ކްލިކް ކޮލެޖްގެ އޮފީސް ފަޅާލައި އެތަނުން ވަގަށް ނަގާފައިވަ ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދައިފި އެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު ހުށަހެޅުނު އެ މައްސަލައާ ގުޅިގެން 42 އަހަރުގެ ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށް އެތަނުން ވަގަށްނެގި 66240ރ. ހޯދައި ކްލިކް ކޮލެޖާއި މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.

"އާދީއްތަ ދުވަހުގެ ރޭގެ ދަންވަރު އެ މައްސަލަ ހުށަހެޅުނީ. އެމައްސަލައާ ގުޅިގެން 42 އަހަރުގެ ބަންގުލަދޭޝްގެ މީހަކު ހައްޔަރުކޮށް އެފައިސާ ހޯދައި ކްލިކް ކޮލެޖާއި ވަނީ ހަވާލުކޮށްފަ،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެމީހާ ހައްޔަރުކޮށް އެ ފައިސާ ހޯދާފައި ވަނީ ކްލިކް ކޮލެޖް ސަރަހައްދުގައި ހުރި ސީސީޓީވީގެ ފްޓޭޖެއްގެ އެހީތެރިކަމާއެކު ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މިމަހުގެ އަށް ވަނަ ދުވަހު ޒޯނަލް ކޮންސްޓްރަކްޝަން އޮފީސް ފަޅާލައި އެތަނުން ވަގަށް ނަގާފައިވާ ލެޕްޓޮޕަކާއި އެހެނިހެން ބައެއް އިލެކްޓްރޯނިކް ސާމާނު ހޯދައި އެތަކެތީގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެން މަސްތަކާ އަޅާބަލާއިރު ރޯދަ މަހު ވައްކަންތައް އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.