ދާދި ފަހުން އިންޑިއާގެ ޤައުމީ އެވޯޑު ކާމިޔާބުކުރި ކުޅަދާނަ އެކްޓަރު ވިކްރާންތު މަސޭ އިންޑިއާގެ އެންމެ ބޮޑު އެއް ފިލްމު ކުންފުނި ކަމަށްވާ ދަރުމާ ޕްރޮޑަކްޝަންސްގެ ފިލްމަކަށް ސޮއިކޮށްފައިވާކަން އިއުލާނުކޮށްފިއެވެ.

ޤައުމީ އެވޯޑަށް ހަވާލުވުމަށް ފަހު ވިކްރާންތު ސޮއިކޮށްފައިވާ ކަމަށް އިއުލާނުކުރި ފުރަތަމަ ފިލްމަކީ މީގެ އަހަރުތަކެއް ކުރިން ދަރުމާއިން އެނައުންސްކުރި ފިލްމު "ދޯސްތާނާ 2"އެވެ. ދަރުމާއިން މި ފިލްމު އިއުލާނުކުރިތާ އަހަރުތަކެއްވެފައިވާއިރު ފިލްމުގެ ކާސްޓުންނަށް އެކި ފަހަރުމަތިން ވަނީ ބަދަލުތަކެއް ގެނެވިފައެވެ.

މީގެ ކުރިން މި ފިލްމުން އެކްޓަރު ކާތިކް އާރްޔަން ފެންނާނެކަން އިއުލާނުކުރި ނަމަވެސް ފަހުން ކާތިކް ވަނީ ފިލްމުން ވަކިވެފައެވެ. ކާތިކް ފިލްމުން ވަކިވި ސީދާ ސަބަބެއް ހާމަކޮށްފައިނުވާއިރު ފިލްމުގެ 20 އިންސައްތަ މަސައްކަތް ކާތިކް ވަނީ އޭރު ނިންމާފައެވެ.

ވިކްރާންތު އަދި ފިލްމު "ދޯސްތާނާ 2"ގެ ކާސްޓަށް ކުރި ހޮވި ތަރިންނާ އެކު ޕްރޮޑިއުސަރު ކަރަން ޖޯހަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

އޭރު ކާތިކާ އެކު ފިލްމު "ދޯސްތާނާ 2"ގެ ކާސްޓުގައި ފިލްމު "ކިލް"ގެ ލީޑް ތަރި ލަކްޝްޔަ އަދި ބަތަލާ ޖާންވީ ކަޕޫރު ވެސް ހިމެނޭކަން ވަނީ އިއުލާނުކޮށްފައެވެ.

ފިލްމު "ދޯސްތާނާ 2"އަށް ވިކްރާންތު ސޮއިކުރިކަން އޭނާ އެކަން އިއުލާނުކުރުމުގެ މާ ކުރިން ވެސް ގިނަ ބަޔަކަށް އެކަން އެނގޭ ކަމަށާއި އެހެންވެ، އެކަން ސިއްރުކުރަން ބޭނުންނުވާ ކަމަށް ވިކްރާންތު ވަނީ ބުނެފައެވެ. އަދި، އެއީ އެކްޓަރު ސޮއިކުރި ދަރުމާ ޕްރޮޑަކްޝަންސްގެ ފުރަތަމަ ފިލްމު ކަމަށް ވަނީ ބުނެފައެވެ.

ޔޫރަޕްގެ ގިނަ ޤައުމުތަކެއްގައި "ދޯސްތާނާ 2"ގެ ޝޫޓިންގް ކުރިއަށްދާނެއިރު ފިލްމުގައި ވިކްރާންތު ފެންނާނީ މީގެ ކުރިން ފިލްމުތަކުން ފެނިފައިނުވާ ކަހަލަ ސްޓައިލެއްގައި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ފިލްމުގެ ކާސްޓުގައި ވިކްރާންތާއި ލަކްޝްޔަ ހިމެނޭކަން ކަށަވަރުވެފައިވާއިރު ބަތަލާގެ ރޯލުން ނުވަތަ އާ "ދޭސީ ގާލް"ގެ ކެރެކްޓާއިން ފެންނާނީ ކޮން ފިލްމީ ތަރިއެއްކަން ހާމައެއް ނުކުރެއެވެ.

މީޑިއާއަށް މައުލޫމާތު ދެމުން ވިކްރާންތު ބުނީ، ފިލްމުގެ ބަތަލާއަކީ ބެލުންތެރިންނަށް ވަރަށް ބޮޑު ސަޕްރައިޒަކަށް ވާނެ ކަމަށާއި އެކަން ހާމަކުރަން ޕްރޮޑިއުސަރު ކަރަން ޖޯހަރަށް ދޫކޮށްލާފައިވާ ކަމަށެވެ.

ފިލްމު "ދޯސްތާނާ 2" އަކީ ދަރުމާއިން 2008 ވަނަ އަހަރު ގެނެސްދިން ފިލްމު "ދޯސްތާނާ"ގެ ސީކުއަލްއެކެވެ. ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި އެ ފިލްމުގެ ތަރިންނަކީ ޕްރިޔަންކާ ޗޯޕްރާ، ޖޯން އަބްރަހަމް އަދި އަބިޝޭކް ބައްޗަންއެވެ.