29 Aug 2010, 10:58
ހައިކޯޓްގެ ފަނޑިޔާރުން ހަމަވިހާ އަވަހަކަށް ސިވިލްސާވިސްގެ މުސާރަ ރުޖޫއަކުރުން އަވަސް ކުރުމުގެ މައްސަލަ ނިންމައިދިނުމަށް އެޕީލް ކުރައްވާނެ ކަމަށާއި ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ އާއި އުޖޫރަ، ރުޖޫއަނުކޮށްދީ ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގެ އާ ރައީސް މުހަމައްމަދު ފަހުމީ ހަސަން މިއަދު ވިދާޅިވެއްޖެ އެވެ.
ސީއެސްސީގެ ރައީސް ކަމާ މިއަދު ހަވާލު ވަޑައިގަތުމަށް ފަހު މިޑިޔާ އަށް ދެއްވި ފުރަތަމަ އިންޓަވިއު ސަންއެފްއެމް އޮންލައިނަށް ދެއްވަމުން ވިދާޅުވީ ގާނޫނު އަސާސީގެ، އަސާސީ ހައްގުތަކުގެ ބާބުގައި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަކީ ހުރިހާ އެންމެންގެ މައްޗަށް ހަމަހަމަކަން އޮންނަން ވާނެ ކަމެއް ކަމަށް ބަޔާންވެފައި އޮތުމުން އެ މަނިކުފާނު ގަބޫލު ކުރައްވަނީ ސިވިލްސާވިސް މުވައްޒަފުންގެ މުސާރަތައް ވެސް ހަމަހަމަކަމާ އެކު ހަމަޖެހެން ޖެހޭނެ ކަމަށެވެ.
ވެލާނާގޭ 12 ވަނަ ބުރީގައި ހުންނަ އެ މަނިކުފާނުގެ އޮފީހުގައި އިންނަވައިގެން ވިދާޅުވީ ދައުލަތުގެ ބަޖެޓުން މުސާރަދޭ މުއައްސަސާތަކުގެ ތެރެއިން ބައެއް މުއައްސަސާތަކުގެ މުސާރަތައް ކުޑަކުރުމަށް ފަހު މިހާރު ރުޖޫއަ ކޮށްދީފައިވާ ކަމަށެވެ. އެހެން ކަމުން މުސާރަ ރުޖޫއަ ކުރުމުގެ އުސޫލު ހަމަހަމަ ވާނީ ހުރިހާ އެންމަނަށް މުސާރަތައް ރުޖޫއަ ވުމުން ކަމަށެވެ.
"ޖުޑީޝަރީ އަށް (އިހުއޮތް މުސާރަ) ރުޖޫއަ ކޮށްދީފި. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް (އިހު އޮތް މުސާރަ) ރުޖޫއަ ކޮށްދީފި. އިލެކްޝަންސް ކޮމިޝަނަށް ރުޖޫއަ ކޮށްދީފި، މިހެން ހުރި ދައުލަތުން މުސާރަދޭ ކުރީގައި މުސާރަ ކުޑަކުރި ދައުލަތުގެ ވަރަށް ގިނަ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ މިހާރު ވަނީ އިއާދަކޮށްދީފައި. އަޅުގަނޑުމެންނަށް އެ އުސޫލުން އިއާދަކޮށް ނުދިނުން އަޅުގަނޑު ދެކެނީ އެއީ ގާނޫނޫ އަސާސީއާ ހިލާފު ކަމެއް ކަމަށް،" ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ އެމަނިކުފާނު އެހެން ވިދާޅުވި ކަމުގައިވިޔަސް މުވައްޒަފުންގެ މުސާރައިގެ މައްސަލާގައި އެންމެ ފަހުގެ ފައިސަލާ އަންނާނީ ޝަރުއީ ކޯޓުތަކުން ކަމަށާއި އެ ފައިސަލާ ހޯދަން މީގެ ކުރިން ކޯޓަށް ދިއުމުން އެއީ ދޭން ޖެހޭ އެއްޗެއް ކަމަށް ހުކުމް ކޮށްފައިވާ ކަމަށެވެ.
ފަހުމީ ވިދާޅުވީ އޭގެ ފަހުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގައި އަޑު އެހުންތައް ނިމި ހުކުމެއް އިއްވުމުގެ މަރުހަލާގައި އޮތް ކަމަށެވެ.
"އެކަމަކު މިވަގުތު ހައިކޯޓުގެ ބެންޗެއް ނެތް. ހައިކޯޓްގެ ބެންޗު ހަމަވުމާ އެކު އަޅުގަނޑުމެން ހައިކޯޓްގައި އެޕީލް ކުރާނަން މުސާރައިގެ މި މައްސަލަ އަވަސްކޮށްދެއްވުމަށް،"
ސިވިލްސާވިސްގެ މުވައްޒަފުންގެ މުސާރަ އަވަސްކޮށް، ކުރީގެ ހާލަތަށް ރުޖޫއަކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތައް ކުރައްވާނެ ކަމަށާއި ކޯޓުން ބޭރުގައި ފިނިނޭސް މިނިސްޓްރީއާ އެކު ވާހަކަ ދައްކައިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
"އެ ގޮތުން ވެސް އަދި ހައިކޯޓުގައި މައްސަލަ ކާމިޔާބު ނުވެއްޖެ ނަމަ ވެސް މި ކަމުގައި ޝަރީއަތުގެ އެންމެ މަތީ މަރިހަލާ އަށް ދާނަން،" ފަހުމީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ކޮމިޝަންގެ ގާނޫނީ ޓީމާ އެކު ކޯޓްތަކަށް ވަޑައިގެންނެވި ގޮތަށް ދެންވެސް ކޮމިޝަނުގެ މައްސަލަތަކުގައި އެ މަނިކުފާނު ކޯޓަށް ވަޑައިގަންނަވާނެ ކަމީ "ޝައްކެއް" އޮތް ކަމެއް ނޫން ކަމަށެވެ.