ގދ. ވާދޫގައި ހިންގި ގުރޫޕް މާރާމާރީއެއް ކޮންޓްރޯލް ކުރަން ދިޔަ ދެ މީހަކަށް ވަޅިން ހަމަލަދީ ޒަޚަމްކޮށްލައިފި އެވެ.

މިރޭ އިރާކޮޅު ވާދޫގައި ހިންގި މާރާމާރީގައި އުމުރުން 22 އަހަރުގެ މީހެއްގެ ބުރަކަށިން ހަ އިންޗިހާތަން ޒަޚަމްކޮށްލާފައިވާއިރު، 24 އަހަރުގެ މީހެއްގެ އަތަށް ވަޅިން ހަމަލާދީ ކަށިގަނޑާ ހަމައަށް ޒަޚަމްކޮށްލާފައިވާ ކަމަށް ވާދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިޔާޒު ވިދާޅުވި އެވެ. އެ ދެ މީހުންނަށް ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނައިރު، މާލެ ފޮނުވާލަންޖެހޭހާ އަދި ސީރިއަސްނޫން ކަމަށް ކައުންސިލް އިދާރާއިން ބުނެ އެވެ. ޒަޚަމްކޮށްލި ދެ ޒުވާނުންނަކީ މާރާމަރީ އާ ގުޅުންހުރި ދެ މީހުން ނޫން ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.

ވާދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ ޒަޚަމްކޮށްލި ދެ މީހުންނަށް ވެސް ހަމަލަދީފައިވަނީ 18 އަހަރުގެ ކުއްޖެއް ކަމަށެވެ. އަދި އެ މާރާމާރީ ހިންގަން މެދުވެރިވީ ގުރޫޕެއްގެ މެދުގައި ޖެހުނު މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

"މަސްވާތަކެތީގެ މައްސަލައެއް ޖެހުނު ކަމަށްވަނީ. ޕެކެޓްތަކަށް ވީނުވީ އެއް ނޭނގިގެން ހިންގި ކަމެއް ކަމަށް މައުލޫމާތު ލިބެނީ. އެއްބަޔަކު ޕެކެޓްތައް ބޭނުންކޮށް ނުވަތަ ވިއްކާލީއޭ ވެސް ކިޔާ. އެކަމާ ހަމަނުޖެހުން ހިނގަނިކޮށް 24 އަހަރުގެ ޒުވާނާ ބުނީ ވަޅި ޖެހުމަކުން މައްސަލަ ހައްލެއް ނުވާނެއޭ. އެހެން ބުނިތަނާ އޭނާ ގަޔަށް ވަޅި ޖެހީ،" ޝިޔާޒު ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ ހަމަލައިގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެރަށަށް ދިއުމަށް ފުލުހުންގެ ޓީމެއް ފުރާފައިވާ ކަމަށެވެ.

ދެ ޒުވާނަކު ވާދޫގައި މިރޭ ޒަޚަމް ކޮށްލާފައިވާއިރު ރޭ ވަނީ އެއަތޮޅު ތިނަދޫގައި ވެސް މާރާމާރީއެއް ހިންގައި 18 އަހަރުގެ ޒުވާނަކު ޒަޚަމްކޮށްލާފަ އެވެ. ޒަޚަމްކޮށްލި 18 އަހަރުގެ ޒުވާނަކީ ތަފާތު ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ތިނަދޫން މައުލޫމާތު ދެ އެވެ.

ކައުންސިލަރު ވިދާޅުވީ ވާދޫއަކީ މަސްތުވާތަކެތީގެ ނުރައްކާ ބޮޑު ރަށަކަށް ވާތީ ފުލުހުން އެރަށުގައި ތިބުމަށް ތަކުރާރުކޮށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަށް ދިނުމަށް އިމާރާތެއް ވެސް އެރަށުގެ ރައްޔިތުން މިއަހަރުގެ ކުރީ ކޮޅު ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ ޖުލައި މަހުވެސް ފުލުހުންގެ އިދާރާގެ ބައެއް ބޭފުޅުންނާ ބައްދަލުކޮށް އެރަށަށް ފުލުހުން ފޮނުވައިދިނުމަށާއި ފުލުހުން އެދޭ ގޮތަކަށް އިމާރާތުގެ ކަންތައް ހަމަޖައްސަދޭން އެއްބަސް ވެފައިވާނެ ކަމަށް ކައުންސިލަރު ޝިޔާޒު ވިދާޅުވި އެވެ.