ދައުލަތުގެ މުދަލެއް ވިއްކާއިރު ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް "ދައުލަތުގެ މާލިއްޔަތު ގާނޫނު"ގައި ބުނާ މާއްދާއަށް ލުއިތަކެއް ގެނެސް އެ ގާނޫނު އިސްލާހުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ދައުލަތުގެ އިމާރާތްތަކާއި ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމާއި ވިއްކުމާއި ލޯނު ނެގުމާއި ގެރެންޓީ ދޫކުރުމުގައި މަޖިލީހުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައީ 2010 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ އިސްލާހު މަޖިލީހަށް ވެއްދީ އޭރުގެ އިދިކޮޅު ފަރާތްތައް އަދި މިހާރު ސަރުކާރުގައި އިއްތިހާދުވެގެން ތިބި ޕާޓީ ތަކުންނެވެ.

ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު ސަން އޮންލައިންއަށް މިއަދު ވިދާޅުވީ މާލިއްޔަތު ގާނޫނަށް އިސްލާހުގެންނަން ސަރުކާރުން މާލިއްޔަތު ކޮމެޓީއަށް އިސްލާހު ހުށަހެޅީ އެ ގާނޫނުގައި ބުނެފައިވާ ދައުލަތުގެ މުދަލުގެ ގޮތުގައި ހިމެނޭ އެއްވެސް އެއްޗެއް ވިއްކަން ވާނީ ނުވަތަ ކުއްޔަށް ދޭން ވާނީ މަޖިލީހުގެ ހުއްދަ ލިބިގެން ކަމަށް ބުނާ ނުގުތާއަށް ކަމަށެވެ.

ޖިހާދު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ތާއީދު ލިބި އެ އިސްލާހު ފާސްވެއްޖެނަމަ ސަރުކާރުން މަޖިލީހުގެ ހުއްދައަކަށް އެދެން ޖެހޭނީ ފަސް މިލިއަން ރުފިޔާ އަށް ވުރެ އަގުބޮޑު މުދަލެއް ވިއްކާލަން ނުވަތަ ކުއްޔަށް ދޭނަމަ ކަމަށެވެ.

"ލޯނުނަގަން ޖެހޭނީ މަޖިލީހުގެ ހުއްދަ ލިބިގެން، އެބަޔަކަށް އަޅުގަނޑުމެން އިސްލާހެއް ހުށައެއް ނާޅަން، އަޅުގަނޑުމެން ދެކެނީ ލޯނު ނަގަން ޖެހޭނީ ހަމަ ހުއްދަ ލިބިގެން ކަމަށް،" މިނިސްޓާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލިއްޔަތު ގާނޫނަށް އެގޮތަށް އިސްލާހު ގެންނަން ނިންމެވީ ދައުލަތު މުދާ ފަދަ ތަކެތި ކުއްޔަށް ދޫކުރުމުގައި ފިނޭންސް މިނިސްޓްރީގެ ދައުރެއްވެސް އޮންނަން ޖެހޭނެކަމަށް ގަބޫލުކުރެވޭތީ ކަމަށާއި މުދާ ފަދަތަކެތި ކުއްޔަށް ދޫކުރުމުގައި ފިނޭންސް މިނިސްޓްރީގެ ޒިންމާއެއްވެސް އޮންނަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެއާޕޯޓު ފަދަ ބޮޑަތި ތަކެތި ކުއްޔަށް ދީ ހަދާއިރު އޮންނަން އެބަޖެހޭ ރައްޔިތުންގެ ބަހެއް ވެސް، މި އިސްލާހުގެ ދަށުން އެކަން މަނައެއް ނުކުރާނެ، އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ފިނޭންސް މިނިސްޓްރީގެ ޒިންމާވެސް މިކަމުގައި އޮންނަން ޖެހޭނެ ކަމަށް، އެ މަގުސަދުގައި މި އިސްލާހު ވެސް ފޮނުވާފައި ވާނީ،" މިނިސްޓާ ވިދާޅުވި އެވެ.

ދެހާސް ހަވަނަ އަހަރު އަމަލުކުރަން ފެށި މާލިއްޔަތު ގާނޫނަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރު ސަރުކާރުގައި ތިބި ފަރާތްތަކުން އިސްލާހު ހުށަހެޅީ ދައުލަތުގެ މުދާ ސަރުކާރުން ނަހަމަ ގޮތުގައި އެކި ފަރާތްތަކަށް ބަހަމުންދާކަމަށް ބުނެ އެވެ. އެ ގާނޫނު ރައީސް މުހަންމަދު ނަޝީދު ތަސްދީގު ކުރެއްވެވީ ވެސް ދެ ފަހަރަށް މަޖިލީހަށް ފޮނުވައިގެން ފާސްކޮށް އެ ގާނޫނު ލަސްނުވެ ތަންފީޒު ކުރުމަށް ސްޕްރީމް ކޯޓުން އަމުރުނެރެގެންނެވެ.