޫނާ ޚިލާފުވެފައި ކަމަށާއި އެ ސީރީޒާ ދެކޮޅަށް އުފުލި މި މައްސަލައިގެ ސަބަބުން ޑިޖިޓަލް ޕްލެޓްފޯމްތަކުން އުފައްދާ އެފަދަ ކޮންޓެންޓްތައް ގެނެސްދިނުމުގައި ޒިންމާދާރުވާ މިންވަރު މީގެ ފަހުން އިހުނަށްވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާންގެ ފިލްމު ޑައިރެކްޝަނަށް ތައާރަފުވި އަލަތު ސީރީޒްގެ އެންމެ ފަހު އެޕިސޯޑުގައި އެކްޓަރު ރަންބީރު ކަޕޫރު ވޭޕްކުރާ މަންޒަރު އެއްވެސް ކަހަލަ އިންޒާރުގެ މެސެޖަކާ ނުލާ ވަނީ ދައްކާފައެވެ.

އެންއާރުސީއިން އެ ސީރީޒް ގެނެސްދިން ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ ރަންބީރު ކަޕޫރު ހިމެނޭ އެ މަންޒަރާ ގުޅިގެންނެވެ.