25 Sep 2025, 13:29
ދުނިޔޭގެ ބައިނަލްއަޤްވާމީ މޮޓޯ ސްޕޯޓްސް ޖަމިއްޔާގެ "އޭޝިއާ ޕެސިފިކް މޮޓޯ ސްޕޯޓްސް ޗެމްޕިއަންޝިޕް" ގައި، ފުރަތަމަ ފަހަރަށް ޤައުމީ ޓީމެއް ބައިވެރިކުރަން, ރޭސިން އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް (އާރުއޭއެމް) އިން ނިންމައިފިއެވެ.
މި މުބާރާތުގައި ހުނަރު ދައްކާލުމަށް ދިވެހި އެތުލީޓުން ދަތުރުކުރާނީ އަވައްޓެރި ސްރީ ލަންކާއަށެވެ. މިއީ ފެޑެރޭޝަން އިންޓަނޭޝަނަލް ޑި އޮޓޯމޯބައިލް (އެފްއައިއޭ) ގެ ހުއްދަ ލިބިފައިވާ މުބާރާތެއްގައި ބައިވެރިވެ, ދިވެހި އެތުލީޓުން ބައިނަލްއަޤްވާމީ މައިދާނެއްގައި އަމިއްލަ ޤައުމު, ޤައުމީ އެސޯސިއޭޝްންގެ ގޮތުގައި ތަމްސީލުކުރާ ފުރަތަމަ ފަހަރެވެ.
ސިލޯން މޯޓާ ސްޕޯޓްސް ކްލަބް (ސީއެމްއެސްސީ) އިން އިންތިޒާމުކޮށްގެން ބާއްވާ (އެފްއައިއޭ) ގެ މި ޗެމްޕިއަންޝިޕްގެ މަޤްސަދަކީ މި ސަރަޙައްދުގައި މޮޓޯ ސްޕޯޓްސްއަށް އެންމެ ޤާބިލު ފަންނުވެރި ރޭސް ޖަހާ ފަރާތްތައް އެއް ޕްލެޓްފޯމަކަށް އެއްވެ އެކުވެރި މާޙައުލެއްގައި ވާދަކޮށް, ހުނަރު ދައްކާލުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން ކަމަށް އާރުއޭއެމްއިން ބުނެއެވެ.
އެންމެ ފުރަތަމަ މިފަދަ މުބާރާތެއް ބާއްވާފައިވަނީ 2023 ވަނަ އަހަރުގައެވެ. އެ މުބާރާތުގައި ޙާސިލްވި ކާމިޔާބީއާ ލިބުނު ތަޖުރިބާގެ އަލީގައި ބާއްވާ މި ފަހަރުގެ މުބާރާތް ވެގެންދާނީ މި ސަރަޙައްދުގެ މޮޓޯސްޕޯޓްގެ ދާއިރާއަށް ގިރާކުރެވިގެން ދިޔަ އިތުރު ހަރުފަތަކަށެވެ.
ޖުމްލަ ހަ ޑްރައިވަރުންނާއި ފަސް އޮފިޝަލުން ހިމެނޭ ދިވެހި ޓީމެއް އިއްޔެ ވަނީ ލަންކާއަށް ގޮސްފައެވެ.
މުބާރާތުގައި ދިވެހި ޓީމުން ވާދަކުރާ ހަތަރު ބަޔަކީ
ކާޓިން އެންޑިއުރަންސް
- ކާޓިން ސްލަލޮމް
- އޮޓޯ ޖިމްކާނާ
- އީސްޕޯޓްސް
ޑްރައިވަރުންގެ އިތުރުން ދިވެހި އޮފިޝަލުން ވެސް "އޭޕީއެމްސީ 2025" ގައި ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިއީވެސް ރާއްޖޭގެ ރޭސިންއަށް ލިބުނު ބޮޑު ފުރުސަތެކެވެ. މިއީ ދިވެހިން އެފްއައިއޭގެ އިވެންޓެއްގައި އޮފިޝަލުންގެ ގޮތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފުރަތަމަ ފަހަރެވެ.
މިފަދަ ބައިނަލްއަޤްވާމީ ބޮޑު މައިދާނެއްގައި ވާދަކޮށްލުމަށް ދިވެހި މޯޓާ ސްޕޯޓްސްގެ ބައިވެރިންނަށް ފުރުސަތު ލިބިގެން މިދިޔައީ ދިވެހިރާއްޖޭގައި މި ކުޅިވަރު ކުޅޭ ފަރާތްތަކަށް ނުހަނު ގިނަ ދަތިތަކާއި, ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.