ބޮލީވުޑްގެ ފިލްމީތަރިން ކަމަށްވާ ޔާމީ ގޯތަމްއާއި އިމްރާން ހާޝިމީ ފުރަތަމަ ފަހަރަށް ބޮޑު ސްކްރީނުން ފެންނާނެ ފިލްމު "ހަޤް"ގެ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ޖަންގްލީ ޕިކްޗާސްއިން އިންސޮމްނިއާ ފިލްމްސް އަދި ބަވޭޖާ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ މި ފިލްމަކީ ސުޕަ ވަރުމާ ހަދާފައިވާ ފިލްމެކެވެ. ސުޕަ ވަރުމާއަކީ ބަތަލާ ކާޖޮލްގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީޒް "ދަ ޓްރަޔަލް" އަދި އެ ސީރީޒްގެ ދެވަނަ ސީޒަންގެ ވެސް ޑައިރެކްޓަރެވެ.

މީގެ އިތުރުން، މަގުބޫލު ފިލްމުތައް ކަމަށްވާ "ސިރްފް އޭކް ބަންދާ ކާފީ ހޭ" އަދި "ރާނާ ނައިޑޫ" އަކީ ވެސް ސުޕަ ވަރުމާ ގެނެސްދިން އުފެއްދުންތަކެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "ހަޤް" އަކީ މަޝްހޫރު ލިޔުންތެރިޔާ ޖިގްނާ ވޯރާ ލިޔުނު "ބަނޯ: ބާރަތު ކީ ބޭޓީ" ފޮތުގައި ހިމެނޭ ހާދިސާތައް އަސްލަކަށް ބަލައިގެން ގެނެސްދޭ ފިލްމެކެވެ.

ފިލްމު "ހަޤް"ގެ ޓީޒާގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ފިލްމުން އިންޑިއާގެ 80އިގެ އަހަރުތަކުގެ ތެރޭ ހިނގާފައިވާ ޤާނޫނީ ގިނަ މައްސަލަތަކެއް ބެލުންތެރިންނަށް ގެނެސްދެވޭނެއެވެ. މި ފިލްމުގެ މައިގަނޑު ވާހަކަ ބިނާކޮށްފައިވަނީ ޝާހް ބާނޯ ކިޔާ އަންހެނަކު އޭނާގެ ހައްގުތައް ހޯދުމަށް 1985ގައި އިންޑިއާގެ ސުޕްރީމް ކޯޓަށް ވެއްދި ތިންފަށް ވަރީގެ މައްސަލައިގެ މައްޗަށެވެ.

ފިލްމުގައި ޝާހް ބާނޯގެ ރޯލްއިން ޔާމީ ފެންނާނެއިރު އިމްރާން ފިލްމުގައި ކުޅެނީ ވަރަށް މަޝްހޫރު ޤާނޫނީ ވަކީލެއްގެ ރޯލެވެ. އިމްރާނާއި ޔާމީގެ އިތުރުން ފިލްމުގެ ކާސްޓުންގެތެރޭ ޝީބާ ޗައްދާ، ދާނިޝް ހުސައިން އަދި އަސީމް ހައްތާންގަދީ ހިމެނެއެވެ. ޕޯސްޓު ޕްރޮޑަކްޝަން މަރުހަލާގައި އޮތް "ހަޤް" ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހެވެ.