ބައުންސްވެފައި ހުރި ޗެކްތަކަށް ފައިސާ ދައްކަން ދިން މުއްދަތުގައި ފައިސާ ނުދައްކާ 91 ފަރާތަކާ ދެކޮޅަށް ޖިނާއީ އަދި މަދަނީ ދައުވާ ކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ޑައިރެކްޓާ އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވީ ބައުންސް ޗެކްތަކަށް ފައިސާ ދައްކަން މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހާ ހަމައަށް މުއްދަތު ދިން ކަމަށާއި ނަމަވެސް އެ މުއްދަތުގައި ވެސް 91 ފަރާތްތަކަށް ނިސްބަތްވާ 165 ޗެކަކަށް ފައިސާ ދައްކާފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ފުލުހުންނަށް އެ ފަރާތްތަކުގެ މައްސަލަތައް ހުށަހަޅަން ވަނީ ނިންމާފައި. ދެން ފުލުހުން އެ މައްސަލަތައް ޕީޖީއަށް ފޮނުވާނީ. ޕީޖީން ދައުވާކުރާނީ. އަޅުގަނޑުމެން އެބޭފުޅުންނަށް އެކަށީގެންވާ ފުރުސަތު ވެސް ދިނިން،" ފަތުހުﷲ ވިދާޅުވި އެވެ.

މީރާއިން އާންމުކޮށްފައިވާ ހިސާބުތަކުން ބައުންސް ޗެކްތަކުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ 3.7 މިލިއަން ރުފިޔާ ވަނީ ނުލިބި އެވެ. މީރާއިން ބުނެފައި ވަނީ ބައުންސް ޗެކްގެ މައްސަލަ އިތުރުވެ ފުނި ޖެހުނީ ބިދޭސީންނާ ގުޅުން ހުރި އެކި ފައިސާތައް ނަގަން ފެށުމުން ކަމަށެވެ.

"ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާ ބެހޭ ގާނޫނު"ގެ ދަށުން މީރާއިން މީހާރު ވަނީ ޗެކަށް ފައިސާ ބަލައިގަންނާނެ އުސޫލެއް އާންމުކޮށްފަ އެވެ. އެ އުސޫލުގެ ދަށުން ޗެކުން ފައިސާ ދައްކަން ޖެހޭ ފަރާތްތައް ރަޖިސްޓްރީކުރަން ޖެހޭއިރު ބައުންސްވާ ޗެކަށް 20 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އެމީހެއްގެ މައްސަލަ ޝަރީއަތަށް ފޮނުވާނެ ކަމަށެވެ.

މީގެއިތުރުން ވެސް އެ ގަވާއިދުގައި ހުރި ކަންތައްތަކުގެ ތެރޭގައި ޗެކް ބައުންސްވާ ފަރާތްތައް މިރާ އިން ކަނޑައަޅާ މުއްދަތަކަށް ބްލެކް ލިސްޓް ކުރުމާއި ފައިސާ ދައްކާފައިވާ ޗެކެއް ބައުންސްވި ނަމަވެސް އިންޓަރެސްޓާއި ޖޫރިމަނާ ނަގާނެ އެވެ.

ޗެކް ބައުންސްވެއްޖެ ނަމަ ޗެކަށް ފައިސާ ދައްކަން ލިބޭނީ ތިން ދުވަހެވެ. ބައުންސް ޗެކަށް ފައިސާ ބަލައި ގަންނާނީ ގެރެންޓީ ދީފައިވާ ޗެކަކުން ނޫނީ ނަގުދު ފައިސާއިން ކަމަށް ވެސް މީރާ އިން ވަނީ ކަޑައަޅައިފަ އެވެ.

"ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާ ބެހޭ ގާނޫނު"ގެ 39 ވަނަ މާއްދާގެ (ށ)ގެ ދަށުން ޗެކް ބައުން މައްސަލައެއް ސާބިތުވެއްޖެ މީހާގެ އަދަބަކީ ހަމަހާއި ނުވަތަ ދެ އަހަރާއި ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށް ލުމެވެ.