13 Aug 2012, 16:32
އާސަންދައިގެ ހިދުމަތްތައް ކްލިނިކްތަކުން ދޭން ފަށާއިރު އާސަންދަ ނިޒާމުގެ ދަށުން ހިދުމަތްތަކަށް އަގު ނެގުމަށް ހަމަަޖައްސާފައިވާ އަގު ލިސްޓް އާއްމުކޮށްފި އެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަފާޒު މިއަދު ވިދާޅުވީ އާސަންދަގެ ހިދުމަތް ހުރިހާ ކްލިނިކްތަކަށް ހުޅުވާލި އިރު ކަނޑައަޅާފައިވާނީ އެއް އަގެއް ކަމަށާއި ކްލިނިކްތަކުގެ އަގުތައް ތަފާތު ވިނަމަވެސް އާސަންދަ އަށް ބިލް ކުރަން ޖެހޭނީ އެއް އަގެއްގައި ކަމަށެވެ. އަދި ކްލިނިކްތަކާ އެކު އާސަންދައިން ވެފައިވާ އެއްބަސްވުމުގެ ދަށުން މާލޭގެ އަށް ކްލިނިކަކުން އާސަންދަގެ ހިދުމަތް ދޭން އެއްބަސްވެފައިވާ އިރު އޭގެތެރެއިން ހިދުމަތް ދެމުން އަންނަނީ ހަތަރު ކްލިނިކަކުން ކަމަށް ރެކޯޑްތަކުން ދައްކާ ކަމަށާއި އެހެން ތަންތަނުން ހިދުމަތް ނުފެށިގެން އުޅެނީ ކޮން ސަބަބަކާ ހުރެތޯ ބަލަމުން އަންނަ ކަމަށެވެ.
"ޕްރައިވެޓް ކްލިނިކްތަކުން އާސަންދަ ދޭ ތަންތަނަށް އަގު ނެގުމަށް ކަނޑައަޅާފައިވާ ލިސްޓް އެއީ، ހިދުމަތް ނުފެށިވާ ތަންތަނުގެ މައުލޫމާތު ހޯދަމުން މިގެންދަނީ. ބައެއް ކްލިނިކްތަކުން (އެހިދުމަތް) ފެށިއިރު ވެސް އުޅުނު ބައެއް ކަހަލަ ޓެކްނިކަލް މައްސަލަަތަކެއް ދިމާވެގެން. ޑޮކްޓަރުންނަށް ވެސް ޓްރޭނިންތަކެއް ދީގެން މިހިދުމަތް ފެށެނީ،" ޝަފާޒު ވިދާޅުވި އެވެ.
އާސަންދަ ކުންފުނީގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ އަގުތަކުގެ ލިސްޓުގައިވާ ގޮތުން އައްސިކުރުމާއި ހޭނެއްތުމުގެ އަގުތައް ހުރީ 100ރ. އާއި 950ރ. އާ ދެމެދުގަ އެވެ. ދަތުގެ ބަލިތަކުގެ އަގުތައް ހުރީ ފަސް ރުފިޔާ އާއި 600ރ. އާ ދެމެދުގަ އެވެ. ސިރިންޖް ފަދަ މެޑިކަލް ކޮންސިއުމަބަލް ތަކެތީގެ އަގުތައް އުޅެނީ އެއް ރުފިޔާ އާއި 100ރ. އާ ދެމެދުގަ އެވެ. އަދި ލެބޯޓްރީގެ ޓެސްޓްތަކަށް 10ރ. އާއި 500ރ.އާ ދެމެދުގެ އަގެއް ނެގުމަށް ވަނީ ހަމަޖައްސައިފަ އެވެ.
ސީޓީ ސްކޭންގެ އަގުތައް ހުރީ 200ރ. އާއި 1200ރ.އާ ދެމެދުގަ އެވެ. އެމްއާރުއައިގެ އަގުތައް ހުރީ 1600ރ. އާއި 3000ރ. އާ ދެމެދުގަ އެވެ. އަދި ޔޫއެެސްޖީގެ އަގުތައް 180ރ. އާއި 400ރ. ދެމެދުގަ އެވެ. އެސްކްރޭގެ އަގުތައް ހުރީ 50ރ. އާއި 50ރ.އާ ދެމެދުގަ އެވެ. މީގެއިތުރުން ފިޒިއޯތެރަޕީގެ އަގުތައް ހުރީ 10ރ. އާއި 100ރ.އާ ދެމެދުގަ އެވެ.
އާސަންދައިން ކަރުންމަތީގެ ބަލިތަކާއި އޮޕަރޭޝަންތަކުގެ އަގުތައް ހުރީ 25ރ. އާއި 2700ރ.އާ ދެމެދުގަ އެވެ. އަދި ތަފާތު އެހެނިހެން ބަލިތަކާއި އެހެނިހެން އޮޕަރޭޝަންގެ އަގުތައް އުޅެނީ 15ރ. އާއި 5000ރ. އާ ދެމެދުގައި ކަމަށް އާސަންދައި ކުންފުނިން އާއްމުކޮށްފައިވާ އަގު ލިސްޓުގައިވެ އެވެ.
އާސަންދަ ނިޒާމުގެ ދަށުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އޭޑީކޭ އިން ވެސް ބޭސް ފަރުވާ ހޯދާ ފަރާތްތަކުން އަގު ނަގަން ފަށައިފައިވާ އިރު އޭއެސްއެލް މެޑިކަލް ސެންޓަރާއި ސެންޓްރަލް ކްލިނިކާއި ސިފައިންގެ މެޑިކަލް އައި ކެއާއިން ވެސް ވަނީ އާސަންދައިގެ ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ.