25 Sep 2025, 16:25
މާލޭގެ މަގެއްގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން އަގު ބޮޑު މެކްބުކެއް ވަގަށް ނެގި ކަމަށް ސާބިތުވި މީހަކު، 16 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމެއްގައިވަނީ، އެއީ ސެޕްޓެންބަރު 06، 2023ގައި ހިނގައިފައިވާ ހާދިސާއެއް ކަމަށެވެ. އެގޮތުން މައްސަލައިގައި ދައުވާކޮށްފައިވާ މީހާ، މާލޭގެ ނޫރާނީ ހިނގުމުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން 47،070 ރުފިޔާގެ މެކްބުކް ޕްރޯއެއް ވަގަށް ނެގި ކަމަށް މައްސަލައިގައިވެއެވެ.
އެ މައްސަލައިގައި ފުރަތަމަ އެ މީހާ ވަނީ ވައްކަމުގެ ދައުވާއަށް އިންކާރުކޮށްފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެ، އޭނާ ހިންމަފުށީ ޑުރަގް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަމުން އަންނަ ކަމަށް ބުނެފައެވެ.
ޝަރީއަތުގައި އެ މީހާ ވަނީ، މެކްބުކް ވަގަށް ނެގީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށާއި، ފުލުހުން އޭނާ ހައްޔަރުކުރުމުން ލެޕްޓޮޕް ވީ ތަނެއް ބުނެދީފައިވާނެ ކަމަށް ބުނެފައެވެ. އޭނާގެ މައްޗަށް ވައްކަމުގެ އިތުރު ތުހުމަތުތަކެއްކޮށް މައްސަލަތައް ބަލަމުން އަންނައިރު، ޝަރީއަތުގައި އޭނާ ވަނީ ޑުރަގުން ސަލާމަތްވުމަށް މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.
އެ މައްސަލައިގައި ދައުލަތުން ބުނެފައިވަނީ ދައުވާގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ. އަދި ދައުވާ ލިބޭ މީހާ ވަނީ، އޭނާއަށް ލުއި ގޮތެއް ހަދައި ދިނުމަށް އެދި، ޖޫރިމަނާއަކަށް ބަދަލުކޮށްފި ނަމަ އާއިލާއާ ވާހަކަ ދައްކައިގެން އެ ފައިސާ ދެއްކޭނެ ކަމަށް ބުނެފައެވެ.
އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ، އެ މީހާ ކުށަށް އިއުތިރާފުވެފައިވާތީ އާއި އޭނާއަކީ މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށްވާތީ، އެކަމަށް އެހީތެރިވެ އެއްބާރުލުން ދިނުމުގެ ގޮތުން އޭނާގެ ކުށުގެ ދަރަޖަ ދަށް ކުރައްވައިފައެވެ.
އެއަށްފަހު އެ މީހާގެ މައްޗަށް ކުރި ހުކުމަކީ 16 ދުވަހުގެ ޖަލު އަދަބަކާއި، 25،600 ރުފިޔާގެ ޖޫރިމަނާއެކެވެ. އޭނާ ހަތް މަސް ތެރޭ މީރާއަށް ޖޫރިމަނާ ފައިސާ ދައްކަން ޖެހެއެވެ.
އެ ހުކުމުގައިވަނީ، އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި އޭނާ 15 ދުވަހާއި 20 ގަޑިއިރަށް ވުރެ ދިގު މުއްދަތަކަށް ބަންދުކޮށްފައިވާތީ ޖަލު ހުކުމް ތަންފީޒު ކުރަން ނުޖެހޭ ކަމަށް ކަނޑައަޅައިފައެވެ.
ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، އެ މައްސަލައާ ގުޅިފައިވާ ވައްކަމުގެ މައްސަލަތައް ވެސް ވަރަށް ގިނައެވެ. އެގޮތުން ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓުކުރަނީ ވެސް ވައްކަމުގެ މައްސަލަތަކެވެ.
މި އަހަރުގެ މިހާތަނަށް ވައްކަމުގެ 2،432 މައްސަލަ ހުށަހަޅައިފައިވެއެވެ.